މޭޔަރ ޓިކެޓަށް ދެ އާޒިމް: އާދަނާ އައްޔާ އޮޅުވާނުލާތި!
އެމްޑީޕީގެ ޓިކެޓްގައި މާލޭ މޭޔަރަކަށް އާޒިމަކު ހޮވި އެ އާޒިމް ދަނީ މޭޔަރ ކަމުގައި ތަފާތު ދައްކަމުންނެވެ. މާލެ ސިޓިގެ ތާރީހުގައި އެއްވެސް މޭޔަރަކު ނުކުރާހާ މަސައްކަތް ބައި ދައުރުގެ ތެރޭގައި އާދަމް އާޒިމް ވަނީ ކޮށް ދައްކާފައެވެ. ދަނީ ކުރަމުންނެވެ.
މާލެ ސިޓީގެ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށަށް ގެނައުމުން ފެށިގެން މަގުތަކުގެ ކާނު ސާފުކުރުމާ ހަމައަށް އާދަމް އާޒިމްގެ ހިދުމަތް ރައްޔިތުންނަށް ދަނީ ލިބެމުންނެވެ. ހުއްޓިފައި އޮތް އާސަހަރާ މިސްކިތް ނިންމާ ބުޅާ ފެސިލިޓީ ހަދައިފިއެވެ،
ޕާކްތަކާ މައިޒާންތައް ޒަމާނީ ފެންވަރަށް ބަދަލުކޮށް ޕާކިން ޒޯނުތައް އިތުރުކޮށް މިސްކިތްތައް މަރާމާތުކޮށް އައުބައުތުރަ ފިލުވައިފިއެވެ. ފެން ބޮޑުވުން ހައްލުކޮށް ރައްކާތެރި އަމާން ދިރިއުޅެން ފަސޭހަ ތަނަކަށް މާލެސިޓީ ބަދަލުކުރުމުގެ ސިލްސިލާ މަސައްކަތްތަކެއް އާދަމް އާޒިމް ވަނީ ފަށާފައެވެ.
އެމްޑީޕީގެ ސިޔާސަތުތަކާ އެއްގޮތަށް މާލެ ސިޓީ ކައުންސިލްގެ ކަންކަން އާދަމް އާޒިމް ބޭނުންވާ ގޮތަށް ގެންދިޔުމުގައި އޮތް ހުރަހަކީ ސިޓީ ކައުންސިލްގައި އެމްޑީޕީ މެންބަރުން ނެތުމެވެ. އެމްޑީޕީ ވިސްނުމުގެ އެންމެ މެންބަރަކުނެތި ބައި އިލެކްޝަނަކުން ހޮވުނު މޭޔަރު އާދަމް އާޒިމް ބައި ދައުރުގެ ތެރޭގައި މުޅި އެމްޑީޕީ ފަހުރުވެރިވާ ވަރުގެ ނަތީޖާ ނެރެވަނީ ދައްކާދީފައެވެ.
ރުހުމުގެ ލޮލުން ނުދެކޭން ހުންނަ މީހަކަސް މި ހަގީގަތް ހިތުގެ އަޑިން ގަބޫލު ކުރެވޭނެއެވެ. ރިޔާސީ ޓިކެޓާއި ހުރެ ތާއީދު ބޮޑީ ކޮންފެކްޝަނަކަށްތޯ އަޖުމަ ބެލުމުގައި ގުރުބާން ކޮށްލެވޭ ގޮނޑިއަކަށް މާލޭ މޭޔަރ ގޮނޑި ހަދަން ނޫޅޭށެވެ. ދެ ބުޅަލުގެ އަރާރުމުގައި މަކުނު ބޯކިބާ ކަލާހެން ދެ އާޒިމުގެ އަރާރުމުގައި ޒަރިޔަންދަށް މޭޔަރުކަން ދޭން ނުހަދާށެވެ.
އެމްޑީޕީއަށް ހެޔޮއެދޭ ނަމަ އެމްޑީޕީ މިހާރު ކުރަން އޮތްހާވެސް ކަމަކީ މުޅި އެމްޑީޕީ ގުޅިގެން މޭޔަރ އާދަމް އާޒިމަށް ދެވަނަ ދައުރެއް ހޯދާދިނުމާއެކު މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ހޯދުމެވެ. ޑްޕްލިކޭޓް އާޒިމެއް ނެރެގެން އޮތް މޭޔަރކަން ގެއްލުވާލުމެއްނޫނެވެ.




