3ދަރިން މަރާލީ މަންމައަކީ ކުށްވެރިއެއްތަ ނޫނީ ވިކްޓިމެއްތަ!

ދަރިން މަރާލުމަށްފަހު އުޅުނީ އަމިއްލައަށް މަރުވާން

3ދަރިން މަރާލީ މަންމައަކީ ކުށްވެރިއެއްތަ ނޫނީ ވިކްޓިމެއްތަ!

ސަމާލުކަމަށް: މި ލިޔުމުގައި ހިތްދަތި ތަފްސީލުތަކާއި އަމިއްލައަށް މަރުވާން އުޅުމާ ގުޅޭ ވާހަކަތައް ހިމެނިފައިވެއެވެ.

ނޯތު ކެރޮލައިނާގެ ކޭޓްލިން ކަޒްމިރްސީ، ޓިކްޓޮކް މެދުވެރިކޮށް މި މައްސަލަ ފޮލޯކުރަމުން ދިއުމުގެ ސަބަބުން، އާއިލީ މީހެއްގެ ޖަނާޒާއަށް ދިޔަ މަގުމަތީގައި ޕްލިމައުތު ކޯޓު ހުރި ސަރަހައްދަށް މަޑުކުރުމަށް އޭނާގެ މަންމައަށް ބާރުއެޅިއެވެ.

އެމީހުންގެ ވަށައިގެން ފިޔާތޮށި ކުލައިގެ ހެދުން ލައިގެން ތިބި އެތައް އަންހެނުންނެއް ކްލޭންސީއަށް ތާއީދުކޮށް އެއްވެ ތިއްބެވެ. ނަމަވެސް އެންމެންގެ ހިޔާލު އެއްގޮތެއް ނޫނެވެ. މުޅި އެމެރިކާގެ ސޯޝަލް މީޑިއާގައާއި ކެއުމުގެ މޭޒުތަކުގެ ދޮށުގައިވެސް، އާންމުން ދަނީ މި މައްސަލައާ މެދު ވަރަށް ފޯރިއާއެކު ބަހުސް ކުރަމުންނެވެ.

ގާތްގަނޑަކަށް ހަތް ހަފުތާ ވަންދެން ކުރިއަށްދިޔަ މި ޝަރީޢަތުގެ ސަބަބުން، ކްލޭންސީއަކީ ބަލީގެ ޝިކާރައަކަށްވީ މީހެއްތޯ ނުވަތަ ޖަލަށްލާންޖެހޭ ކުށްވެރިއެއްތޯ ނިންމުމާ ބެހޭގޮތުން މުޅި ގައުމު އޮތީ ބައިބައިވެފައެވެ.

އުމުރުން 36 އަހަރުގެ މި ނަރުހުގެ ދިފާއީ ވަކީލުން ބުނާ ގޮތުގައި، އޭނާގެ ކުދި ދަރިންތައް މަރާލިއިރު އޭނާ ހުރީ "ޕޯސްޓްޕާޓަމް ސައިކޯސިސް" (ވިހެއުމަށްފަހު ދިމާވާ ނަފްސާނީ ބަލިމަޑުކަމެއް) ގެ ހާލަތުގައެވެ. އެހެންކަމުން އެކަމުގެ ޖިނާއީ ޒިންމާ އޭނާ އުފުލަން ނުޖެހޭނެ ކަމަށް ވަކީލުން ވަކާލާތު ކުރިއެވެ. ނަމަވެސް ދައުލަތުން ބުނަމުން ދިޔައީ އެއީ ގަސްތުގައި ރާވައިގެން ހިންގި އަމަލެއް ކަމަށެވެ.

އެތައް ހެކިންނެއްގެ ހެކިބަސް އަޑުއަހައި، 40 ގަޑިއިރުގެ މަޝްވަރާއަށްފަހުވެސް، ޖޫރީންނަށް އެއްގަލަކަށް ނާދެވުމުން، ފަނޑިޔާރު ވަނީ ހުކުރު ދުވަހު މި ޝަރީޢަތް ބާތިލުކުރިކަން އިއުލާންކުރައްވާފައެވެ.

ޖޫރީންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކަކީ މުޅި މުޖުތަމައުގައިވެސް މި މައްސަލައާ މެދު އޮތް ހިޔާލު ތަފާތުވުންތަކުގެ ރަމްޒެކެވެ. އުމުރުން 65 އަހަރުގެ މޭރީއޭން ޑްރައިސްޑޭލްގެ އަމިއްލަ އާއިލާގެ ތެރެއިންވެސް މި މަންޒަރު ފެނުނެވެ.

މޭރީއޭންއާއި އޭނާގެ 28 އަހަރުގެ ދަރިފުޅު ގަބޫލުކުރާ ގޮތުގައި ކްލޭންސީ ބޭނުންވަނީ ޖަލު ބަންދެއް ނޫނެވެ، ނަމަވެސް ނަފްސާނީ ފަރުވާއެވެ. އެކަމަކު އޭނާގެ ތިން ފިރިހެން ދަރިން، (ކްލޭންސީގެ ދަރިންނާ އެއް އުމުރެއްގެ ކުދިން ތިބި ބަޔަކު)، މިކަމާ މުޅިން ދެކޮޅެވެ.

"އެމީހުންނަށް މިކަން ފެންނަނީ ވަރަށް ސާފުކޮށް. އެމީހުން ބުނަނީ [ކްލޭންސީ] ކުދިން މަރާލައިފިއޭ، ދެން އެ ނިމުނީއޭ،" އޭނާ ބުންޏެވެ. "މި ކުދިން ބޮޑުކުރީ އަހަރެން، އެކަމަކު މިކަމުގައި އަހަރެމެންގެ ހިޔާލު މިހާ ބޮޑަށް ތަފާތުވާންވީ ކީއްވެ؟"

ފޯނިއާ ގަބޫލުކުރާ ގޮތުގައި އެމެރިކާގެ ސިއްހީ ނިޒާމުން ކްލޭންސީއަށް ވަނީ ބޮޑު އިހުމާލެއް ވެފައެވެ. އަންހެނަކަށް އަދި މައަކަށް ވީތީ، ވިހެއުމަށްފަހު ކުރިމަތިވާ ނަފްސާނީ ތަހައްމަލުތަކަށް ސަމާލުކަން ލިބިފައިވާ މި މައްސަލައިގައި ބައިވެރިވުމަކީ އޭނާއަށް ލާޒިމު ކަމެއް ކަމަށް އޭނާ ދެކެއެވެ.

"ވާހަކަ ބަދަލުކޮށްލަން އެންމެ މީހަކުވެސް ފުދޭ،" އޭނާ ބުންޏެވެ. "މިއީ ދުނިޔޭގެ ފެންވަރުގެ މައްސަލައެއް. މިއީ ހަމައެކަނި މެސެޗުސެޓްސްގެ ކުޑަ އަވަށެއްގެ ކަމެއް ނޫން. މިއީ ހުރިހާ ތަނެއްގެ އަންހެނުންނާ ގުޅުންހުރި ކަމެއް."

ކްލޭންސީ ބުނާ ގޮތުގައި އޭނާގެ ތިން ދަރިން ކަމަށްވާ ފަސް އަހަރުގެ ކޯރާ، ތިން އަހަރުގެ ޑޯސަން އަދި އަށް މަހުގެ ކެލަން މަރާލުމުގެ ކުރިން އޭނާއަށް ނަފްސާނީ ގޮތުން ނުބައި އިހުސާސްތަކެއް ކުރެވި، ވަސްވާސްތައް ވަދެފައިވެއެވެ. ކުދިން މަރާލުމަށްފަހު އޭނާ ވަނީ ދެވަނަ ބުރީގެ ކުޑަދޮރަކުން ބޭރަށް ފުންމާލައި، އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައެވެ. މި ހާދިސާގައި އޭނާގެ ހަށިގަނޑުގެ ބައެއް ވަނީ ވާގިނެތިފައެވެ.

ޝަރީޢަތުގައި ކްލޭންސީގެ ނަފްސާނީ ހާލަތާ ގުޅޭގޮތުން 10 އަށްވުރެ ގިނަ ތަޖުރިބާކާރުން ހެކިބަސް ދިނެވެ. ނަމަވެސް ބައެއް މާހިރުން ވަނީ ދިފާއީ ވަކީލުންގެ ވާހަކަތަކާ ދެކޮޅު ހަދާފައެވެ. "ޕޯސްޓްޕާޓަމް ސައިކޯސިސް" އަކީ ވިހެއުމަށްފަހު ވަރަށް މަދުން ދިމާވާ، މީހާގެ ބުއްދި ގޯސްވެ ހަގީގަތާ ދުރުކޮށްދޭ ހާލަތެއް ނަމަވެސް، އެކަމުގެ ސަބަބުން ކްލޭންސީ ޖިނާއީ ޒިންމާއިން ބަރީއަނުވާނެ ކަމަށް ބައެއް މާހިރުން ބުންޏެވެ.

ފަސް މަސް ދުވަހުގެ ތެރޭގައި 12 ފަހަރަށްވުރެ ގިނައިން ކްލޭންސީއަށް ފަރުވާ ދިން ޖެނިފާ ޓަފްޓްސް ހެކިބަސް ދެމުން ބުނީ، އޭނާގެ ކިބައިން ސައިކޯސިސްގެ އެއްވެސް ނިޝާނެއް ފެނިފައިނުވާ ކަމަށެވެ.

ސައިކިއޭޓްރިސްޓް އެވްރަމް މެކް ފަހުން ހެކިބަސް ދެމުން ބުނީ، އެމެރިކަން ސައިކިއޭޓްރިކް އެސޯސިއޭޝަނުން "ޕޯސްޓްޕާޓަމް ސައިކޯސިސް" އަކީ ވަކި ބައްޔެއްގެ ގޮތުގައި ބަލައިނުގަންނަ ކަމަށެވެ. މި ހާމަކުރުންތަކުގެ ސަބަބުން ދެފަރާތުގެ މީހުންގެ ހިޔާލުތައް އިތުރަށް ވަރުގަދަވެގެން ދިޔައެވެ.

ޓެކްސަސްގެ ހަތަރު ކުދިންގެ މައެއް ކަމަށްވާ ނިކޯލް ރަސަލް، ދުރުގައި ހުރެގެން މި ޝަރީޢަތް ފޮލޯކުރަމުން ދިޔައިރު ފާހަގަކުރީ، ކްލޭންސީއަށް ޑޮކްޓަރުންނާއި، ފިރިމީހާއާއި، ކުދިން ބަލާ މީހާއާއި އާއިލާގެ ފަރާތުން ލިބުނު ބޮޑު އެހީތެރިކަމެވެ. އޭނާ ބުނި ގޮތުގައި މިއީ ގިނަ މައިންނަށް ލިބޭ މިންވަރަށްވުރެ މާ ބޮޑު އެހީތެރިކަމެކެވެ.

ކްލޭންސީގެ ނަފްސާނީ މައްސަލަތައް ފެށުނީ އޭނާގެ އެންމެ ހަގު ދަރިފުޅު ވިހެއުމަށްފަހު ކަމަށް ބުނެވެއެވެ. އޭނާ ތަކުރާރުކޮށް އެމަޖެންސީ ރޫމްތަކަށް ގޮސް، ތަފާތު ސިއްހީ މާހިރުންގެ އެހީތެރިކަމަށް އެދި، އަމިއްލައަށް މަރުވާން އުޅޭ މީހުންނަށް އެހީތެރިވާ ހޮޓްލައިންތަކަށްވެސް ގުޅާފައިވެއެވެ.

ގިނަ ބަޔަކު ދެކޭގޮތުގައި މިއީ ކްލޭންސީ ރަނގަޅުވުމަށް އޭނާގެ ބާރުގެ ދަށުގައިވާ ހުރިހާ މަސައްކަތެއް ކުރިކަމުގެ ހެއްކެކެވެ. ނަމަވެސް ސިއްހީ ނިޒާމުން އޭނާއަށް އެހީތެރިވެވިފައި ނުވާތީ، ގިނަ ބައެއްގެ ހަމްދަރުދީ އޭނާއަށް ލިބުނެވެ.

މެލީސާ މެރިލްއަކީ ކްލޭންސީއަށް ފަރުވާ ދިން ހޮސްޕިޓަލުން ފަރުވާ ހޯދި މީހެކެވެ. "އަހަރެންގެ އަމިއްލަ ނަފްސު އޭނާގެ ފަރާތުން ފެނޭ، އަހަރެންވެސް އަމިއްލައަށް މަރުވާން ހިތަށްއެރި މައެއްގެ ގޮތުގައި،" އޭނާ މައުލޫމާތު ދެމުން ބުންޏެވެ.

ޝަރީޢަތުގެ ދުވަސްތަކުގައި، ފުރޮޅުލީ ގޮނޑިއެއްގައި އިން ކްލޭންސީ ރޮމުން، އޭނާގެ ވަކީލުގެ އަތުގައި ހިފަހައްޓައިގެން ހިތާމަވެރި އަޑުތައް ލައްވަމުން ދިޔަ މަންޒަރު ފެނުނެވެ.

ޝަރީޢަތުގެ އެއް ދުވަހު، މެރިލް ވަނީ ކޯޓުން ބޭރުގައި ކްލޭންސީގެ ވަކީލާ ބައްދަލުކޮށް، ހިތްވަރު ދިނުމުގެ މެސެޖެއް ހިމެނޭ ފިޔާތޮށި ސިޓީއުރައެއް ހަވާލުކޮށްފައެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ކްލޭންސީއަކީ "މާޔޫސްވެ، ބަލިކަށިވެފައިވާ އަންހެނެއް" ކަމަށެވެ.

ނަމަވެސް، ޓެކްސަސްގެ މައެއް ކަމަށްވާ ރަސަލް ފަދަ އެހެން ބައެއް ބެލެނިވެރިން ވަނީ މިފަދަ "ވިހަ ހަމްދަރުދީއާ" ދެކޮޅަށް އަޑުއުފުލާފައެވެ. އޭނާ ބާރުއަޅައި ބުނި ގޮތުގައި ކްލޭންސީއަކީ "ގުރުބާންވި މީހެއް ނޫން ނުވަތަ ވަރުބަލިވެފައިވާ މައިންގެ ރަމްޒެއް ވެސް ނޫނެވެ."

"ލިންޑްސޭ ކްލޭންސީއަކީ މައިވަންތަކަމުގެ އުނދަގޫތަކުގެ މިސާލެއް ކަމުގައި ބެލެވިގެން ނުވާނެއެވެ. ސަބަބަކީ އެތައް މިލިއަން މައިންނެއް ދަރިން ވިހައި، އެތައް ދަތިތަކެއް ތަހައްމަލު ކުރާއިރުވެސް، އެމީހުންގެ ދަރިންނަށް އެއްވެސް އަނިޔާއެއް ނުކުރެއެވެ،" ރަސަލް ވަކާލާތު ކުރިއެވެ.

ކްލޭންސީގެ ޝަރީޢަތާ ގުޅޭ ބަހުސްތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފެތުރިގެން ދިޔައެވެ. ގިނަ ބަޔަކަށް މި މައްސަލައިގެ ވާހަކަ ނުދެކެވޭ އެއްވެސް މަންސައެއް ހޯދުން ދަތިވިއިރު، ތަފާތު އެކި ކަހަލަ ތިއަރީތައްވެސް ދައުރުވަމުން ދިޔައެވެ.

ކްލޭންސީގެ މަންމައާއި، ކޮއްކޮ އަދި ކުރީގެ ފިރިމީހާ ވަނީ ކުދިން މަރާލުމުގެ ކުރިން އޭނާގެ ނަފްސާނީ ހާލަތު ގޯސްވަމުން ދިޔަ ކަމަށް ހެކިބަސް ދީފައެވެ. ނަމަވެސް، އޭނާގެ ކުރީގެ ފިރިމީހާ ޕެޓްރިކް ކްލޭންސީއަށް އަމާޒުކޮށް އޮންލައިންކޮށް ވަރަށް ބޮޑަށް ފާޑުކިޔައި، އޭނާ ކަމެއް ފޮރުވަން އުޅޭ ކަމުގެ ތުހުމަތުތައް ކުރެވުނެވެ.

އޭނާގެ އަންހެނުން ދަރިން މަރާލި ކަމަށް އިންކާރު ނުކުރާ ހާލަތެއްގައިވެސް، އަދި އެ ވަގުތު ގޭގައި ހުރި ހަމައެކަނި ބޮޑު މީހަކީ އޭނާގެ އަންހެނުން ކަމަށްވާއިރުވެސް، މި މަރުތަކުގެ ޒިންމާ ޕެޓްރިކްގެ ބޮލުގައި އެޅުވުމަށް ބައެއް މީހުން މަސައްކަތް ކުރިއެވެ. މީގެ ސަބަބުން އޭނާގެ އަމިއްލަ ދިރިއުޅުމަށް އާންމުންގެ ސަމާލުކަން ވަރަށް ބޮޑަށް ހުއްޓި، އޭނާގެ އާ އަންހެނުންނާއެކު ދަތުރުކުރާ ފޮޓޯތައްވެސް ނޫސްތަކުގައި ޖަހާފައިވެއެވެ.

އޭނާގެ ވަކީލުން އޯގަސްޓް މަހު ދިން ބަޔާނެއްގައި ބުނީ މިކަމުގެ ހަގީގަތްތަކަކީ "ބަދަލު ނުކުރެވޭނެ" ކަންކަން ކަމަށެވެ.

"ޕެޓްރިކް ކްލޭންސީއަށް ވަނީ ބަޔާންކުރަން ދަތި، ހިތަށްވެސް ނުގެނެވޭ ފަދަ ބޮޑު ގެއްލުމެއް ލިބިފައެވެ،" ވަކީލުން ބުންޏެވެ. "ނަސީބު ދެރަކަމުން، ޕެޓްރިކް ތަހައްމަލު ކުރަމުންދާ ހިތާމަވެރި ހާދިސާ، އާންމުންގެ މެދުގައި ފެތުރިފައިވާ ދޮގު އަދި އަބުރު ގެއްލޭ ފަދަ ބަޔާންތަކުގެ ސަބަބުން އިތުރަށް ބޮޑުވެފައިވެއެވެ."

މި މައްސަލައަކީ ޖެންޑާ ނުވަތަ އަންހެން ފިރިހެން ތަފާތުކުރުންތަކުގެ ބަހުސަކަށްވެސް ވެގެން ދިޔައެވެ. ގިނަ ފަހަރަށް މީހުންގެ ހިޔާލުތައް ހުރީ އެމީހެއްގެ ޖިންސާ ގުޅޭގޮތުންނެވެ.

އިލިނޯއީއިން މި ޝަރީޢަތް ފޮލޯކުރި ތިން ކުދިންގެ ބައްޕަ، ވިންސެންޒޯ ވަޒްކުއޭޒް ގަބޫލުކުރާ ގޮތުގައި ކްލޭންސީއަށް އާންމުންގެ ފަރާތުން ފެންނަ އަމަލުތަކުގައި ޖިންސުގެ ދައުރު ބޮޑެވެ. އޭނާ ދެކޭގޮތުގައި ހަމަ މި ދަޢުވާތައް ފިރިހެނެއްގެ މައްޗަށް ކުރެވުނު ނަމަ، އާންމުންގެ މިފަދަ ހަމްދަރުދީއެއް ނުލިބޭނެއެވެ.

"މީހަކަށް ކޮންމެ ފަދަ ހާލަތެއް ކުރިމަތިވި ނަމަވެސް، އަމިއްލަ ދަރިން ނުވަތަ އެހެން ކުއްޖަކު މަރާލުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ، ނުވަތަ އުޒުރެއް ދެއްކޭނެ، ނުވަތަ އޭގެ ހަމަޖެހޭ ސަބަބެއް އޮތް ކަމެއް ކަމަކަށް އަހަރެން ނުދެކެމެވެ،" އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ، "އެތައް ބަޔަކު އޭނާއަށް ތާއީދުކޮށް އެއްވާ މަންޒަރު ފެނުމުން ވަރަށް ދެރަވެ، ފޫހިވެސްވޭ" ކަމަށެވެ. އޭނާ ބުނި ގޮތުގައި "މީހުން ނުކުމެ ތިބެންވީ އެ ކުދިންނަށް އިންސާފު ހޯދައިދިނުމަށެވެ. އެއީ ކުރިމަގު އޮތް ރީތި ތިން ކުދިންނެވެ."

ހަތް ދުވަހުގެ މަޝްވަރާއަށްފަހުވެސް ޖޫރީންނަށް ގޮތެއް ނުނިންމި، ޝަރީޢަތް ބާތިލުކުރުމާ ގުޅިގެން، މި މައްސަލައިގެ ކުރިމަގާއި ކްލޭންސީގެ މުސްތަގުބަލު އަދި އޮތީ ނޭނގުމެއްގެ ތެރޭގައެވެ. މި މަސް ނިމޭކޮޅު ބާއްވާ އަޑުއެހުމެއްގައި، ދައުލަތުން ދެވަނަ ޝަރީޢަތަކަށް ދާނެތޯ ނުވަތަ އިއުތިރާފުގެ އެއްބަސްވުމަކަށް އަންނަން މަސައްކަތް ކުރާނެތޯ ކަނޑައެޅޭނެއެވެ.

މިވަގުތަށް، އެހެން މައިދާންތަކުގައި ކުރިއަށްދާ ބަހުސްތައް ހުއްޓުމެއްނެތި ކުރިއަށްދާނެކަން ޔަގީނެވެ.