ޓީވީ ޕްރެޒެންޓަރަކާއެކު 12 މީހަކު މަރަން ހުކުމްކޮށްފި

9 މީހަކަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، 7 މީހަކު ވަނީ ކުށް ސާބިތުނުވެ ސަލާމަތްވެފަ

ޓީވީ ޕްރެޒެންޓަރަކާއެކު 12 މީހަކު މަރަން ހުކުމްކޮށްފި

މިސްރުގެ މަޝްހޫރު ޓީވީ ޕްރެޒެންޓަރެއް ކަމަށްވާ، އުމުރުން 39 އަހަރުގެ ސާރާ ހަލީފާ އާއި އިތުރު 11 މީހަކު، މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ކުށް ސާބިތުވެ، ދަންޖައްސައި މެރުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

މިޞްރުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ މަނާ މަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި، އެ ތަކެތި ވިއްކުމަށް ރޭވިކަމުގެ ތުހުމަތުގައެވެ. ކަމާބެހޭ އިދާރާތަކުން ވަނީ 750 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއި، އެ ތަކެތި އުފެއްދުމަށް ބޭނުންކުރާ ސާމާނު އަތުލައިގަނެފައެވެ. މީގެ އިތުރުން، ގައިރު ގާނޫނީ ހަތިޔާރާއި ވަޒަން ގެންގުޅުނުކަމުގެ ތުހުމަތުވެސް މި މީހުންގެ މައްޗަށް ވަނީ ކުރެވިފައެވެ.

ކުށް ކުރާ މީހުން ހޯދުމާ ގުޅޭ "މިޝަން އިމްޕޮސިބަލް" ޕްރޮގްރާމް ހުށަހަޅައިދޭ ސާރާ ހަލީފާ ވަނީ އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އޭނާ ކޯޓުގައި ބުނެފައިވާ ގޮތުގައި، މަސްތުވާތަކެތި ނައްތާލާ މަރުކަޒެއްގައި އެ ތަކެއްޗާއެކު އޭނާގެ ފޮޓޯއެއް ނެގުމުގެ ކުރިން، ދުވަހަކުވެސް މަސްތުވާތަކެތި ދެކެފައެއް ނުވެއެވެ.

މި މައްސަލައިގައި ކޯޓަށް 20 ހެކިވެރިންގެ ހެކިބަސް ހުށަހަޅާފައިވާއިރު، ފޯނު ކޯލްތަކާއި ވީޑިއޯ ފަދަ އިލެކްޓްރޯނިކް ހެކިތައްވެސް ވަނީ ހުށަހަޅާފައެވެ.

މި މައްސަލައިގައި ހިމެނޭ އިތުރު 9 މީހަކަށް އުމުރުދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، 7 މީހަކު ވަނީ ކުށް ސާބިތުނުވެ ސަލާމަތްވެފައެވެ. ސާރާގެ ވަކީލު ވިދާޅުވި ގޮތުގައި، އޭނާގެ މައްޗަށް އިއްވި މަރުގެ ހުކުމް އިސްތިއުނާފު ކުރާނެއެވެ.

މި މަރުގެ ހުކުމްތައް މިދިޔަ މަހު އިއުލާނުކުރި ނަމަވެސް، ހުކުމް ރަސްމީކޮށް ކަށަވަރުކޮށްފައިވަނީ މިޞްރުގެ މުފްތީގެ ދީނީ ލަފާ ހޯދުމަށްފަހުގައެވެ.

މި މައްސަލައާއެކު މިޞްރުގައި މަރުގެ އަދަބު ދިނުމާ މެދު އޮތް ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ. އެމްނެސްޓީ އިންޓަނޭޝަނަލްގެ ރިޕޯޓުތައް ބުނާ ގޮތުގައި، 2025 ވަނަ އަހަރު މިސްރުގައި 492 މީހަކަށް މަރުގެ ހުކުމް އިއްވާފައިވާއިރު، އޭގެ ތެރެއިން 23 މީހެއްގެ މަރުގެ ހުކުމް ވަނީ ތަންފީޒުކޮށްފައެވެ.