ސިންކް ހޯލްގެ ނުރައްކާ ދަނޑުވެރިކަމަށް

އެއް ސަރަހައްދެއްގައި 730 އަށްވުރެ ގިނަ ސިންކްހޯލް

ސިންކް ހޯލްގެ ނުރައްކާ ދަނޑުވެރިކަމަށް

ތުރުކީގެ މެދުތެރޭ ސަރަހައްދުގައި 730 އަށްވުރެ ގިނަ "ސިންކްހޯލް" ނުވަތަ ބިންގަނޑު އަޑިއަށްގޮސް ހެދޭ ވަޅުގަނޑުތައް ހެދިފަި އެބަހުއްޓެވެ. އަދި މިފަދަ ވަޅުގަނޑުތައް އުފެދޭ މިންވަރު ދަނީ އިތުރުވަމުންނެވެ. މީގެ ސަބަބުން ދަނޑުވެރިންގެ އާމްދަނީއަށާއި ގައުމުގެ ކާނާގެ ރައްކާތެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ބިންގަނޑު ކުއްލިއަކަށް އަޑިއަށް ގޮސް ބޮޑެތި ވަޅުގަނޑުތައް އުފެދެނީ، ތުރުކީގެ ދަނޑުވެރިކަމުގެ މައި ހަބް ކަމަށްވާ ކޮންޔާ ޕްރޮވިންސަށް ކުރިމަތިވެފައިވާ ހަނަފަސްކަމާއި، އިންތިޒާމެއްނެތި ބިމުން ފެން ނެގުމުގެ ސަބަބުންނެވެ.

މި ސަރަހައްދުގައި އެންމެ އިސްކަމެއް ދީގެން ހައްދަނީ ތުރުކީގެ ހަކުރު އުފެއްދުމަށް ބޭނުންކުރާ، ގިނަ އަދަދަކަށް ފެން ބޭނުންވާ "ޝުގަރ ބީޓް" އެވެ. މި ތަކެތި ހެއްދުމަށްޓަކައި ދަނޑުވެރިންނަށް މަޖުބޫރުވެފައިވަނީ ހުއްދަ އޮތަސް ހުއްދަ ނެތަސް ވަޅުތަކުން ބިމުގެ އަޑީގެ ފެން ބޭނުންކުރުމަށެވެ.

ގިނަ އަހަރުތަކަކަށް ދެމިގެންގޮސްފައިވާ ހަނަފަސްކަމުގެ ސަބަބުން ބިމުގެ އަޑީގައި ހުންނަ ފެން އާނުވާތީ، މިހާރު ދަނޑުވެރިކަން ކުރަމުންދާ ގޮތަކީ ދެމެހެއްޓެނިވި ގޮތެއް ނޫނެވެ. ބިމުގެ އަޑިން ފެން ނެގުމުގެ ސަބަބުން ގުދުރަތީ ނިޒާމަށް ބުރޫއަރާނެ ކަމަށް މާހިރުން އިންޒާރު ދެމުންދާތާ އަހަރުތަކެއް ވަނީ ވެފައެވެ.

މިފަދަ ވަޅުގަނޑުތައް އިތުރުވުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. ނަސީބަކުން މިހާތަނަށް މީގެ ސަބަބުން އެއްވެސް މީހަކު މަރުވެފައި ނުވިނަމަވެސް، މިއީ އެ ސަރަހައްދުގެ ފެނާއި ދަނޑުވެރިކަން ސަލާމަތްކުރުމަށް އޮތް ވަގުތު ކުޑަތަންވަމުންދާކަމުގެ ނިޝާނެކެވެ.