ބަޖެޓް އޮތްގޮތުން ނުވީއޭ ބުނާއިރު 2023ގައި 61 ބިލިޔަން ހުސްކޮށްލި!

ރަށްރަށަށް މުއިއްޒު ގަސްތުގައި ކަންކަންނުކޮށްދިނީ

ބަޖެޓް އޮތްގޮތުން ނުވީއޭ ބުނާއިރު 2023ގައި 61 ބިލިޔަން ހުސްކޮށްލި!

ރަށްރަށުގައި ކުރަންޖެހިފައިހުރި ކަންކަން އަމަލީ ގޮތުން ހަމަ ހަގީގަތުގައި ވެސް ފަށައިދޭނެ ކަމަށް ރަތަފަންދޫ ރައްޔިތުން ކުރިމަތީގައި މުއިއްޒު ބުނީމާ އެއްކަމެއް ޔަގީން ވެއްޖެއެވެ. ޔަގީންވީ ކަމަކީ 49.3 ބިލިޔަންގެ ބަޖެޓެއް މި ދިޔައަހަރު ތަޅާހުސްކޮށްލިއިރު ރަށްރަށުގައި ކުރަންޖެހިފައިހުރި ކަންކަން އަމަލީ ގޮތުން ނުކޮށް ހުރީ ގަސްދުގައިކަމެވެ.

އެކިރަށުގައި އެކި ބަހާނާ ދައްކަމުން މިއަހަރު ހުރިހާ ކަމެއްކޮށްދޭނެ ކަމަށް ބުނަމުން އެދަަނީ ވަގުތު ދުއްވާލުމަށެވެ. ކަންކަން ކޮށްދޭނެ ކަމުގެ އުންމީދުގައި ރައްޔިތުން ގަލަހެއްދުމަށެވެ. ބަލަންތިބޭށެވެ. 2025 ވެސް ނިމޭނެއެވެ. މުއިއްޒު އެބުނާ ކަންކަމެއް ނުކުރެވޭނެއެވެ. ނުވެސް ކުރާނެއެވެ. 

މުއިއްޒު ގެންނަމުންދާ ކުއްލި ބަދަލުތަކުގެ ސަބަބުން ރައްޔިތުން ރަތަށް އެރުން ކުޑަކޮށް އުންމީދުތަކެއް ދީގެން ރައްޔިތުން އަރައިގަތަނުދީ ބޭތިއްބުމަށް ބައިސާ ކެނޑިޔަސް އަނގަޔާ އަތާ ދިމާނުވާވަރު ވީމާ މީހުން މަޑެއްކޮށް ނުތިބޭނެއެވެ. ރަށްރަށަށް ފައިބާއިރު ސަލާންކުރަން ދަމާލާ ފައްޗަކުން މީހުން އަރާފައިތިބި ރުޅިއެއް ވަޒަނެއް ނުކުރެވޭނެއެވެ.

ކޮންމެ ޕޯޑިއަމެއް ކައިރިއަށް ހުއްޓެވޭއިރަށް ހުސްވި އަހަރު ކަންކަންނުވީ ބަޖެޓް ހަދާދީފައި އޮތްގޮތުންނޭ ބުނެ އޮޅުވާލަން އެބައުޅެއެވެ. 2023 ވަނަ އަހަރުގެ ފަހު ދޮޅުމަހަށް ފާސްކޮށްދިން ސަޕްލިމެންޓްރީ ބަޖެޓާއި 2024 އަށް ފާސްކޮށްދިން ބަޖެޓާއި 2024ގެ ސަޕްލިމެންޓްރީ ބަޖެޓާއެކު މުއިއްޒުގެ ވެރިކަން ހިންގަން މިދިޔަ އަހަރު 61.1 ބިލިޔަން ރުފިޔާގެ ބަޖެޓް މުއިއްޒަށް ލިބުނެވެ. އަހަރު ނިންމާލީ އެއްކަމެއް ރައްޔިތަކަށް ކޮށްނުދީ ބަޖެޓް ހުސްކޮށްލައިގެނެވެ. ދެން ކުރީ ސަރުކާރޭ ބަޖެޓް އޮތްގޮތޭ ބޮޑުހިލައޭ ކިޔައިގެން އަނގަދިޔާ ކުރާނެކަމެއް ނެތެވެ.  

އާއްމުކޮށް ރިޔާސީ އިންތިހާބުގެ އަހަރަކީ އާއްމުގޮތެއްގައި ދައުލަތުގެ ބަޖެޓް ބޮޑުތަނުން ބޮޑުވާ އަހަރެކެވެ. އެގޮތުން އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބުގެ އަހަރު (2023)ގެ ބަޖެޓަކީ އެހާތަނަށް ފާސްކުރެވުނު އެންމެ ބޮޑު ބަޖެޓެވެ. 2023ގެ ބަޖެޓަކީ 42.6 ބިލިޔަން ރުފިޔާއެވެ. 2023 ގެ ބަޖެޓަކީ 2024 ވަނަ އަހަރަށް މުއިއްޒަށް ލިބުނު 49.3 ބިލިޔަންގެ ބަޖެޓަށްވުރެ 6.7 ބިލިޔަން ރުފިޔާ ކުޑަބަޖެޓެކެވެ.

ރިޔާސީ އިންތިހާބުގެ ދެބުރު ބޭއްވުމުގެ ހަރަދު ތަކާއެކު 2023ގެ ބަޖެޓުން ރާއްޖޭގެ ކަންކޮޅުތަކުގައި ކުރެވުނު ކަންތައް ގިނައެވެ. ރާއްޖޭގެ އެތަންމިތާ އަސާސީ ހިދުމަތް ގާއިމުކުރުމާއި ހިދުމަތުގެ ފެންވަރު މަތިކުރުމާއި ނަން ހުސްކޮށް އެތައް ކަމެއް އަމަލީގޮތުން ކުރިއެވެ. އުމްރާނީ ތަރައްގީއާއި އަސާސީ ހިދުމަތްތައް ގާއިމުކުރުމާއި ފެންވަރުމަތިކުރުމާއި ހިލޭ ޑިގްރީއަށް ކިޔަވަން ރާއްޖެއާއި ރާއްޖޭންބޭރުން އެތައް ބަޔަކަށް ހަރަދުކޮށް ހެލްތު ސެކްޓަރާއި އެޑިއުކޭޝަން ސެކްޓަރގެ މުއައްޒަފުންގެ މުސާރަ ބޮޑުވިއެވެ.

އޭރުގެ ވާދަވެރިން ތުހުމަތުކުރި ގޮތަށް އެހުރިހާ ކަމެއްކުރީ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ކަމުގައި ވިޔަސް ވަރިހަމަތާއެވެ. 2023ގެ ބަޖެޓްގައި ކަނޑައެޅި 42.6 ބިލިޔަން ރުފިޔާ ހޭދަކުރީ މުޅި ރާއްޖޭގެ ތަރައްގީއާއި ރައްޔިތުންގެ ހެވާއި ލާބައަށެވެ. 61.1 ބިލިޔަން ރުފިޔާ ލިބިގެން އަހަރުވެގެން ދިޔައިރު ބަޖެޓް ހުސްކޮށްލީ ތަނެއްގާ ސިމެންތި ހަންޖެއްވެސް ބާއްވާ ނުލައެވެ.