އިންތިހާބުތައް ބޯމަތިވުމުން ރައީސް އުޅުއްވަނީ ވަރަށް އައްޗިކޮށް
ކޮންމެ ފަހަރަކުވެސް އިންތިހާބެއް ބޯމަތިވުމުން ރައްޔިތުންގެ ގްރޫޕްތަކާ ބައްދަލު ކުރެއްވުމަކީ ރައީސް މުއިއްޒުގެ އާދައެކެވެ. ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވާ އެކަމަކަށް ވަކިވަކީން އެޓެންޑްވެ ވަޑައިގެން ހައްލު ކޮށްދެއްވާނެ ކަމަށް ވިދާޅުވެއެވެ. އަހާ ފޯރަމާއި ބަހާ ފޯރަމާއި ކަހާ ފޯރަމު ބާއްވަވައިގެން އެވިދާޅުވާ އެޓެންޑެއްވެ ވަޑައިގެން ކަމެއް ރަނގަޅު ވާތަނެއް ނުފެނެއެވެ.
ދުވަހެއް ދުވަހަކަށް އާއްމު ރައްޔިތުންނަށް ދަތިވުން ނޫންކަމެއް މި ވެރިކަމުގައި ނުވެއެވެ. އާއްމު ބަލި ބައްޔަށް ކުރިން ފަސޭހަކަމާއެކު ރާއްޖޭން ލިބެމުންއައި ގިނަ ބޭސް ގަންނަންވެސް ރާއްޖޭން ލިބޭކަށް ނުހުރެއެވެ. އައިޖީއެމްއެޗްގެ ވެއިޓްލިސްޓްގެ ކިޔޫ ކުރެއް ނުވިއެވެ. ކުރިން އައިޖީއެމްއެޗުން ފަސޭހަކަމާއެކު ހެދޭ އެތައް ޓެސްޓެއް ނުހެދި އެތައް ދުވަހެއް އެބަނަގައެވެ. ނަމުގައި ރާއްޖޭން ބޭސްނުކުރެވޭ ބައްޔެއްނެތެވެ. ރާއްޖޭން ބޭސްކުރަން އައިޖީއެމްއެޗްގެ ކިޔުގައި އޮއްވާ ބަލިހާލު ބޮޑުވެ ކަށްވަޅަށް ނޫނީ އައިސީޔޫއަށް ދާންޖެހެނީ އެކެއް ދެ މީހަކަށް ނޫނެވެ.
ފޮޓޯނަގާ ކެޕްޝަން ހަދައިގެން ރާއްޖޭގެ ސިއްހީ ހިދުމަތާއި ބޭސްފަރުވާގެ މޮޅު ވާހަކައާއި ފަސޭހަކަމުގެ ވާހަކަ ބޮޑު ހޭދަކޮށްގެން ބަޔަކުލައްވާ އެބަ ފަތުރައެވެ. ފަތުރާ ފޮޓޯތަކާއި ކެޕްޝަން ތަކުން މިހާރު ރާއްޖެއަކީ ދުނިޔޭގައި ސިއްހީ ހިދުމަތް އެންމެ ރަނގަޅުކަމަށް ބަލާ ޓައިވާނާއ ސައުތުކޮރެޔާ އާއި ޖަޕާނާއި ނޯވޭ އާއި ނެދަރލެންޑަށް ވުރެވެސް ކުރީގައި އޮތްތަނެކޭ ހީވެއެވެ.
މަައްޗަށް ނާރާނެކަމަށް ވިދާޅުވަމުން ގެންދެވި ޑޮލަރުގެ އަގު ވިއްސަށްވުރެ ތިރިނުވެ އޮތުމުން ބާޒާރުގައި މުދަލުގެ އަގަށް އަތެއް ނުފޯރައެވެ. އާއްމު އަޑައިގެ ބޭނުމަށް ތަކެތި ގަންނަ އޮންލައިން ޕްލެޓްފޯމް ތަކުން ކުރާ ވިޔަފާރިތަކަށް ހަދާ ކޮންމެ ޓްރާންސެކްޝަނަކަށް 30 ކަޑާލާ އެކަންވެސް ވަނީ ގެއްލުން ބޮޑު ތަކުލީފަކަށް ހަދާފައެވެ.
ދުންފަތާ ދުރުކުރުމުގެ ނަމުގައި އެޅުއްވި ފިޔަވަޅުތަކުން ނިކަމެތިންގެ ޖީބުތައް ދިޔައީ ފުލެވެ. ސަރުކާރަށް ލިބުނު އެތައް މިލިޔަން ޑޮލަރު ނުލިބި ގެއްލުނީއެވެ. ސްމަގުލަށް ބޮޑު ދޮރެއް ހުޅުވި އެތައް ބަޔަކު ޖަލުގޮޅިތަކުގައި ތާށިވީއެވެ.
ހައުސިންގ މިނިސްޓްރީ އަނދާ އަޅިއަށްވުން ފިޔަވާ ސަރުކާރުން ތަންފުކެއްވެސް ކުޑަވީ ތަނެއް ނުފެނެއެވެ. ކަމެއްނެތް ނަމެއްގައި ސިޔާސީ މަގާމު ބެހުން ހުއްޓައެއް ނުލައެވެ. މޫނަކަށް ކަނދުރާއަކަށް ނުބައްލަވާ ބައްލަވާނެ ކަމަށް ވިދާޅުވި އެމްއެމްޕީއާރުސީ މައްސަލައޮތީ އޮތްތާގައެވެ.
މިހެން ކިޔާފައި ނުކިޔާނެ ވަކިކަމެއްނެތެވެ. ރަނގަޅުކަމެއް ރަނގަޅުވާކަމެއް ނުފެނެއެވެ. މުއިއްޒު ސަރުކާރުން ކުރާ ކޮންމެ ކަމަކާއެކު އެއްހަމައެއްގައި ނުވަތަ އެއަށްވުރެ މަތީގައި އޮންނަނީ ކޮރަޕްޝަނާއި ހިޔާނާތެވެ. ބޭއިންސާފާއި އިސްރާފެވެ. މަކަރާ ހީލަތާއި ނާގާބިލުކަމެވެ. އަމްދުން އިންތިހާބުތައް ބޯމަތިވުމުން ރައީސް އުޅުއްވަނީ ވަރަށް ވެސް އައްޗިކޮށެވެ.

