ކާންދޭ އަތުގައި ދަތް އެޅުމަކީ އާޒިމާގެ ގޮތް
އާޒިމާ ކުރަންއުޅެނީ މޭޔަރު ކަމެއްނޫން- ދަރަނި އަދާކުރުވުން
އާޒިމާ ޝުކޫރު ހުންނަގޮތް ހޮދު އާޒިމާއަށް ވެސް ނޭނގެއޭ ބަޔަކަށް ހީވެދާނެއެވެ. އާޒިމާއަށް ދިމާވާ އެންމެ ބޮޑުކަމަކީ ހުންނަ ގޮތް ނޭނގުން ކަމަށް އާޒިމާ ބުންޏަސް އެއީ ދޮގެކެވެ. ވަކި އެކަކާއެކު ހުރުމަކީ އުފެދުމުގައި ވެސް އާޒިމާއަށް ބާތިލު ކަމެކެވެ. މުއިއްޒާއެކު މިއަދު ހުއްޓަސް އާޒިމާއަކީ އެއްވެސް މީހަކާއެކު ވަފާތެރިވެގެން ހުންނަ މީހެއް ނޫނެވެ. އާޒިމާ ހުންނަނީ އާޒިމާގެ ގޮތުގައެވެ. އާޒިމާ ހުންނަ ގޮތް ނޭނގޭ މީހަކު މަދުވާނެއެވެ.
ހުންނަ ގޮތަށް ހުރުމާ އިހުލާސްތެރިކަމާއި ވަފާތެރި ކަމުގައި ރައީސް މައުމޫނަށް އާސްތާނާ ޝުކޫރު ދެއްކި މިސާލުން އާޒިމާއަށް ނަމޫނާއެއް ނުނަނގައެވެ. މައުމޫނުގެ މޯހިރުން ކައިބޮއި ކިޔާ ބޮޑެތިވި އެއް އާއިލާއަކީ އާސްތާނާއަށް ނިސްބަތްވާ އާއިލާއެވެ. އާޒިމާއަކީ އޭގެން އެކެކެވެ.
މައުމޫނު އާޒިމާއަށް ކޮށްނުދެނީ ކީއްހެއްޔެވެ. ނުދެނީ ކޮން ބާރެއް ހެއްޔެވެ. މައުމޫނުގެ ވެރިކަން ނެތުމުން މައުމޫނު މޭގައި އެންމެ ފުރަތަމަ ކޮޅުފައިން ޖެހި އެކަކީ އާޒިމާއެވެ. މައުމޫނުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ބަންޑާރަ ނައިބު ކަމުގައި ހުރެ ކުރިހާ ކަންކަމުން މައުމޫނުގެ ވެރިކަން މުލުން ލުހެވުމުގެ އެއް ސަބަބަކަށް އާޒިމާ ވިއެވެ.
މައުމޫނު ވެއްޓުމުން ސިޔާސީ ބާރުވެރިކަން ގެއްލިގެން ބަގާވާތަކުން ގާނޫނީ ވެރިކަމެއް ވައްޓަލާ ޑރ. ވަހީދުގެ ބަނޑުވާ ހެދިގެން އާޒިމާ އުޅުނީ ވަކި މީހަކާއެކު ހުންނަ ގޮތަށް ހުރެވޭތީ ހެއްޔެވެ. އުފެދުމުގައިވެސް ބާތިލޭ ބުނެ ޖީއެމްއާރު ބޭރުކޮށް 300 މިލިޔަން ޑޮލަރުގެ ބަދަލެއް ދިވެހި ދައުލަތަށް ދޭން ޖެއްސީ ތިޔަ ބުނާ ހުންނަ ގޮތަށް ހުރެގެންނެވެ.
ފުންނާބު އުސްކަމުން އޮބި ނޯވެގެން އިތުބާރު ނެތް ވޯޓަކުން ބަންޑާރަ ނައިބު ކަމުން އާޒިމާ ބޭރުވާން ޖެހުނީ ހުންނަ ގޮތަށް ހުރެގެންނެވެ. އިތުބާރު ނެތިގެން ކެބިނެޓް ވަޒީރު ކަމަށް ކުފޫ ހަމަ ނުވާތީ ރައީސް އޮފީހުގެ ލީގަލް މިނިސްޓަރަށް ހުރެ ޔާމީނުގެ ވެރިކަން ހަރާބު ކޮށްލުމުގެ މުގުލުގައި ހުރިގޮތަށް ހުރީ އާޒިމާއެވެ.
ރައްޔިތުންގެ މަޖިލީހަށް ސިފައިން ވައްދާ މެންބަރުން ފާރުމަތިން އުކާލާ އެ މީހުންގެ ގޮނޑި ގެއްލުވާލުމުގެ ހީލަތްތެރި ރޭވުމުގެ އަޑީ ބަތާނައަކީ އާޒިމާއެވެ. އެމްއެމްޕީއާރުސީ ފައިސާ މީރާއަށް ޖަމާނުކޮށް އެމްއެމްޕީއާރުސީއަށް ޖަމާކުރުމުގެ އުސޫލު އެކުލަވާލާ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަށް މަގުދެއްކީ އާޒިމާއެވެ. އެމްއެމްޕީއާރުސީ ހިޔާނާތުގައި ރަގަޅަށް ބައިވެރިވެ މަނީ ލޯންޑަރ ކުރުމުގެ ގާނޫނީ ނުލަފާ ދީގެން ހިޔާނާތުގައި ބައިވެރިވެ ބޮޑު ހިޔާނާތް ހިންގުވީ ހުރިގޮތަކަށް އާޒިމާ ހުރެގެންނެވެ.
ނެތް ކުއްލިނުރައްކަލުގެ ހާލަތެއް ޔާމީނު ލައްވާ އިއުލާނު ކުރުވައިގެން ސްޕްރީމް ކޯޓުން ޓިނު ނަގުވާ ސްޕްރީމް ފަނޑިޔާރުން ބަނޑު ބިންމަތީ ޖައްސާ ޖަލުގެ ކުޑަ ގޮޅިއަށްލައި މަގާމު ގެއްލުވަލީ އާޒިމާގެ ލަފައިންނެވެ. އެތައް ޕޮލިސް ކޮމިޝަނަރުން މަގާމުން ވަކިކޮށް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ޖަލުގެ ތޭރިތަކުގެ ފަހަތަށް ފޮނުވާލީ އާޒިމާ ނޫން އެހެން މީހެއް ނޫނެވެ.
އާޒިމާއަކީ ކާންދިން އަތުގައި ދަތް އެޅުމުގެ ލާމަސީލެވެ. ދަންވަރު ދޮރު ވައްޓާލައިގެން ފުލުހުން ވައްދާ އިންތިހާ އަނިޔާވެރިކޮށް ދިވެހި ދައުލަތުގެ އެންމެ ގަދަރުވެރި ސްޓޭޓްމަން ހައްޔަރުކުރީ ހައްގުން ކަމަކާނުލައެވެ. ރައީސް މައުމޫނު މުސްކުޅި ހާލުކޮޅުގައި ޖަލުގައި ހައްޔަރުކޮށް އެމަނިކުފާނަށް ދިންހާ އަނިޔާއެއްގައި ޒިންމާވާން ޖެހޭ އެންމެ އިސް އެކަކީ ސީދާ އާޒިމާ ޝުކޫރެވެ. އާޒިމާ ޝުކޫރު ހަމަހުރީ އާޒިމާ ޝުކޫރު ގޮތުގައެވެ.
ކާނަލް ނާޒިމު ފްރޭމްކޮށް އަނިޔާ ކުރުމުގައި އާޒިމާގެ ދައުރު ބޮޑެވެ. އެހެނެއް ކަމަކު އެންމެ ފަހުން ގޮސް ހުރީ ކާނަލް ނާޒިމުގެ ތޮއްވަރިއަށް ވަދެ ނާޒިމަށް ގާނޫނީ ލަފާދޭށެވެ. ރިޔާސީ އިންތިހާބު ކައިރިވުމުން ހުރި މީހެއްކަން އަންގާ ސަމާލުކަން ހޯދަން އަތްގުޅި ނުކާވަރުގެ ގާނޫނީ ވާހަކަ އާއްމު ތަންތާ ދައްކަން ފަށައެވެ. މި ފަހަރު އުޅުނީ ކަނޑެއް ގެއްލިގެންނެވެ. ބޭނުމަކީ އަގު އެރުވުމެވެ. އެއީ އާޒިމާ ޝުކޫރެވެ.
މުއިއްޒަށް ވެރިކަން ލިބުމުން މުއިއްޒުގެ ބަނޑުވާ ހެދިގެން ޕްރައިމަރީއަކާ ނުލާ ޕީއެންސީ މޭޔަރ ޓިކެޓް ފޭރިގަތީއެވެ. އާޒިމާ މޭޔަރުކަން ހޯދުމަށްވުރެ ބޮޑަށް އެ ޓިކެޓް ބޭނުން ކޮށްގެން ކުރަން އުޅޭކަމަކީ މުއިއްޒު ލައްވާ އެމްއައިބީއަށް ދައްކަން އޮތް ދަރަނި އަދާކުރުވުމެވެ. ވެރިކަމަށްޓަކާ އެކަން ނުކޮށްދީ މުއިއްޒަށް ވެސް ވާނެ ގޮތެއް މިހާރަކު ނެތެވެ. އާޒިމާ މިހާރު އެހުރީ އެގޮތަށެވެ.
ވަރަށް ބޮޑު ތެދެކެވެ. އާޒިމާ ހުންނަނީ ހުންނަ ގޮތެއްގައެވެ. އާޒިމާ ހުންނަ ގޮތަކީ އެކަކަށްވެސް ވަފާތެރި ނުވުމެވެ. އާޒިމާ ގޮތަކީ އެ ވަގުތަކު ދައުލަތަށް ދެވެން އޮތް ގެއްލުމެއް ދީގެން ވެސް އަމިއްލަ ބާލީހަށް ބަންޑާރަ ކަފަ ލެއްވުމެވެ. އެކަމަށްޓަކާ ގުޅެންޖެހޭ މީހަކާ ގުޅުމެވެ. މިއަދު މުއިއްޒު ވަނީ ބޭނުން ފުދެން ދެނެވެ. އާޒިމާ ހުންނަގޮތް އޮޅިގެން އުޅޭ މީހަކު ނޫޅެއެވެ.