ސަރުކާރުތެރޭގައި ވަރަށް ބޮޑަށް މައްސަލަ އެބައޮތް: މާލޭ މޭޔަރ
ގާނޫނު ތަންފީޒުނުކުރާން ތިބިި މީހުން ސަރުކާރުގައި އެބަތިބި
ހުޅުމާލެ މާލެސިޓީ ކައުންސިލްގެ ދަށަށް ގެންދިޔުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ މިހާރުގެ ރައީސް ޑރ. މުއިއްޒު ކަމަށް މާލެސިޓީގެ މޭޔަރ ޢާދަމް ޢާޒިމު ވިދާޅުވެއެވެ. ރައީސް މުއިއްޒު މާލޭ މޭޔަރ ކަމުގައި ހުންނެވިއިރު ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފައިވާކަމަށް އާޒިމް ވިދާޅުވެއެވެ.
އާދަމް އާޒިމް މޭޔަރކަމާ ހަވާލުވެ ވަޑައިގެން އިރުވެސް ހުޅުމާލޭ ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ނުދެވި އޮތްކަމަށާއި އަދިވެސް އެކަން އޮތީ އެހެން ކަމަށް އާޒިމް ވިދާޅުވެއެވެ. ހުޅުމާލޭގެ ރައްޔިތުން ކުންފުންޏެއްގެ ދަށުގައި ތިބެން ޖެހޭނެ ކަމަކަށް އާޒިމް ގަބޫލެއް ނުކުރައްވައެވެ.
ހުޅުމާލެ މާލެސިޓީ ކައުންސިލްގެ ދަށަށް ގެނައުމަށް ގިނަކަންތައް ތަކެއް ރައީސް މުއިއްޒުގެ މޭޔަރ ކަމުގައި ކުރައްވާފައިވާއިރު މުއިއްޒުގެ ވެރިކަމެއްގައި އެކަންނުވެ އަހަރެއް ވެގެން ދިޔުމަކީ އާޒިމް ގަބޫލުކުރައްވާ ކަމެއް ނޫނެވެ. ރައީސް މުއިއްޒު އެހާބޮޑަށް ކުރައްވަން ބޭނުންފުޅުވެ ވަޑައިގެން ކަމެއް ނުވެގެން އެދަނީ ސަރުކާރު ތެރޭގައި ބޮޑެތި މައްސަލަތަކެއް ހުރެގެން ކަމަށް މޭޔަރ އާޒިމް ދެކެވަޑައިގަނެއެވެ.
ރައީސް މުއިއްޒު ބޭނުންފުޅުވިޔަސް އެކަން ނުވެގެން އުޅެނީ އެޗްޑީސީން ހުޅުމާލޭގެ ކަންކަން ސިޓީ ކައުންސިލަށް ދޫކޮށްލަން ބޭނުން ނުވެގެން ކަމަށް ބެލެވޭކަމަށް އާޒިމް ވިދާޅުވެއެވެ. ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާފައި ތިބޭ ބަޔަކު ރައީސް ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމެއް ނުކުރާކަމީ ހިތާމަ ކުރަންޖެހޭ ކަމެއް ކަމަށް މޭޔަރ އާދަމް އާޒިމް ވިދާޅުވިއެވެ.
"ގާނޫނު ތަންފީޒުކުރަން ބުނީމާ އެކަން ނުކުރާން ތިބިި މީހުން އެތަންތާ އެބަތިބި މިއަދު. އެއީ ވަރަށް ބޮޑު މައްސަލައެއް" ކަމަށް މާލޭ މޭޔަރ ވިދާޅުވިއެވެ. މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް މިމޭރުމުން ވާހަކަފުޅު ދެއްކެވީ ރާއްޖޭގެ ޓީވީ ޗެނަލަކަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައެވެ.