ބަނގުރޫޓު ލޯޔަރަކީ މާލޭ މީހުންގެ ޗޮއިސްއެއް ނޫން!
ކުށުގެ ދައުވާ ނުހިންގާ ހުއްޓުވާފަ އޮތުމަކީ މައްސަލަ ނެތުމެއް ނޫން!
އޭ މީނަ ބަނގުރޫޓު ލޯޔަރާއެވެ. މީގެ ކުރިންވެސް ދައުލަތުގެ އުސް ގޮނޑި ގޮނޑީގައި ތިބާ އިނިއްޔަކީ ރައްޔިތަކު އިންތިހާބު ކޮށްގެނެއް ނޫނެވެ. ރައްޔިތުންގެ ބަޔަކު އިންތިހާބުކޮށްގެން ހޯދި ގޮނޑިއެއްގައި ދުވަހަކުވެސް ނީންނަމެއް ނޫން ހެއްޔެވެ. މިހާރަށްވުރެ މާ ސަމަންތަރު ހެޔޮ މާ ހަކަތަ ހުރި އިރުވެސް އިންތިހާބަކަށް ނިކުމެ ގޮނޑިއެއް ހޯދަން އުޅެން ނުކެރުނީ މީހުންގެ ތެރޭގައި އެއްވެސް ވަރެއްގެ މަގުބޫލު ކަމެއް ނެތިގެންނެވެ.
ޅަނބާޅަކަން ގެއްލި އަސްރުން ތިރިވީމާ އާނދޮގޭއޭ ކިޔާ މޭ ފުއްޕިޔަކަސް މީހަކަށް ޑަރުވެސް ހީނުވެއެވެ. ތިޔަ މޭ ފުއްޕުންގަނޑު އެންމެންނަށް ވެސް ނިކަން ރަނގަޅަށް އެނގެއެވެ. ތިޔަ ފުއްޕުންގަނޑު ދެކިދެކި ބާވެއްޖެއެވެ.
މައުމޫނު އަތުން ކައިގެން ކާންދިން އަތުގައި ދަތްއަޅާ ވަހީދުގެ ތޮއްވަރިއަށް ވަދެ 300 މިލިޔަން ޑޮލަރުގެ ބަދަލެއް ގައުމުން ދޭން ޖެއްސިކަން މީހުން ހަނދާނެއް ނުނެތެއެވެ. ޖީއެމްއާރު ބޭރުކޮށްލީ ތިމަންނައޭ ބުނެ ބައިސާ ކަނޑާއިރު ގައުމަށް ޖެއްސި ބޮޑު ތަކުލީފާ ދިން ބޮޑު ގެއްލުމުން އަދިވެސް އުޅެނީ އަރައި ނުގަނެގެންނެވެ.
ޔާމީނުގެ ހުރިހާ ވެސް ހަލާކަކަށް ވީވެސް އާޒިމާގެ ގޮތް ދޫނުކުރުމާއި ބަދަލު ހިފުމުގެ ތޮބީއަތެވެ. ޔާމީނު ޖަލުގައި އޮންނަން ޖެހުނު ސަބަބު މެދުވެރި ކުރުވީ އާޒިމާއެވެ. ޔާމީނަކީ އަނިޔާވެރި ވެރިކަމެއް ކުރި މީހަކަށް ހެދީ އާޒިމާ ދިން ގާނޫނީ ނުލަފައެވެ.
ތިބާގެ ބޮޑާކަމާއި މަވެތިކަމުން އުފާވެރި ޒަވާޖީ ހަޔާތެއް ނުހޯދުމުން އެ ކަމުގެ އުގޫބަތް ހުރިހާ ކަނބަލުންނަށް ދޭން ނޫޅޭށެވެ. ހައްގުގެ ނަމުގައި މަވެތިކަން ބޮލަށް ވައްދައިގެން ހުރިހާ ކަނބަލުންނަކީ އެކަނިވެރި މައިންނަށް ހަދަން ނޫޅޭށެވެ.
ކާމިޔާބު މީހުންނަކީ ދަރަނި ނުދެއްކުމުގެ ނިޔަތުގައި މަކަރާ ހީލަތުން ދަރަނި ނަގައިގެން ދަރަނި އަދާ ނުކޮށް ހުއްޖަތް ދައްކައިގެން ދަރަނިން ބަރީއަ ވާން އުޅޭ ބައެއް ނޫނެވެ. އެއްބަސްވުމާއެއް ގޮތަށް ދަރަނި ނުދައްކައިގެން 4.2 މިލިއަން ރުފިޔާ ނުދައްކައިގެން ކޯޓަކުން ދަރަނި ސާބިތު ކުރާނީ ކިހާ ގޮތެއް ނެތުނީމާ ހެއްޔެވެ. ނުވިތާކަށް ލޯނު ހޯދަން އަމިއްލަ ކުންފުންޏަކުން ނެގި މިލިޔަނަކަށް ވުރެ ގިނަ ރުފިޔާ ލޯނު ލިބުމުން އަދާނުކޮށް އަހަރު ތަކެއް ވޭތުކޮށްލާނީ ކިހާ ގޮތެއް ނެތީމާ ހެއްޔެވެ.
ރައީސް މުއިއްޒު ބޮލަށް ޗިޕް ޖަހައިގެން މާލޭ މޭޔަރު ކަމަށް ކުރިމަތި ލައިގެން އުޅެނީ ދަރަނި އަދާކުރުވުން ނޫން ބޭނުމެއްގައެއް ނޫނެވެ. ފަރާތް ފަރާތުން ތީރު އުކަނީ އުކެން އޮތީމައެވެ. ބޯހަރުކަން ދެއްކޭނީ އަނގައިންނެވެ. ޝަރީއަތުގެ މަޖިލީހުގެ ކޮށިގަނޑަށް އަރާލަން ޖެހުނީމާ ވީވަރު ލޮލުން ދުށީމެވެ.
އަތްފައިން ވާގި ދޫވެ އަޑުން އަޑުނަގާ ރޮއިހޭރި އެޅިކަރުނުން ކަކޫތާފެން ހެދުނޭ ބުންޏަސްް ދޮގަކަށް ނުވާނެއެވެ. ޕޯޑިއަމެއް ލިބުނީމާ އަނގައެއް އޮތީމާ އަނގަ ދިޔާ ކުރެވިދާނެއެވެ.
ދަރަނިތައް އޮތްތާ އޮއްވާ ކްރިމިނަލް ކޯޓުގައި ހިނގަ ހިނގާ އޮތް ކުށުގެ މައްސަލަތައް އަދި ކޮބައިހެއްޔެވެ. ރަސްމީ އިދާރާއަކަށް ދޮގު މައުލޫމަތު ދިނުމުގެ ކުށުގެ ދައުވާ ނުހިނގާ ހުއްޓިފައި އޮތުމަކީ މައްސަލައެއް ނެތުމެއް ނޫނެވެ. މިހުރިއްޔަކީ ޔޯލަޔޯލަ ވާހަކައެއް ނޫނެވެ.
އަޒިމާގެ ދަރަނިވެރިކަމާއި ކުށުވެރިކަމުގެ އަގު އަދާކުރަން މާލޭ ރައްޔިތުންނަށް ނުޖައްސާށެވެ. ޕީޕީއެމް-ޕީއެންސީގައި އާޒިމާއަށްވުރެ މާލޭ މޭޔަރު ކަމަށް އެކަށޭނަ މީހަކު ހަމަ ނެތީ ހެއްޔެވެ. ލަދުގެ ކަންފުޅެއް ވެސް ހުރިނަމަ އޮފުކޮށްގެން މާލޭ ރައްޔިތުންގެ ކުރިމައްޗަށް އާޒިމާއެއް ނުނެރޭނެއެވެ. ކިތަންމެ ފޮއްޗެއް ދަމާ ކިތަންމެ ލަވައެއް ކިޔަސް އާޒިމާއަކީ މާލޭ މީހުންގެ ޗޮއިސަކަށް ނުވާނެއެވެ.