ކޮރަޕްޝަންގެ ތުހުމަތުގައި ސްޕެއިންގެ ބޮޑުވަޒީރުގެ އަނބިކަނބަލުން ފުރުން މަނާކޮށްފި
ސަންޗޭޒްގެ އަރިސް ބޭފުޅުންނަށް އަމާޒުވާ ކޮރަޕްޝަންގެ މައްސަލައެއް
ސްޕެއިނަކީ ކޮރަޕްޝަންގެ މައްސަލަތަކާ ބީރައްޓެހި ގައުމެއް ނޫނެވެ. ވޭތުވެދިޔަ ފަހުގެ ތާރީހުތަކުގައި ކޮރަޕްޝަންގެ އެކި މައްސަލަތަކާ ގުޅިގެން ގިނަ ސިޔާސީ ފަރާތްތަކެއްގެ ކެރިއަރު ވަނީ ނިމުމަކަށް އައިސްފައެވެ.
މިހާރު އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހިފައިވަނީ، ވޭތުވެދިޔަ އަށް އަހަރު ސްޕެއިންގެ ބޮޑުވަޒީރުކަން ކުރައްވަމުން ގެންދަވާ ޕެޑްރޯ ސަންޗޭޒްއަށެވެ. އެމަނިކުފާނަކީ ގާޒާގެ މައްސަލައާއި، އީރާންގެ ހަނގުރާމައާއި، ވިޔަފާރީގެ ޓެރިފްތަކާ ގުޅޭގޮތުން ޓްރަމްޕްގެ ސަރުކާރަށް ފާޅުގައި ފާޑުވިދާޅުވަމުން ގެންދަވާ މަދު ޔޫރަޕްގެ ލީޑަރުންގެ ތެރެއިން ބޭފުޅެކެވެ.
ސަންޗޭޒްގެ ވެރިކަމުގައި، ސްޕެއިންގެ އިގުތިސޯދަކީ ޔޫރަޕްގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުންދާ އެއް އިގުތިސޯދަށް ވަނީ ވެފައެވެ. ސްޕޭންގެ އިގުތިސޯދު ރަނގަޅު ވަމުން ދަނީ ވަކިވެގަންނަން އުޅޭ ޕާޓީތަކެއް ހިމެނޭ ބަލިކަށި ކޯލިޝަނަކާއެކު ސަންޗޭޒް ވެރިކަން ކުރައްވަމުން ގެންދަވާ ހާލަތެއްގައެވެ.
ސަންޗޭޒްއާއި އޭނާގެ ވާތުފިޔައިގެ "ސްޕެނިޝް ސޯޝަލިސްޓް ވޯކާސް ޕާޓީ" ވެރިކަމަށް އައީ 2018 ވަނަ އަހަރު، އޭރު އޮތް ކަނާތުފިޔައިގެ "ޕީޕަލްސް ޕާޓީ" ބޮޑު ކޮރަޕްޝަންގެ މައްސަލައެއްގައި ތަޅުއެޅި، އިތުބާރު ނެތްކަމުގެ ވޯޓަކުން ބަލިވުމާ ގުޅިގެންނެވެ. ނަމަވެސް، މިއަދު މިވަނީ އެފަދަ ނުރައްކާތެރި ހާލަތެއް ސަންޗޭޒްއާ ކުރިމަތިވެފައެވެ.
މިދިޔަ ހޮނިހިރު ދުވަހު، ސްޕެއިންގެ ފަނޑިޔާރަކު ވަނީ ސަންޗޭޒްގެ އަނބިކަނބަލުން ބެގޯނިއާ ގޯމޭޒްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލައި، ޝަރީއަތް ފެށުމަށް އަމުރުކޮށްފައެވެ. މީގެ އިތުރުން، އެ ކަމަނާގެ ޕާސްޕޯޓް ހިފަހައްޓައި، ގައުމުން ބޭރަށް ފުރުން މަނާކޮށް، ކޮންމެ މަހަކު ދެ ފަހަރު ކޯޓަށް ހާޒިރުވުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.
ފަނޑިޔާރު ހުއާން ކާލޯސް ޕެއިނާޑޯ ވަނީ ގޯމޭޒްގެ މައްޗަށް ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމާއި، ނުފޫޒު ފޯރުވުމާއި، ވިޔަފާރީގެ މުއާމަލާތްތަކުގައި ކޮރަޕްޝަން ހިންގުމުގެ ތުހުމަތުކޮށްފައެވެ. ތުހުމަތު ކުރެވޭ ގޮތުގައި އޭނާ ވަނީ މެޑްރިޑްގެ ޔުނިވަރސިޓީއެއްގައި އޭނާގެ ވަޒީފާގެ ކުރިއެރުމަށް ބޮޑުވަޒީރުގެ އަނބިކަނބަލުންގެ ހައިސިއްޔަތު ނާޖާއިޒު ގޮތުގައި ބޭނުންކޮށްފައެވެ.
ގޯމޭޒްއާއި ސަންޗޭޒް ވެސް މި ތުހުމަތުތައް ދޮގުކުރައްވައެވެ. ސަންޗޭޒް ވިދާޅުވަމުން ގެންދަވަނީ މިއީ ސިޔާސީ މަގުސަދެއްގައި ކުރިއަށްގެންދާ "ހުތުރު ޑްރާމާއެއް" ކަމަށެވެ.
މި ތަހުގީގު ފެށުނީ 2024 ވަނަ އަހަރު، ކަނާތުފިޔައިގެ ވިސްނުމާ ގުޅުން އޮންނަ "މަނޯސް ލިމްޕިއަސް" (ސާފު އަތްތަކެއް) ނަމަކަށް ކިޔާ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ގްރޫޕަކުން ގޯމޭޒްއާ ދެކޮޅަށް މައްސަލަ ހުށަހެޅުމުންނެވެ. އެ ދުވަސްވަރު ސަންޗޭޒް ވަނީ މަގާމުގައި ހުންނަވާނެތޯ ނުވަތަ ނޫންތޯ ބެލުމަށްޓަކައި ހަފްތާއެއްހާ ދުވަހަށް ރަސްމީ މަސައްކަތްތަކުން ދުރުވެވަޑައިގެންފައެވެ.
މައްސަލައިގައި ސްޕެއިންގެ ޖަސްޓިސް މިނިސްޓަރު ފީލިކްސް ބޮލާނިއޯސް ވިދާޅުވީ، މިއީ އިންސާފަށް ލޯބިކުރާ އެންމެންނަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށާއި، އެންމެ ފަހުން ހަގީގަތް ހާމަވާނެ ކަމަށެވެ. ބައެއް ފަރާތްތަކުން ދެކޭގޮތުގައި ފަނޑިޔާރުގެ ނިންމުންތަކަކީ އިންސާފުން ބޭރު، ނުބައްދަލު ނިންމުންތަކެކެވެ.
މައްސަލައަކީ ސަންޗޭޒްގެ އަރިސް ބޭފުޅުންނަށް އަމާޒުވެފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކުގެ ތެރެއިން އެންމެ ފަހުގެ މައްސަލައެވެ. ފާއިތުވި ދުވަސްތަކުގައި ސޯޝަލިސްޓް ޕާޓީގެ ހެޑްކުއާޓާސް ފުލުހުން ރައިޑްކޮށްފައިވާއިރު، ކުރީގެ ބޮޑުވަޒީރު ޒަޕަޓޭރޯއާއި ކުރީގެ ވަޒީރު އާބަލޮސްގެ މައްޗަށް ވެސް ވަނީ ތަފާތު ތުހުމަތުތައް ކުރެވިފައެވެ. މީގެ އިތުރުން ސަންޗޭޒްގެ ކޮއްކޮ ޑޭވިޑްގެ މައްޗަށް ވެސް ނުފޫޒު ފޯރުވުމުގެ ދައުވާ އުފުލައި މިހާރު ދަނީ ޝަރީޢަތް ކުރަމުންނެވެ.
ސަންޗޭޒްގެ މައްޗަށް ސީދާ އެއްވެސް ދައުވާއެއް އުފުލިފައި ނުވި ނަމަވެސް، މި މައްސަލަތަކުގެ ސަބަބުން ސަންޗޭޒްގެ ސަރުކާރު ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. އިދިކޮޅު ލީޑަރު އަލްބަރޓޯ ނޫނިއޭޒް ފޭޖޯ ވަނީ ސަރުކާރު އޮތީ "މަރުމަތީގައި" ކަމަށް ބުނެ، ސަންޗޭޒް އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ.
އަންނަ އަހަރުގެ އޯގަސްޓް މަހު އިންތިހާބު ބާއްވަން ހަމަޖެހިފައިވީ ނަމަވެސް، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އޭގެ ކުރިން ސަރުކާރު ކޯލިޝަން ރޫޅިގެންދާނެއެވެ. ސާވޭތަކުން ދައްކާ ގޮތުގައި މިހާރު އިންތިހާބެއް ބާއްވައިފިނަމަ، ކަނާތުފިޔައިގެ ޕީޕަލްސް ޕާޓީއަށް ކާމިޔާބުވުމުގެ ފުރުސަތު ބޮޑެވެ.
ސަންޗޭޒްގެ ސިޔާސީ މުސްތަގުބަލު މިހާރު އޮތީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައެވެ. ނަމަވެސް، ގާނޫނުއަސާސީ އޮތްގޮތުން ބޮޑުވަޒީރަކު މަގާމުން ވަކިކުރެވޭނީ މަޖިލީހުން އެހެން ބޭފުޅަކަށް އަގުލަބިއްޔަތު ލިބިގެން ކަމަށްވާތީ، މިއީ އޭނާއަށް އޮތް ކުޑަ އުއްމީދެކެވެ. ސަންޗޭޒްގެ މިހާރުގެ އަމާޒަކީ މި ތުފާނުން ސަލާމަތްވެ، ޝަރީއަތްތައް ސަންޗޭޒާއި އެއްކޮޅަށް ނިމޭތޯ ބެލުމެވެ.


