މުއިއްޒަކީ ވެރިކަން ކުރެއްވޭވަރުގެ މިނިވަނެއް ނޫން
ބަދަލަކުރުމަށްވުރެ ގައުމަށް ފައިދާ ބޮޑީ އެކަކަށް ދެވަނަ ދައުރު ދިނުން
ޑރ. މުއިއްޒު ވެރިކަމަށް ހޮވުމުގެ ބޭނުމެއް ނެތްކަމަށް މުއިއްޒުގެ ވާހަކަފުޅުތަކުން ރައްޔިތުންނަށް ސާފުވެއެވެ. ޑރ. މުއިއްޒު ވެރިކަމަށް ހޮވި ވަޑައިގަތަސް މި ސަރުކާރުން ކުރަމުން ގެންދާ އެއްވެސް ކަމެއް ހުއްޓާނުލައްވާނެ ކަމަށް އެބަ ވިދާޅުވެއެވެ. މި ސަރުކާރުން ހުއްޓާލާފައި އޮތް ކަމެއް ނުފައްޓަވާނެ ކަމަށް ވެސް އެބަ ވިދާޅުވެއެވެ. މި ސަރުކާރުން ވަޒީފާ ދީފައިވާ އެކެއްގެ ވަޒީފާވެސް ނުގެއްލޭނެ ކަމަށް އެބަ ވިދާޅުވެއެވެ.
ރައީސް ސޯލިހާ ދެކޮޅަށް އިދިކޮޅުން މައިގަނޑު ގޮތެއްގައި ދައްކާ އެއް ވާހަކައަކީ ރަށްރަށުގައި ބޭނުން ނުވާ ވަރަށް މީހުނަށް ވަޒީފާ ދީގެން އުޅޭ ވާހަކައެވެ. އެކަމަކީ ވަރަށް ބޮޑު ގޯހަކަށް ވެގެން އުޅުއްވަމުން އެ ވިދާޅުވަނީ އެކަކުވެސް ވަޒީފާއިން ވަކި ނުކުރައްވާނެ ވާހަކައެވެ. މިހާރު ވެސް ބުރައެއް ކަމަށް ދެކިވަޑައިގެން މުއައްޒަފުން އިތުރު ވާހަކަ އެބަ ދައްކަވައެވެ. މި ސަރުކާރުން ވަޒީފާ ތިބި މީހުން ވަކި ނުކުރައްވާ މުއިއްޒަށް ތާއީދުކޮށް ވެރިކަމަށް ގެނެސްދޭން މަސައްކަތްކޮށްދޭން މަގުމަތީގައި ތިބި އެތައް ހާސް މީހުނަށް ވެރިކަމަށް ވަޑައިގެން ވަޒީފާ ދެއްވާނީ ކިހިނެއް ހެއްޔެވެ. ތިބި މީހުން ނުކަނޑާ އަނެއްކާ އެހެން ބަޔަކަށް ވަޒީފާ ތަކެއް ދޭން ޖެހުމަކީ ދައުލަތަށް މިހާރަށް ވުރެވެސް ބޮޑު ބުރައަކަށް ނުވެއެއް ނުދާނެއެވެ.
ކެންޕޭނުގައި ވޯޓު ހޯއްދެވުމުގެ ބޭނުންފުޅުގައި ކޮންމެ ވާހަކައެއް ދެއްކެވިޔަސް މި ސަރުކާރުން ވަޒީފާ ދީފައި ތިބި ގިނަ އަދަދެއްގެ މީހުން ވަޒީފާއިން ވަކި ކުރައްވާނެ ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. މިހާރު ތިބި އެތައް ބަޔަކު ވަޒީފާއިން ވަކިނުކޮށް އެހެން ބަޔަކަށް ވަޒީފާ ދެއްވައިގެން ދައުލަތުގެ ހަރަދު ބަރަދު ހަމަޖެއްސުމަކީ ކުޅަދާނަ ކަމެއް ނޫނެވެ. އޭރުން ދައުލަތުގެ ހަރަދު އެތައް ގުނައަކަށް އިތުރުވެ ދަރަނިވެރިކަން އިންތިހާއަށް ދިޔުން ނޫންކަމެއް ނުވާނެއެވެ. އެހެންކަމުން ޑރ.މުއިއްޒަށް ވެރިކަން ބަދަލު ކުރުމަށްވުރެ ދައުލަތަށާއި ރައްޔިތުންނަށް ފައިދާ ބޮޑީ މިހާރު އޮތް ސަރުކާރު އޮތް ގޮތަށް ބޭއްވުމެވެ.
ރައީސް ސޯލިހު ސަރުކާރުން ފަށާފައިވާ އެއްވެސް ޕްރޮޖެކްޓެއް ހުއްޓާ ނުލައްވާނެ ކަމަށް މުއިއްޒު އެބަ ވިދާޅުވެއެވެ. އެހެންކަމަށް ވާނަމަ މިހާރު ކުރިއަށް ދާގޮތަށް ކަންކަން އެ ތަރުތީބުން ކުރިއަށް ގެން ދިޔުމަށް އެހެން ބަޔަކާ ހަވާލު ކުރުމުގެ ބޭނުމެއް ނެތެވެ. އައު ބަޔަކު އައިސް އަލުން ބަލުން ކަން ހިންގާފާ ހުރިގޮތް ބަލާ ދަސްކޮށްގެން ކުރާން ވަގުތު ނަގާނެއެވެ. ހީނުކުރާ ކަހަލަ ބަދަލުތައް އަންނާނެއެވެ. އެކަމުގެ ސަބަބުން ވަގުތާ އިތުރު ފައިސާ ހޭދަވުން ނޫން ކަމެއް ނުވާނެއެވެ. ވިއްޔާވާނީ ފަސްވެ ލަސްވުމެވެ. އެހެން ކަމުން މިހާރު ހިނގަމުންދާ ޕްރޮޖެކްޓްތައް ތަރުތީބުން ރޭވިފައިވާ ގޮތަށް އަވަހަށް ކުރިއަށް ގެންގޮސް ނިންމުމަށްޓަކާ ވެސް މި ސަރުކާރު ދެމެހެއްޓުން ރައްޔިތުންނަށް ފައިދާ ބޮޑެވެ.
އަނެއް ކޮޅުން ޑރ. މުއިއްޒު ވެރިކަމަށް ހޮވިވަޑައިގެންނެވެންޏާ ހޮވި ވަޑައިގަންނަވާނީ ރައީސް ޔާމީނުގެ ހިޔަނިންނެވެ. މުއިއްޒު ކިތަންމެ ބޭނުންފުޅު ވިޔަސް ރައީސް ޔާމީނު ބޭނުންފުޅު ނުވާ ގޮތަކަށް އެއްވެސް ކަމެއް ކުރެއްވުމުގެ ބާރެއް މުއިއްޒަކަށް ނުއޮންނާނެއެވެ. ފެންނަން އޮތް ގޮތުގައި ރައްޔިތުންގެ މަޖިލިހުގައި މުއިއްޒުގެ ބާރު ހިނގާ ހިންގޭނެ އެންމެ މެންބަރަކު ވެސް އަދި ނެތެވެ. މަޖިލީހުގެ އެއްބާރުލުން ނުލިބި ރައީސަކަށް ހުންނަވާ ބޭފުޅަކަށް އެއްކަމެއްވެސް ނުކުރެއްވޭނެއެވެ.
ޑރ. މުއިއްޒަކީ ބޭނުންފުޅު ވާގޮތަށް ވެރިކަން ކުރެއްވޭވަރުގެ މިނިވަން ބޭފުޅެއް ނޫނެވެ. އަޅެއްގެ އަޅެކެވެ. އެ ފަދަ ބޭފުޅަކު ވެރިކަމަށް އިސް ކުރެވިއްޖެ ނަމަ ރާއްޖެ ސޮއްސާލަނީ އެތައް އަހަރުތަކެއް ފަހަތަށެވެ. ބަދަލަކަށް މުއިއްޒު ހޮވުމަށްވުރެ ގައުމަށް ފައިދާ ބޮޑު ގޮތަކީ ރައީސް ސޯލިހަށް ދެވަނަ ދައުރު ދިނުމެވެ.