މުއިއްޒު ލާދީނިއްޔަތު ފަތުރާދެނީ ޝޭހުން އެދޭގޮތަށް!؟
ސަރުކާރު ހިންގަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަމަށް ވަރަށް ގިނައިން ސަރުކާރުގެ ބަޔާން ތަކުގައާއި ދައްކާ ވާހަކަ ތަކުގައި ވެއެވެ. ދިވެހި ރައްޔިތުންގެ ގިނަ އަދަދެއްގެ ބަޔަކު 2023 ގެ ކުރިން މ. ދިމްޔާތު މުހައްމަދު މުއިއްޒު ކިޔާ މީހަކު ނުދަނެއެވެ. މާލޭ މޭޔަރު ކަމަށް ހޮވުނީ ރައީސް ޔާމީނުގެ ނިވަލުގައެވެ. މުއިއްޒުގެ އަރިސް ބައެއް މީހުން ހާމަ ކުރާ ގޮތުންނަމަ މޭޔަރު ކަމަށް އައުމުގެ ކުރިން 2014 ވަނަ އަހަރުން ފެށިގެން ވެރިކަމުގެ އުންމީދު އައީ ކުރަމުންނެވެ.
ދިވެހިރާއްޖޭގެ ސަގާފަތަކީ ވެރިކަމަށް މީހަކު ހޮވުމަށް ވުރެ ބޮޑަށް ވެރިކަމުން މީހަކު ބޭލުންކަން 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ މަސްރަހުން ފެންނަން އެބައޮތެވެ. އެގޮތުން 2023 ވަނަ އަހަރު ވެސް ވެރިކަން ބަދަލު ކުރަން ދިވެހީން ބޭނުންވެ އެކަން އެކަން އެ އޮތީ ކޮށްފައެވެ. އޭރުއޮތް ސަރުކާރާ ދެކޮޅަށް ދެއްކުނު އެއްވާހަކަ އަކީ އެމްޑީއެން ރިޕޯޓެއްގެ ވާހަކައެވެ.
2019 ވަނަ އަހަރުގެ ފެބުރުއަރީ މަހު އާންމުވި އެމްޑީއެންގެ ފުލް ރިޕޯޓަކީ އޭރުއޮތް އިދިކޮޅު މިއަދުގެ ވެރިކަން ކުރާ ޖަމާއަތުން ވަރަށް ބޮޑަށް ކުއްވެރި ކުރި ކަމެކެވެ. އެމްޑީއެން ރިޕޯޓުގައި ހިމަނާފައިވާ ކަންކަމުގެ މައުލޫމާތުތަކާއި އެއްބަނޑު އެއްބަފާ ޒާތެއްގެ ކަންކަން ސާފުކުރުމަށްފަހު ހިޔުމަންރައިޓްސް ކަމިޝަން އޮފްދަ މޯލްޑިވްސް އިން 2024 ޑިސެމްބަރު 10 ވަނަ ދުވަހު “ބިޔޯންޑް ޓޫ ޑެކޭޑްސް: ޓްވެންޓީ އިޔާސް އޮފް ދަ “ރައިޓްސް” ސައިޑް ލައިފް” އާންމު ކުރިއެވެ.

މި ކަމަކީ ފަތިސް ނަމާދުން ފޭބި މަންޒަރުތައް އާންމުކޮށް ކެމްޕެއިންގައި ހާމަ ކުރަމުން ދީނީ ޝިޔާރުތައް ވިއްކަމުން ވެރިކަމަށް އައި ބައެއްގެ ވެރިކަމުން ފެނިގެން ދިޔަކަމެކެވެ.
އެމްޑީއެން ރިޕޯޓާއި ހިޔަުމަންރައިޓްސްގެ ރިޕޯޓުގައިވެސް ހައްގުތައް ހިމާޔަތް ކުރުމުގައި ރައްޔިތުންނަށް މައުލޫމާތު ސާފުވެފައިވާ މިންވަރު ކުޑަކަމާއި، ދީނީ ކަންކަމާއި ގުޅިގެން ރައްޔިތުންނަށް އެގެން ޖެހޭ މިނިވަންކަމުގެ މައުލޫމާތު މަދުކަން ފާހަގަ ކޮށްފައިވެއެވެ. ހަމަ އެފަދައިން އެކި ޖިންސުތަކުގެ ހައްގުތަކާއި ގުޅޭ މައުލޫމާތާއި އަންހެން، ފިރިހެން އަދި އެހެނިހެން ޖިންސުގެ ވާހަކަ ދެ ރިޕޯޓުގައި ވެސް މައުލޫމާތު ރައްޔިތުންގެ ތެރޭގައި މަދުކަން ފާހަގަކޮށްފައިވެއެވެ.
ދެ ފޮޅުވަތް ދޭތެރެއިން ބަލާނަމަ ދެ ރިޕޯޓަކީވެސް އެއްކަހަލަ ވިސްނުންތަކެއްގެ މައްޗަށް ފަރުމާކޮށް ތައްޔާރުކުރެވިފައިވާ ލިޔުންތަކެއް ކަމަށް ގަބޫލު ކުރެވެއެވެ. ތަފާތަކީ ސިޔާސީ ގޮތުން ހުރި ވިސްނުމުގެ ތައާރުޒު ވުމެއް ކަމަށް ބެލެވިދާނެއެވެ. 2019 ވަނައަހަރު އެމްޑީއެން އިން އާންމު ކުރި ފުލް ރިޕޯޓު ނެރުނު ހިސާބުން އަދުގެ ސަރުކާރު ތެރެއިން ގޮވަމުން ދިޔައީ ލާދީނީ ޖަމާއަތެއްގެ ނިވަލުގައި ނެރުނު ރިޕޯޓެއް ކަމަށެވެ. 2024 ވަނައަހަރު ނެރެ އާންމު ކުރި އެޗްއާރސީއެމްގެ ރިޕޯޓަކީ ވަރަށްވެސް ދީނީގޮތުން ތަސައްރަފު ފުދިފައި ތިބި ބައެއްގެ ނިވަލުގައި ނެރެ އާންމު ކުރި ރިޕޯޓެކެވެ.

ސަމޯއާ އެގްރީމަންޓް އަކީ އޯއޭސީޕީއެސް-އީޔޫ ޕާޓްނަރ ޝިޕް އެގްރީމަންޓެވެ. މި އެގްރީމަންޓްގައި ސޮއި ކުރީ 1 ޖުލައި 2024 ގައެވެ. ބައިނަލް މީޑިއާ ތަކުގައި ސިފަކޮށްފައިވަނީ “ ދިވެހިރާއްޖެއިން ތާރީހީ ސަމޯއާ އެގްރީމަންޓްގައި ސޮއި ކޮށްފި” ކަމެވެ. ސަމޯއާ އެގްރީމަންޓްގައި ސޮއި ކުރީ އޭރު ދިވެހިރާއްޖެއިން ބެލްޖިއަމް އަށް ކަނޑައަޅުއްވާފައިވާ ސަފީރު ގީލާ އަލީ އެވެ.

ސަމޯއާ އެގްރީމަންޓަކީ އިސްލާމީ ބައިނަލް އަގުވާމީ ދީނީ ޖަމާއަތްތަކުން ސޮއި ނުކުރުމަށް އިލްތިމާސްކުރަމުން ގޮސްފައިވާ އެގްރީމަންޓެކެވެ. އިންސާނީ ހައްގުތައް ޔޫރަޕްގެ ގައުމުތަކެކޭ އެއްފަދައިން ޕްރޮމޯޓު ކުރުމަށް 1970 ގެ އަހަރުތަކުން ފެށިގެން އެކިއެކި ނަންނަމުގައި ކުރަމުން ގޮސްފައިވާ ކެމްޕެއިންގެ އެންމެ ފަހުގެ ނަމަކީ ސަމޯއާ އެގްރީމަންޓެވެ. މި އެއްބަސް ވުމުގައި ސޮއި ކުރުމަށް ދިވެހި ސަރުކާރުން ނިންމި ކަމަށް އަރުޝީފުން ފެންނަން އޮތީ 24 ޖޫން 2024 ގައެވެ.

ރިޔާސަތުގައި އިންނެވީ ދިވެހިރާއްޖޭގެ އިސްލާމީ ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަށާއި ގާނޫނު އަސާސީގައި ލިޔެފައިވާ މިންގަނޑު ތެރޭގައި ރައްޔިތުނަށް ވެރިކަން ކޮށްދެއްވާނެ ކަމަށް ގަންދީ ހުވާކޮށްގެން ހުންނެވި ރައީސުލް ޖުމަހޫރިއްޔާއެވެ.
ދިވެހިރާއްޖޭގައި އިސްލާމިކް މިނިސްޓްރީއެއް ހުރިކަމެއް އަދި އެތަނުގެ ވަޒީރުގެ ބަހެއް އޮތްހެނެއް ހިޔެއް ނުވެއެވެ. އެހެން ވެދާނެއެވެ. އެ މަނިކުފާނު ވެސް އުޅުއްވަނީ ނަޒާހަތްތެރިކަން ގެއްލޭފަދަ ކަންކަމުގެ ޝިކާރަކަށް ވެގެންނެވެ. ބޮނަކުއާ ފުޅިއެއް މެދުގައި ބަހައްޓައިގެން ފެން ކިޔެވި މަންޒަރުތައް މުޅި ސޯޝަލް މީޑިއާގައެވެ. އުމްރާއަށް ގެންދިޔަ އަންހެން ކުއްޖަކާއިއެކު އާދަޔާއި ހިލާފު ގޮތަކަށް އުޅުނު ވާހަކައަކީވެސް ސޯޝަލް މީޑިއާގެ ސުރުހީތައް ކައްކުވާލި ހަބަރުތަކެކެވެ. އެ މަނިކުފާނަކަށް އެއްޗެއް ވިދާޅެއް ނުވެވޭނެއެވެ. ނަމަވެސް ދީނާ ގައުމުގެ ހައްގުގައި ބަސްބުނަމުން ހަރާމް ކަންކަމާއި ގޯސް ކަންތައްތަކުގެ ވާހަކަ ހަރުއަޑުން ގޮވި ޝޭހުންތަކުގެ އަޑު ކެނޑުން އިއްތިފާގެއްކަމަށް ވެގެން ނުވާނެއެވެ.

ދިވެހީން ދީނީ އިލްމުވެރިންދެކެ ފޫހިވެދާނެއެވެ. ދައްކާ ވާހަކަތަކަށް އިޖާބަ ނުދީފާނެއެވެ. ރަނަގަޅު ކޮށްލާށެވެ. މިނިސްޓަރު ދޫކޮށްލައްވާށެވެ. ހައްގުމަގަށް ރުޖޫއަ ވާށެވެ. ގޯސް ގޯސް ކުރާށެވެ. ރަނގަޅު ރަނގަޅު ކުރާށެވެ. އިސްލާމް ދީނަކީ އަނބު މޫސުން އަންނަހެން އަންނަ މޫސުކަމަށް ނުހައްދަވާށެވެ. އެމްޑީއެން ރިޕޯޓް ގޯސްވި ފަދައިން އެޗްއާރސީއެމް ރިޕޯޓުވެސް ގޯސްކަމަށް ވިދާޅުވާށެވެ. އަދި ސަމޯއާ އެގްރީމަންޓް މާ ބޮޑަށްވެސް ގޯސް ކަމަށް ވިދާޅުވާށެވެ.
ދީނީ އިލްމުވެރިންނާއި ގައުމުގެ ދޮށީ ބޭބޭފުޅުން ސަމޯއާ އެގްރީމަންޓް ފަދަ ކަންކަން ކަމަކަށް ނުހެދުމުގެ ނަތީޖާއަކީ ސަރުކާރުގެ އެންމެ މަތީ އޮފީހުގެ ހުރުމަތް ކެނޑުމެވެ. ސަމޯޢާ އެގްރީމަންޓުގައި ސޮއި ކުރި ފަރާތަށް މިނިސްޓަރުކަން ދިނުން ރައީސް އޮފީހުގެ ސޯފާތަކުގެ ކަރާމާތް ކަނޑާލި ފަރާތަކަށް ކަމަކަށް ނުވެދާނެއެވެ.
ކެބިނެޓް ގޯސްތައް އާންމުވާނަމަ ދީނީ އިލްމުވެރިންވެސް ރާއްޖޭގައި ޒިންމާ ނަންގަވަން ޖެހޭނެއެވެ. ގޯސްތައް ގިނަވެގެން ދާނަމަ އެއީ އާދައިގެ ކަމަކަށް ވެގެން ދާނެއެވެ. ދޮގު ހެދުމާއި، އައްޔާޝީ ކަންކަމާއި ދުރުހެލި ވުމަށް ނަސޭހަތްތެރި ވުމަކީ އިލްމުވެރިންގެ ޒިންމާއެކެވެ. އެ ޒިންމާ ނަންގަވާށެވެ. އެކަންކަމަށް ޗުއްޕުވެސް ނުބުނަނީ މުއިއްޒު ލާދީނިއްޔަތު ފަތުރާދެނީ ޝޭހުން އެދޭގޮތަށް ކަމަށް ވާތީހެއްޔެވެ.


