އީވާ ނެތަސް ނަޝީދު ނެތަސް އެމްޑީޕީ އޮންނާނެ
އެމްޑީޕީއަކީ އިސްލާހީ ހަރަކާތުގެ ނަން- އެއްއިރަކުވެސް އެމްޑީޕީއަކީ ވަކި މީހެއް ނޫން
ފަހުގެ ތާރީހުގައި ސިޔާސީ ގޮތުން ރާއްޖޭގައި ހިނގާދިޔަ ނުބައިނުލަފާ ހުރިހާ ކަމެއްގެ މުގުލުގައި ހުރީ ނަޝީދެވެ. ކޮންމެ ފަހަރަކު ޖަލުގެ ގަޑުބަޑުކޮށް ހަލަބޮލި ކުރުމުގެ ސަބަބު މެދުވެރި ކުރަނީ ނަޝީދެވެ. އީވާނުގެ މަރަށް ފަހު މާލެތެރޭގައި ހުޅުޖެހުމުގެ އަޑީގައި ހުރީ ނަޝީދު ނޫން ދެވަނަ މީހެއް ނޫނެވެ. ބޭނުންވީ އެންމެ ކަމެކެވެ. އޭނާ ވެރިކަމަށް އައުމަށްޓަކައި ދުނިޔެއަށް ފޮޓޯ ދެއްކުމެވެ. މައުމޫނު ޑިކްޓޭޓަރެއްގެ ގޮތުގައި ސިފަކުރުމެވެ.
ދިގުލީ މައުމޫނުގެ ވެރިކަން މަތިން ފޫހިވެފައި ތިބި އެއްމެން އެއް ރޫހެއްގައި ނިކުމެ އިސްލާހީ ހަރާކާތް ފަށައިގަތީ މައުމޫނު އިސްލާހީ އެޖެންޑާ އިއުލާނު ކުރުމުންނެވެ. ސިޔާސީ ވާހަކަ ދެއްކުން ހޮޅުއަށިތަކާ ހަމަޔަށް މައުމޫނު ހުޅުވަލިއެވެ. ގާނޫނު އަސާސީ އިސްލާހު ކުރުމަށް ރައްޔިތުންގެ ހާއްސަ މަޖިލިސް ރައީސް މައުމޫނު އެއް ކުރެއްވިއެވެ. އޭރު ޖަލުގައި ބަޑިޖެހި ހާދިސާއާއި ގުޅިގެން މަލޭގައި ހިންގި ހުޅުޖެހުން ހިންގުމަށް ފަހު ނަޝީދު ހުރީ އަމިއްލައަށް އަރުވާލެވިގެން އިގިރޭސި ވިލާތުގައެވެ.
މައުމޫނުގެ އިސްލާހީ އެޖެންޑާއާއި ގުުޅިގެން ގާނޫނު އަސާސީ އިސްލާހު ކުރަން އެއްކުރެވުނު ރައްޔިތުންގެ ހާއްސަ މަޖިލިސްގެ ރައީސް ކަނޑައެޅުން އުދަގޫވެ މަޖިލިސް ޑެޑްލޮކަށް ދިޔައެވެ. އިސްލާހީ އެޖެންޑާއާއި ގުުޅިގެން ލިބުނު ލުއިގާ މިނިވަން ބަހުސްތައް އޭރު އޮތީ ފެށިފައެވެ. މިނިވަން ބަހުސްތަކާއެކު މައުމޫނުގެ ވެރިކަމުގައި ހައްގަކާ ލައިގެންނާއި ހައްގަކާ ނުލާ އެކިވަރުގެ އަދަބު ލިބުނު މީހުންނާއި އުސޫލަށް ބޯ ނުލަނބާ އެތައް ބަޔަކު އެއްވެ މައުމޫނާ ދެކޮޅަށް އިސްލާހީ ހަރަކާތުގައި އަމަލީ ގޮތުން އުޅެން ފެށިއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު އިސްލާހީ ހަރަކާތަށް ވާގިލިބޭ ގޮތަށް ދިވެހި އޮބްޒަވަރގެ ނަމުގައި އޮންލައިނުް ނޫހެއް ރާއްޖޭން ބޭރުގައި ހިންގަމުން ދިޔައެވެ. ޑީއޯ ސައްޕެ (މ. މާފުށީގެ / އަހުމަދު ޝަފީގް ) ގެ މޭސްތިރިކަމުގެ ދަށުގައެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިސްލާހީ ހަރާކާތުގެ ހަމަ ހިފެހެއްޓީ ދިވެހި އޮބްޒާވަރއެވެ. އެއާއި އެކު މާލޭގައި ހަފްތާ މަޖައްލާ އައްޑުވަސް އިސް ދައުރެއް އަދާކުރިއެވެ.
ރައްޔިތުންގެ ހާއްސަ މަޖިލިސް ހުއްޓިފައި އޮތް ދުވަސްވަރު އިދިކޮޅު ސިޔާސީ ވިސްނުމުގެ އެންމެން އެއްރޫހެއްގައި މަސައްކަތް ކުރަމުން އައެވެ. ހާއްސަ މަޖިލީހުގައި މަސައްކަތް ކުރެއްވި އިސްލާހީ ފިކުރުގެ މެންބަރުން އިސްވެ ތިބެ ގޯގޯ ލަތީފް ގެ ލީޑަރޝިޕްގައި ސްރީ ލަންކާގައި އެމްޑީޕީގެ ހަރަކާތްތައް ފެއްޓިއެވެ.
އޮގަސްޓް 12، 13 ގެ ބޮޑު އެއްވުމަށް ފަހު ސިޔާސީ ލީޑަރުންގެ ގޮތުގައި ތިބިހާ ބަޔަކާއި އިސްއެކްޓިވިސްޓުން ޖަލުގައި ހައްޔަރުވެ މުޅި ގައުމު ސިޔާސީ ގޮތުން ހުއްޓުމަކަށް އައިސް ކުއްލި ނުރައްކަލުގައި އޮތް އިރުވެސް މުހައްމަދު ނަޝީދު ހުރީ ހަރަކާތާ ވަރަށް ދުރުގައި އިނގިރޭސި ވިލާތުގައެވެ. ގައިގާ ކޫރުމެއް ވެސް ނޭޅިއެވެ.
ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ހޯދީ މިނިވަން ބަހުސްގެ ބައިވެރިންނެވެ. އޮގަސްޓް 12، 13 ގެ ބައިވެރިންނެވެ. އައްޑުވަސް މަޖައްލާގެ ލިޔުންތެރިންނެވެ.
އެތައް ބައެއްގެ ގުރުބަނީއާއި ސްނާމީގެ ބިރުވެރިކަމަށް ފަހު އިސްލާހީ ހަރަކާތް ސިޔާސީ ޕާޓީއަކަށް ބަދަލުކުރެވޭ ވަރަށް ކަންކަން ތަރުތީބުވެ ރައީސް މައުމޫނު ވެސް ޕާޓީ ހައްދަވަން ބޭނުންފުޅުވާ ހިސާބަށް މާހައުލު ފަހި ވުމުން ވައިކުޑާގައި ފުންމާލާ އެމްޑީޕީ ރަޖިސްޓްރީ ކުރަން ދުއްވައިގަތަކަސް ނަޝީދަކީ އެމްޑީޕީ ކަމަކަށް ނުވާނެއެވެ.
އެމްޑީޕީގައި ވަކި މީހަކު ނެތުމުން އެމްޑީޕީއެއް ނުނިމޭނެއެވެ. އިބްރާއާއި މުނައްވަރާއި ޑރ. ވަހީދުނެތީސް ވެސް އެމްޑީޕީ އޮތެވެ. ރީކޯ މޫސައާއި މަވޯޓާ ޝަރީފް ނެތް އިރުވެސް އެމްޑީޕީ އޮތެވެ. އީވާ ނެތަސް ނަޝީދު ނެތަސް އެމްޑީޕީ އޮންނާނެއެވެ. އެމްޑީޕީއަކީ އިސްލާހީ ހަރަކާތުގެ ނަމެވެ. އޭރަކުވެސް މިހާރަކުވެސް އެމްޑީޕީއަކީ ވަކި މީހެއް ނޫނެވެ.