ރަސްމާލެ ނުހިއްކިގެން އުޅޭއިރު އެޅޭނީ ކޮން ޓަނަލެއް!
ހިއްކާނުލެވި ޝެޑިއުލުން ކައްސާލާ ރަސްމާލެ ކަސްމާލެއަށް
މާލެ އާއި ފުށިދިއްގަރުފަޅު ކަނޑު އަޑިން ގުޅާލުމުގެ ވާހަކަ އަނެއްކާ ދައްކަން ފެށީއެވެ. ގުޅާލަނީ ރޭލު ޓަނަލަކުން ނޯލައެވެ. ރޭލުން ދަތުރު ކުރަމުން ދާއިރު ކަނޑު އަޑީގެ ރީތި މަންޒަރުތައް ވެސް ފެންނާނެޔޯލައެވެ.
މާލޭގެ ބޯހިޔާވަހިކަމުގެ ބިޔަ މަސްރޫއުގެ ނަމުގައި ފުށިދިއްގަރުފަޅު ހިއްކަންފެށީ ރައީސް މުއިއްޒު ގޮތްދޫ ނުކުރުމާއި ބޯހަރުކަމުންނެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި ގްރޭޓާރ މާލެ ސަރަހައްދުން ދޫކޮށްފައިވާ ގޯތިތައް ނުދިނުމުގެ ބަހަނާއެއްގެ ގޮތުގައެވެ. އެއްވެސް ޕްލޭނެއް ބަޖެޓެއް ނެތި އަވަސް އަރުވާލައިގެން ފުށިދިއްގަރުފަޅު ހިއްކަން ފެށުމުގެ ބޭނުމަކަށް މާލެ ސަރަހައްދުގެ ބިންތައް ވިއްކައިގެން ގިނަ އަދަދެއްގެ ފައިސާ އެއްފަހަރާ ހޯދުން ހިމެނެއެވެ.
މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް ސިޓީމޭޔަރު ކަމަށް ކުރެއްވި ކެންޕޭން ތެރޭގައި ވިދާޅުވަމުން ގެންދެވި ވާހަކަތަކެއް އޮތެވެ. ފުށިދިއްގަރު ފަޅަކީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްލު ނޫންކަމަށް އާޒިމް ވިދާޅުވަމުން ގެންދެވިއެވެ. ކަނޑު އުޅަނދެއްގައި މާލޭ މީހުން ފުށިދިއްގަރުފަޅަށް ދަތުރުކުރަން ބޭނުންނުވާ ކަމަށް އާޒިމު ވިދާޅުވަމުން ގެންދެވިއެވެ. މާލެއާއި ބުރިޖުން ގުޅާލެވެން އޮތް ގުޅިފަޅާއި އުތުރުތިލަފަޅާއި ގިރާވަރުފަޅާއި ހުޅުމާލެ ފޭސް3 މާލޭ ރައްޔިތުންނަށް ތަރައްގީ ކޮށްދެއްވުމަށް ތަކުރާރުކޮށް އާޒިމް ވިދާޅުވަމުން ދިޔައެވެ.
ރަސްމާލެ ޓަނަލުގެ ވާހަކައަކީ މޭޔަރ އާޒިމުގެ ވާހަކަތަކަށް ރައްދު ދިނުމަށް ކުއްލިއަކަށް އުފަންކުރި ވާހަކަ އެކެވެ. ކަނޑުއަޑީގެ ޓަނަލެއްގެ އަގާއި އެކަމުގައި ހުރި ގޮންޖެހުންތަކާއި މާލީ ފޯރުންތެރިކަން ނެތްކަމާ މެދުކުޑައިކޮށްވެސް ވިސްނާނުލައެވެ. ދުނިޔޭގެ ފުރަތަމަ ކަނޑުއަޑީގެ ޓަނަލް ރާއްޖޭގައި އަޅާނެކަމަށް ބުނެ މޭޔަރ ހުވާކުރި ޖަލްސާގައި މުއިއްޒު ދެއްކި ވާހަކައަކީ އާޒިމަށް ރައްދު ދިނުން ނޫން ބޭނުމަކު ދެއްކި ވާހަކައެއް ނޫނެވެ.
އަޖައިބެއް ނުވާނެ ހެއްޔެވެ. ކޮށި އަރައިގެން އަވަހިއްޔާ އަވަހަށް ބަޖެޓުން ބޭރުންފެށި ރަސްމާލެ ހިއްކުން އެއޮތީ ހުއްޓިފައެވެ. އަލުން ހިއްކަންފެށޭނެ ދުވަހެއްގެ ކޮޅެއް މެދެއް ނޭނގެއެވެ. ގުޅިފަޅު ހިއްކަންޏާ ހިޔާވަހި ކަމުގެ ބިޔަ މަޝްރޫއު ރަސްމާލެ ޖެހެނީ މެދުކަނޑާލާށެވެ. ވާނީ އެހެންތާއެވެ. ހުޅުމަލެ ހިއްކިޔަސް ގުޅިފަޅު ހިއްކިޔަސް ރަސްމާލެ ހިއްކިޔަސް ހިއްކުމުގެ މަސައްކަތުގައި ބޭނުން ކުރަން އޮތީ އެންމެ ޑްރެޖަރެކެވެ.
މުއިއްޒުގެ ރަސްމާލެ އޮތި އަދި އަޑީގައެވެ. މަސައްކަތް ހުއްޓިފައެވެ. މަސައްކަތަށް ބޭނުންވާ ވެއްޔެއް ހަކަތައެއް ގާބިލުކަމެއް ނެތެވެ. ފަޅެއްގެ ތެރޭގައި ރަށެއް ހިއްކާނުލެވި ޝެޑިއުލުން ކައްސާލާ ރަސްމާލެ ކަސްމާލެއަށް ވާއިރު އެޅެނީ ކޮން އަންޑަރވޯޓަރ ޓަނަލެއް ހެއްޔެވެ. ޓަނަލް މަޝްރޫއުގެ ޑިޒައިން މަސައްކަތް ކުރުމަށް އެކަމަށް ގާބިލް ދެތިން ކުންފުންޏެއް ރާއްޖެ ގެންނަ ވާހަކަ ދައްކައިގެން މީހުން ޅޮސް އުނދޯއްޔަށް އަރުވައިގެން މަޖިލީހުގެ މާލޭ ގޮނޑިތައް ހޯދުމުގެ ހުވަފެން މުއިއްޒު ނުދެކޭށެވެ.
ރަސްމާލެ އާއި މާލެ އާ ރޯނު ފަށަކުން ވެސް ގުޅާލެވޭނީ ރަސްމާލެ ހިއްކިގެންތާއެވެ. ރޭލުގައި އިންނަ އިރު ކަނޑު އަޑީގެ ރީތި މަންޒަރުތައް ވެސް ފެންނަ ގޮތަށް ކަނޑު އަޑީގެ ޓަނަލަކުން ގުޅާލަން ކައްކާ ހިޔާލީ ފޮލަޔަކަށް ރައްޔިތުން ގުނބޯ ހެއްދުނު ދުވަސް މާޒީވެއްޖެއެވެ. ރަސްމާލެ ނުހިއްކިގެ އުޅޭއިރު ކަނޑުއަޑިން އެޅޭނީ ކޮން ޓަނަލެއް ހެއްޔެވެ.