ބިޓް ކެޓުމުން މަރާލާފައި އެއްލާލީ ކުނި ގޮނޑަށް

ބަދަލު ނަގައިދިނުމާ ގުޅޭ އަޑުއެހުން ނޮވެމްބަރު 5 ގައި

ބިޓް ކެޓުމުން މަރާލާފައި އެއްލާލީ ކުނި ގޮނޑަށް

ޔޫޓާގެ ގޭންގު މެންބަރަކު އޭނާގެ ލޯބިވެރިޔާ ވަކިވުމުން، އޭނާގެ ގަޔަށް ބަޑިޖަހައި މަރާލުމަށްފަހު ކުނިގޮނޑެއްގެ ކައިރިއަށް އެއްލާލި މައްސަލައިގައި 15 އަހަރާއި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ 2024 ޖަނަވަރީ 20 ގައި އެމެރިކާގެ ސޯލްޓް ލޭކް ސިޓީގައެވެ. އުމުރުން 46 އަހަރުގެ ފްރެޑް ޖޭސަން އެޑްވާޑްސް، އުމުރުން 25 އަހަރުގެ އެސްޕެރަންޒާ ޗާވޭޒްގެ ގަޔަށް ބަޑިޖަހައި މަރާލީ، އެ ދެމީހުންގެ ގުޅުން ކަނޑާލުމަށްފަހު ޗާވޭޒް އޭނާގެ މައިންބަފައިންގެ އެހީތެރިކަމާއެކު އެހެން ސްޓޭޓަކަށް ބަދަލުވުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އޭނާ މަރާލާފައިވަނީ އެޑްވާޑްސްގެ ކާރު ތެރޭގައެވެ.

ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ކުނިގޮނޑެއްގެ ކައިރިން ޗާވޭޒްގެ ހަށިގަނޑު ފެނުނުއިރު، ސަރވެއިލަންސް ފޫޓޭޖްތަކުން ފެންނަ ގޮތުގައި އެޑްވާޑްސް ވަނީ އެ ހަށިގަނޑު ކުނި އަޅާ ފޮށްޓަށް ލާން މަސައްކަތްކޮށް، އެކަން ކާމިޔާބު ނުވުމުން ފޮށީގެ އަރިމަތީގައި ބާއްވާފައި ފިލާފައެވެ. އޭނާ ހައްޔަރުކުރެވުނީ ނަފްސާނީ ބަލިތަކަށް ފަރުވާދޭ މަރުކަޒަކަށް އެޑްމިޓްވާން ގޮސް އިންދައެވެ.

މި މައްސަލައިގައި އެޑްވާޑްސްގެ މައްޗަށް ފުރަތަމަ ދަރަޖައިގެ މީހަކު މެރުމުގެ ދައުވާގެ އިތުރުން، ބަޑި ބޭނުންކުރުމާއި، އިންސާފަށް ހުރަސްއެޅުމާއި، މަރުވެފައިވާ މީހެއްގެ ހަށިގަނޑަށް އިހާނެތިކޮށް ހިތުމުގެ ދައުވާތައް އުފުލުނެވެ. ނަމަވެސް، އިއުތިރާފުވުމުގެ އެއްބަސްވުމެއްގެ ދަށުން އެހެން ހުރިހާ ދައުވާތަކެއް ވަނީ ދޫކޮށްލާފައެވެ.

ކޯޓު ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، އެޑްވާޑްސްއަކީ މީގެ ކުރިންވެސް ޗާވޭޒްއަށް އެކިފަހަރު މަތިން އަނިޔާކޮށްފައިވާ މީހެކެވެ. މީގެ ތެރޭގައި ޗާވޭޒްގެ ބޯ ކާރުގެ ހުންގާނުގައި ތަޅައި، އޭނާގެ ލޮލަށް އަނިޔާކުރަން މަސައްކަތްކުރުމުގެ އިތުރުން، އަތަށް ވަޅިން ހަމަލާދިނުން ހިމެނެއެވެ. ޗާވޭޒް އޭނާގެ މައިންބަފައިންގެ އެހީގައި އެހެން ތަނަކަށް ބަދަލުވާން އުޅުނީވެސް އެޑްވާޑްސްގެ ކިބައިން ސަލާމަތްވުމަށެވެ.

މީގެ އިތުރުން، އެޑްވާޑްސްއަކީ ކުރިންވެސް އެހެން އަންހެނުންނަށް ގެވެށި އަނިޔާކުރުމުގެ ރެކޯޑް އޮތް އަދި ގޭންގުތަކާ ގުޅުން އޮންނަ މީހެއްކަން ފާހަގަކުރެވެއެވެ. މި މައްސަލައިގެ ބަދަލު ނަގައިދިނުމާ ގުޅޭ އަޑުއެހުން ނޮވެމްބަރު 5 ގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.