ފުރާނައަށް ނުރައްކާތެރި ގައިންގަޔަށް އަރާ ވައިރަސްއެއް ފެތުރެންފަށައިފި
އެމް.ވީ ހޮންޑިއަސް ނަމަކަށް ކިޔާ ކްރޫޒް ލައިނާއެއްގައި ދަތުރުކުރި ފަސިންޖަރުންގެ މެދުގައި، އިންސާނުންގެ ގަޔަށް އަރާ ފުރާނައަށް ނުރައްކާތެރި ހެންޓާވައިރަސްގެ ބާވަތެއް ފެތުރެމުންދާކަން ވަނީ ހާމަވެފައެވެ. ބައެއް މީހުންގެ ހާލު ދެރަވެގެން ކުއްލި ހާލަތުގައި ބާލާފައިވާއިރު، މި އުޅަނދު މިހާރު ދަތުރުކުރަމުންދަނީ ކެނޭރީ އައިލެންޑްސް (ޓެނެރީފް)އާ ދިމާލަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) އިން މައުލޫމާތު ދޭ ގޮތުގައި، މި އުޅަނދާ ގުޅުންހުރި ހެންޓާވައިރަސްގެ އަށް ކޭސްއެއް މިހާތަނަށް ވަނީ ފާހަގަކުރެވިފައެވެ. މީގެ ތެރޭގައި ބަލި ޖެހިފައިވާކަން ޔަގީންކުރެވިފައިވާ ތިން މީހުންނާއި، ބަލި ޖެހިފައިވާކަމަށް ޝައްކުކުރެވޭ ފަސް މީހުން ހިމެނެއެވެ. އޭޕްރިލް މަހުގެ 1 ވަނަ ދުވަހު އުޝުއާއިއާއިން މި އުޅަނދު ފުރި ފަހުން، މިހާތަނަށް ތިން މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.
ދެ ބަލިމީހެއްގެ ހަށިގަނޑުން ހެންޓާވައިރަސްގެ "އެންޑީސް ސްޓްރެއިން" ފެނިފައިވާކަން ސިއްހީ މާހިރުން ވަނީ ކަށަވަރުކޮށްދީފައެވެ. މިއީ އިންސާނުންގެ މެދުގައި ފެތުރުމުގެ ގާބިލުކަން ލިބިފައިވާ، ވަރަށް މަދުން ނޫނީ ނުފެންނަ ވައިރަހެކެވެ. މާހިރުން ގަބޫލުކުރާ ގޮތުގައި މި ބަލި ފެތުރުމަށް މެދުވެރިވީ ފަސިންޖަރުންގެ މެދުގައި އޮތް ގާތް ގުޅުމުގެ ސަބަބުންނެވެ.
ހާލު ސީރިއަސްވި ތިން ފަސިންޖަރުންނަކީ އިނގިރޭސިވިލާތް، ނެދަލޭންޑްސް އަދި ޖަރުމަނުވިލާތަށް ނިސްބަތްވާ މީހުންނެވެ. ފަރުވާއަށްޓަކައި ެ 3 މީހުން ނެދަލޭންޑްސްއަށް ގެންގޮސްފައިވާއިރު، އެމެރިކާ އާއި އިނގިރޭސިވިލާތް ހިމެނޭހެން ބައެއް ގައުމުތަކުން ދަނީ މީގެ ކުރިން އެ އުޅަނދުން ފޭބި ފަސިންޖަރުންގެ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ.
23 ގައުމަކަށް ނިސްބަތްވާ 146 މީހުންނާއެކު ދަތުރުކުރަމުންދާ މި އުޅަނދުގައި ބަލި ފެތުރެމުންދާތީ ބައިނަލްއަގުވާމީ ފެންވަރުގައި ކަންބޮޑުވުން ވަނީ އުފެދިފައެވެ. މިހާރު އުޅަނދުގައި ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތައް އަޅާފައިވާއިރު، ސްޕެއިންގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ޓެނެރީފްއަށް އުޅަނދު ބަނދަރުކުރުމާއެކު ހުރިހާ ފަސިންޖަރުންގެ ސިއްހީ ސްކްރީނިންގްއެއް ކުރިއަށް ގެންދާނެއެވެ. ނަމަވެސް، އާންމުންގެ މެދުގައި މި ބަލި ފެތުރުމުގެ ފުރުސަތު ކުޑަކަމަށް އޮފިޝަލުން ފާހަގަކުރައްވައެވެ.


