މުޅިޓީމު އޮތީ އެންމެ ކުޅުންތެރިއަކު އެ މީހުން ސަލާމަތް ކުރާނެކަމަށް: ޒިދާން
ސްޕެއިން ފައިނަލަށް ދާން ހައްގުވީ އެމީހުން މާ މޮޅަށް ކުޅުނީތީ
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުން ސްޕެއިން އަތުން 2-1 އިން ބަލިވެ، ފްރާންސް ކަޓައިގެން ދިއުމާ ގުޅިގެން ޒައިނުއްދީން ޒިދާނު އެކަން ސިފަކުރާގޮތް ބަލާލުމަކީ މުހިންމުކަމެކެވެ. ޒިދާނަކީ ފްރާންސްގެ ފުޓްބޯޅައިގެ ތާރީހުގައި އުފެދުނު އެންމެ ކުޅަދާނަ އަދި އެހާމެ މަޝްހޫރު ތަރިއެކެވެ. ދުނިޔޭގެ އެންނެ މޮޅުކުޅުން ތެރިންގެ ތެރެއިންވެސް މޮޅުކުޅުން ތެރިއެކެވެ.
"މިއީ ލަދުވެތި ނަތީޖާއެއް. ފްރާންސް ޓީމުގައި މިހާރު ތިބި ހުނަރުވެރި ކުޅުންތެރިންނަށް ބަލާއިރު، މިގޮތަށް މުބާރާތުން ވަކިވާންޖެހޭ އެއްވެސް އުޒުރެއް ނެތް." ކަމަށް ޒިދާނު ގަބޫލުކުރެއެވެ. ވަރަށް ބޮޑަށް މޮޅުވާން ބޭނުންވެފައި ތިބި ތަން ސްޕެއިނުން ފެނުކަމަށާއި އެމީހުން މާ ހިތްވަރާއެކު މަސައްކަތްކޮށް، މާ ބޮޑަށް ބުއްދީގެ ބޭނުން ހިފައިގެން ކުޅުނު ކަމަށް ޒިދާނު ބުންޏެވެ. ޒިދާން ބުނީ "ފްރާންސްގެ ކުޅުން އެއްގޮތަކަށްވެސް ރަނގަޅެއް ނޫން" ކަމަށެވެ.
ފްރާންސްގެ ސްކޮޑުގައި ހުރި ފެންވަރާ ބެހޭގޮތުން މީހުން ދައްކާ ވާހަކަ އަޑުއަހާ އަހާ މިހާރު ފޫހިވެއްޖެ ކަމަށް ބުނަމުން ޒިދާން ބުނީ އެންމެ މުހިންމު ވަގުތުގައި ކުޅުންތެރިންގެ ކިބައިން ހިތްވަރާއި ފަންވަރު ނުފެންނަނަމަ، އެ ފެންވަރުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ.
ވޯލްޑް ކަޕެއްގެ ސެމީ ފައިނަލަކީ މޮޅެތި ކުޅުންތެރިން އެމީހުންގެ ހަގީގީ ފެންވަރު ސާބިތު ކޮށްދޭން ޖެހޭ ވަގުތު ކަމަށާއި ފިލަންވީ ވަގުތެއް ނޫން ކަމަށް ޒިދާނު ބުންޏެވެ.
ސްޕެއިން މެޗުގެ ކޮންޓްރޯލް އަތުލީ ފްރާންސުން އެ ފުރުސަތު އެމީހުންނަށް ދިނުމުން ކަމަށާއި މެޗުގެ ކުރިމަތިލުންތަކުގައި ފްރާންސް މާ ބޮޑަށް ބަލިކަން ޒިދާނު ފާހަގަކުރިއެވެ. މާ ފަސޭހައިން ބޯޅަ ގެއްލުވާލިކަމަށް ބުނަމުން ޒިދާން ބުނީ މުޅި ޓީމު އޮތީ އެންމެ ކުޅުންތެރިއަކު އެމީހުން ސަލާމަތްކުރާނެ ކަމުގެ އިންތިޒާރުގައި ކަހަލަ ގޮތަކަށް ކަމަށެވެ. އެއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ފަދަ ވިސްނުމެއް ނޫން ކަމަށް ޒިދާނު ބުނެއެވެ.
"ފްރާންސްގެ ގައުމީ ޖާޒީގައި ކުޅޭއިރު، ތަމްސީލުކުރަނީ މުޅި ގައުމު. މިރޭ ވަރަށް ގިނަ ކުޅުންތެރިން އެ ޒިންމާ އަދާކުރުމުގައި ފެއިލްވެއްޖެ. ކުޅުމުގައި އެއްވެސް އަވަސްކަމެއް ނެތް، އެކަށީގެންވާ ވަރުގަދަ ސަހުސިއްޔަތެއް ނުފެނުނު، އަދި ބޭނުންވާ މިންވަރާ ގާތަށްވެސް ހިތްވަރެއް ނުދެއްކި" ޒިދާނު އަސަރާއެކު ބުންޏެވެ.
ނަސީބު ދެރައީއޭ ކިޔައިގެން ޝަކުވާ ނުކުރުމަށާއި ރެފްރީއަކަށް ނުވަތަ ޓެކްޓިކްސްއަކަށްވެސް ބަދުނާމު ނާޅުވާ، ކޮންމެ ކުޅުންތެރިއަކު އެމީހެއްގެ އަމިއްލަ ނަފްސަށް ޒިންމާ ނަގަން ޖެހޭކަމަށް ޒިދާނު ބުނެއެވެ. ސްޕެއިން ފައިނަލަށް ދާން ހައްގުވީ އެމީހުން މާ މޮޅަށް ކުޅުނީތީ ކަމަށް ޒިދާނު ގަބޫލުކުރެއެވެ.
ޒިދާނު ބުނިގޮތުގައި މި ބަލިވުމުގެ އިހުސާސް ކޮންމެ ކުޅުންތެރިއަކަށްވެސް ކުރެވެންޖެހޭނެއެވެ. ސަބަބަކީ އެމީހުން އެ ބޭކާރުކޮށްލީ ލިބުނު ވަރަށް ރަނގަޅު ފުރުސަތެކެވެ. މި ފެންވަރުގައި ހަމައެކަނި ހުނަރުން ވޯލްޑް ކަޕެއް ކާމިޔާބެއް ނުކުރެވޭނެއެވެ. ކާމިޔާބު ލިބޭނީ ސާބިތުކަމާއި ވަރުގަދަ އަޒުމެއް އޮވެގެންނެވެ. ޒިދާނު ގަބޫލުކުރާ ގޮތުގައި މި ފަހަރު ސްޕެއިން އެކަން ދައްކައިފިއެވެ. އެކަމަކު ފްރާންސަކަށް އެކަމެއް ނުވިއެވެ.


