2028 ޖުލައި 26 އަށް ނިންމަން ބުނެ ހެދި ރޯމަރުދޮގު: 1
* 2025ގެ ނިޔަލަށް | * 2028 ޖުލައި 26 އަށް | ހުރިހާ ރަށެއްގައި ކުނި ނައްތާލާނިޒާމް ގާއިމުކުރާނަން: މުއިއްޒު
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ކޮންމެ ރަށެއްގައި 2028 ވަނަ އަހަރުގެ ޖުލައި 26 ނިންމާނެކަމަށް ރައީސް އެ ވިދާޅުވީ ކުނި ނައްތާލުމުގެ ކޮން ނިޒާމެއްގެ ވާހަކައެއް ހެއްޔެވެ. ނިމިފައި ހުންނާނެކަމަށް އެ ވިދާޅުވީ ކޮން ކުނިކޮއްޓެއްގެ ވާހަކައެއް ހެއްޔެވެ.
2025 ވަނައަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނިކޮށިއަޅާ ކުނިނައްތާލާ ނިޒާމް ގާއިމުކޮށް ނިންމާނެކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ. އެހެން ރައީސް ވިދާޅުވީ ސަމާސާތާކު ނޫނެވެ. ރައީސް މުއިއްޒު އެހެން ވިދާޅުވީ 2025 ވަނައަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރައްޔިތުންގެ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގައެވެ.
ރިޔާސީ ބަޔާނަކީ ގާނޫނުއަސާސީ ލާޒިމްކުރާ ކަންތައްތަކެއްގެ މައްޗަށް އަލިއަޅުވާލާ ރައީސް ވެވަޑައިގަންނަވާ ގާނޫނީ އިގުރާރެކެވެ. ރިޔާސީ ބަޔާނަކީ ސަރުކާރުގެ އަހަރީ ރިޕޯޓެވެ. ރިޔާސީ ބަޔާނަކީ ހިޔާލީ ކުރުވާހަކައެއް ނޫނެވެ. ރިޔާސީ ބަޔާނަށްވުރެ ބޮޑަށް އިތުބާރު ހިފޭ އެއްވެސް ބަޔާނެއް ގައުމެއްގައި ނުއޮންނާނެއެވެ. ސަރުކާރަކުން ކުރެވުނުކަމަކާއި ކުރާނެކަމެއް އެންމެ އިތުބާރު ހުރި ގޮތެއްގައި އެނގޭ ބަޔާނަކީ ރިޔާސީ ބަޔާނެވެ.
2025 ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި ނައްތާލުމުގެ ނިޒާމް ގާއިމުކޮށް ނިންމާނެ ކަމަށް 2025 ގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވުމުން އެނގެނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނިކޮށިއަޅާ ކުނި ނައްތާލުމުގެ ނިޒާމް ގާއިމުކޮށްދީ ނިންމާނެކަމެވެ. 2025 ނިމި 2026 ވެސް ދެބައިވެއްޖެއެވެ. އެހެން ކަމުން މިހާރު ހުންނަންވާނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނިކޮށިއަޅާ ކުނި ނައްތާލުމުގެ ނިޒާމް ގާއިމުކޮށްދީ ނިންމާފައެވެ. އަލަކުން އަޅާނެ ކުނިކޮއްޓެއް ގާއިމުކުރާނެ ކުނިނައްތާލާ ނިޒާމެއް މިހާރަކު އޮވެގެން ނުވާނެއެވެ.
އެހެން އެކަން އޮތްއިރު 2028 ގެ ޖުލައި 26 އަށް ކޮންމެ ރަށެއްގައި ނިންމާނެކަމަށް އެ ވިދާޅުވީ ކޮން ކުނިކޮއްޓަކާއި ކޮން ކުނި ނައްތާލާ ނިޒާމެއްގެ ވާހަކައެއް ހެއްޔެވެ. ހުއްދަ ނޫނަސް މީހުން ދޮގު ހަދާލާ ގޮތް ހުރެއެވެ. ދެކެދެކެވެސް މިވަރުގެ ދޮގުވެރިއަކު ނުދެކެމެވެ.
ރަށެއްގައި އެޅިއްޔާ އެޅި ކުނިކޮއްޓާކާއި ގާއިމު ކުރިއްޔާކުރި ކުނި ނައްތާލާ ނިޒާމަކީ މުއިއްޒުގެ ކުރިން ވެރިކަންކުރި މީހުން ކުރިކަންކަމެވެ. މުއިއްޒުގެ ވެރިކަމުގެ ދެއަހަރި ބައިތެރޭގައި އަލަކަށް އެޅި ކުނިކޮޢްޓެއް ގާއިމުކުރި ކުނި ނައްތާލާ ނިޒާމެއް ދުށް މީހަކު ނޫޅެއެވެ. 2025 ވަނަ އަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި ކުނި މެނޭޖުކުރުމުގެ ކަންކަން ނިންމާނެ ކަމަށް ބުނެ ރިޔާސީ ބަޔާނުގައިވެސް ހެދީ ދޮގެވެ. 2028ގެ ޖުލައި 26 އަށް ނިންމާނެކަމަށް ބުނެވެސް އެހެދީ ރޯމަރު ދޮގެކެވެ.


