އޭސީސީގެ ރައީސަކީ ނަތީޖާ ނެރެދެވޭ ބޭފުޅެއް ނޫން: ކުރީގެ ޕީޖީ

އޭސީސީގެ ރައީސަކީ ނަތީޖާ ނެރެދެވޭ ބޭފުޅެއް ނޫން: ކުރީގެ ޕީޖީ

ނަތީޖާ ނެރެވޭ މީހުންނާ ހަވާލުކޮށްގެން ނޫނީ ރާއްޖޭން ކޮރަޕްޝަން ނައްތާ ނުލެވޭނެކަމަށް ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް ޝަމީމު ވިދާޅުވެއެވެ. އޭސީސީގެ މިހާރުގެ ރައީސަކީ ނަތީޖާ ނެރެވޭނެ ފަދަ ބޭފުޅެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވެއެވެ.   

ކޮރަޕްޝަންގެ މައްސަލައަށް ހައްލެއް ލިބުމަކީ، ރާއްޖޭގެ ތަރައްގީ ހެޔޮ މިސްރާބަކަށް ބަދަލުކުރުމަށް އަޅަންޖެހޭ އެންމެ ފުރަތަމަ ފިޔަވަޅު ކަމަށް ވިދާޅުވެ އުސްތާޒު ޝަމީމް އޭނާގެ ބްލޮގްގައި ހައްލުތަކެއް ވަނީ ހުށަހަޅުއްވާފައެވެ. ޝަމީމް ވިދާޅުވާ ގޮތުގައި ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ އޭސީސީ ޖެހެނީ އުވާލާށެވެ. 

އޭސީސީގެ ވެބްސައިޓުގައި 2024 ގައި އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ރިޢާޔަތް ކުރައްވާ ޝަމީމް ވިދާޅުވަނީ އޭސީސީ ފޭލިވެފައިވާ ކަމަށެވެ. އޭސީސީން ގޮތް ނުނިންމި 3501 މައްސަލަ އޮތްއިރު ހުސްވި އަހަރަކު ކޮމިޝަނަށް ނިންމުނީ 297 މައްސަލައަށް ވީމާ މިހާރު ހުރި މައްސަލަތައް ނިންމަންވެސް އެރޭޓުން 11 އަހަރު ނަގާނެކަމަށް އޭނާ ވިދާޅުވެއެވެ. ނިންމުނު މައްސަލައިގެ ތެރެއިން ޝަރީއަތަށް ފޮނުވޭވަރުވީ އެންމެ 8 މައްސަލަކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

އިތުރު މައްސަލަ ހުށަހެލޭނަމަ އެއަށްވުރެވެސް މުއްދަތު ދެމިގެންދާނެކަމަށް ޝަމީމު އަންދާޒާކުރައްވައެވެ. އެހެން ކަމުން އޭސީސީ ފޭލިވެފައިވާ ވަރު އޭސީސީގެ ވެބްސައިޓުން  އެއޮތީ ފެންނާށެވެ. އެހެން ކަމުން ޝަމީމު ވިދާޅުވަނީ އޭސީސީ މިހާރު އޮތް ގޮތް އެއްކޮށް ބަދަލުކުރަން ޖެހޭ ކަމަށެވެ. ވޭތުވެދިޔަ 20 އަހަރުގެ ތަޖުރިބާއިން އެނގުނު އެއްޗަކީ އޭސީސީ ވަކި މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮވެގެން ނެރެވުނު ނަތީޖާއެއް ނެތް ކަމެވެ. 

ޝަމީމު ވިދާޅުވަނީ އޭސީސީގައި މިހާރު ހުރީ ސަރުކާރުގެ ރައީސެއް ކަމަށެވެ. ކޮންމެ ސަރުކާރެއްގައި ވެސް އެކަން އޮންނަނީ އެހެން ކަމަށް ވިދާޅުވަމުން ޝަމީމު ވިދާޅުވަނީ އޭސީސީގެ 5 މެމްބަރުންގެ ބަދަލުގައި މަޖިލީހުން ހޮވާ އެންމެ ކޮމިޝަނަރެއް ބެހެއްޓުމަށެވެ. އެކަން ކުރަން ފެނި ވަޑައިގަންނަވާ ގޮތް ވެސް ޝަމީމު އޭނާގެ ބްލޮގްގައި ލިޔުއްވާފައިވެއެވެ.