ސަލަފާ ޑްރަގް ލޯޑުން ގުޅިގެން ހިންގާނީ ކަންދަހާރީންގެ ވެރިކަމެއް
މުއިއްޒަށް ތާއީދު ނުކުރަންޏާ މުސްލިމަކަށް ނުވޭތަ!
ދިވެހި ރާއްޖެއަކީ ސައްތައިން ސައްޠަ އިސްލާމީ ގައުމެކެވެ. އެހެނެއް ކަމަކު ފަސް ވަގުތު ނަމާދު ނުކުރާ މީހުން ބައިވަރެވެ. ފަރުލު ކުރެއްވި ރޯދަ ނުހިފާ މީހުން އުޅެއެވެ. ޒަކާތް ނުދޭ މީހުން މަދެއްނޫނެވެ.
ރާބުއިމުގައި މުޅި ހަޔާތް ހޭދަކޮށްލަނި އެތައް ބައެކެވެ. ޒިނޭ ކުރުމަކީ މޮޅު ކާމިޔާބެއް ކަމަކަށް ދެކެނީ މަދުބައެއް ނޫނެވެ. ރިބާ ކެއުމާ ރިބާ ދިނުމަކީ ވިޔަފާރީގެ ރުކުނެކެވެ. އޮޅުވާލުމާ މަކަރާ ހީލަތް ހެދުމަކީ ފެޝަނެވެ. ޑްރަގު ނެގުމަކީ ކުށަކަށް ނުވެ ބައްޔަކަށްވެ ނިމިއްޖެއެވެ.
ވައްކަމާ ހިޔާނާތާ ފޭރުމަކީ އާދައިގެ ކަންކަމެވެ. ނެތި މޮށުމާއި ދޮގު ހެދުމާ ދޮގު ފެތުރުމަކީ ނުކޮށް ނުވާވަރުގެ ގަދަކަމަކަށް ވެއްޖެއެވެ. އެއް ޖިންސުން ގުޅުން ހިންގުމަކީ ހައްގެއް ކަމުގައި ދެކޭ މީހުން ދަނީ އިތުރު ވަމުންނެވެ. ވައްކަން ކުރުމާއި ފޭރުމާއި މަރާމާރީއަކީ އާދައިގެ ކަންކަމެވެ. މާރާ މާރީއާއި މީހުން މެރުމަކީ ޖެހެލުންވާ ކަމަކަށް ނުވެއެވެ. ހަށިވިއްކުމަކީ ތެރަޕީއެކެވެ. ޓެރެރިޒަމާއި ދީނުގެ ނަމުގައި ހައްދު ފަހަނަ އެޅުން އެވަރެވެ. އިސްލާމު ދީނަށް ފުރައްސާރަ ކުރުމަކީ ވަކީން ކުޑަކަމެއް ނޫނެވެ. މިހެން ކިޔާފާ ނުކިޔާނެ ވަކި ކަމެއް މި މުޖުތަމައުގައި ނެތެވެ.
ގައުމުގެ ހާލަތު މި ދަރަޖައަށް ވެއްޓުނީ އެއް އަހަރަކުން ދެ އަހަރަކުން ނޫނެވެ. ތުހުމަތުގެ އިނގިލި ދިއްކޮށްފާ ނުކުރާނެ ވަކި ސަރުކާރެއް ނެތެވެ. ރައީސް މައުމޫނުގެ 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައީ ދީނީ އިލްމުވެރިންގެ އެތައް ބަޔަކު ނިކުމެ ރައީސް މައުމޫނު ޠާގޫތަކަށް ހަދައިގެންނެވެ. ރައީސް ނަޝީދު ވެރިކަމުން ވައްޓާލީ ލާދީނީ ސަރުކާރަކަށް ވެގެން އިސްލާމް ދީނުގެ ނަމުގައެވެ. ރައީސް ވަހީދުގެ ބައި ދައުރާއި ރައީސް ޔާމީނުގެ ފަސް އަހަރަކީ ސްޓޭޓް ސްޕޮންސަރޑް ( ސަރުކާރުން ރާވާ ހިންގި) ހިޔާނާތާއި މާރާމާރީއާއި އަނިޔާއާއި ރިޝްވަތާއި ކޮރަޕްޝަންގެ ރަންޒަމާނެކެވެ. މީހަކު މަގުމައްޗަށް ނިކުމެފާ ސަލާމަތުން އެނބުރި ގެއަށް ވަދެވޭނެ ކަމުގެ ޔަގީންކަން ނެތްވަރަށް އޭރު ބިރުވެރިކަން ވަނީ އާއްމުވެފައެވެ. މިހާރު މިއޮތް ސަރުކާރަށް ގައުމުގެ ކަންކަން ހިންގަން ލިބުނު އިރު ގައުމަށް ވަނީ ވާނެ ހައެއްޗެއް ވެފައެވެ.
މި ސަރުކާރަށް ފުރަތަމަ ޖެހުނީ ފެތުރިފައިވާ ނާމާން ކަމާ ބިރުވެރިކަން ނައްތާލުމަށް މަސައްކަތް ކުރާށެވެ. ދީނުގެ ނަމުގައި ހައްދު ފަހަނަ އެޅުމާއި އާއްމުވެފައިވާ އަނިޔާވެރި ކަމުން އަމާން ވެއްޓެއް ހޯދާދޭށެވެ. ދީނުގެ ނަމުގައި ހައްދު ފަހަނައެޅުމާ ދީނަށް ފުރައްސާރަ ކުރުން އާއްމުވެފާ އޮތް އޮތުން ނިމުމަކަށް ގެނައުމަށް ސުލްހަވެރިކަމާއެކު މަސައްކަތް ކުރާށެވެ. މިސަރުކާރާ ހަމައަށް އައިއިރުވެސް ވަކިސަރުކާރެއްގައި އެކަނި ލާދީނީ ސިއްކަ ޖެހޭ ވަރަށްވުރެ މުޅި ގައުމާއި ދައުލަތް އޮތީ ހަރާބުގެ މަގުގައެވެ. މިއަދު ސިޔާސީ ބޭނުމުގައި ވަކި ބަޔަކު ވެރިކަމަށް އައުމުން ނޫނީ އިސްލާމް ދިން ނުނެގެހެއްޓޭނެ ވާހަކަ ދައްކަނީ ވެރިކަމުގެ ދަހިވެތި ކަމުގާ ހީލަތާ މަކަރުންނެވެ.
ޑރ. މުއިއްޒު ވެރިކަމަށް ގެނެސްގެން ކުރިއަރުވާ ދެމެހެއްޓޭނީ ވަކިން ކޮން އިސްލާމު ދީނެއް ހެއްޔެވެ. ދައުލަތް ހިންގުމުގެ އެންމެ އިސް ސަފުގާ މުއިއްޒު ބައިވެރިވާ ދެ ވެރިކަމެއްގެ 7 އަހަރު ދިވެހިން ތަޖުރިބާ ކޮށްފިއެވެ. ރާއްޖޭގައި ބަނގުރާ ނުހުއްޓުވައެވެ. ރިބާ އާއްންމެވެ. ނާސިގެތައް ހިންގުން އިންތިހާއެވެ. ބޮޑުވެގެން މީހުން ނުކުރާ ފާފައެއް ގައުމުގާ ނެތެވެ. މުންކަރާތް ނަހީކުރުވި ތަނެއް ހުއްޓުވި ތަނެއް ނުފެނެއެވެ. އަވަދިނެތި އުޅުނީ ދައުލަތް ދަވާލުމާ ލޫޓުވުމުގައެވެ. ރިޝްވަތާއި ހިޔާނާތާއި މަނީ ލޯންޑް ކުރުމުގައެވެ. މީހުން މެރުމާއި ވަގައްނެގުމާ ރަހީނުކުރުމާ ގެއްލުވާލުން އޮތީ އާއްމުވެފައެވެ. ޑްރަގް ލޯޑަރުންނަށް ސެއްލައެވެ. ވެރިކަން އޮތީ ޕީޕީއެމްގައެވެ.
ޕީޕީއެމްއިން ވެރިކަން ހޯދަން އިސްލާމް ދީން ބޮލަށް ލައިގެން ދީނަށް ނަސްރުދޭ ވާހަކަ ދައްކައިގެން މީހުންގެ ބޯދޮއްވަން މަރުފަލި އެބަ ޖަހައެވެ. އެމަޅީގައި ބަޔަކު އެބަ ޖެހޭވެސް މެއެވެ. ޕީޕީއެމުން ހިންގި ޑރ. ވަހީދުގެ ސަރުކާރާއި ޔާމީނު ސަރުކާރުން ދީނަށް ނަސްރު ދިންނަމަ މުއިއްޒު ހިމެނޭ އެ ސަރުކާރު ތަކުގެ ވަޒީރުންގެ މަޖިލިހުގައި ކުޑަމިނުން ބޯ ނިވައިކޮށްގެން އިން އެންމެ އަންހެނަކު އިނީހެވެ. ވެރިކަމުގެ ދަހީގައި މިހާރު ކިތަންމެ ދީނީ ވެގެން އުޅުނަސް ޕީޕީއެމް ޕީއެންސީ އިސްސަފުގައި ޒަމާނުއްސުރެ ތިބި ގިނަ މީހުންނަކީ އިސްލާމު ދީނަށް ކުޑަވެސް ހުރުމަތެއް ދީގެން އުޅުނު ބައެއް ނޫނެވެ. ދީނަށް ނަސްރު ދިނުމުގައި ހަޔާތުން ކުޑަ ވަގުތު ކޮޅެއް ވޭތުކުރި ބައެއް ނޫނެވެ. ދައުލަތުގެ ފައިސާއަށް ފާޅުގާ ހިޔާނާތްތެރިވެ ދައުލަތް ދަވާލައިގެން ޝަރީއަތުން ރެކެން މަކަރާ ޙީލަތް ހަދާ ދޮގު ހެކި އުފެއްދުމާ ދޮގު ހެކި ދިނުމާ ދޮގުހެދުން ނޫން ކަމެއް ނުކުރާ ބަޔަކަށް ރައްކާތެރި ކުރެވޭނީ އިސްލާމް ދީނެއް ވެސް ނޫނެވެ.
ދީން ސިޔާސީ ހަތިޔާރަކަށް ހަދައިގެން ނަފްރަތު ގެ ދޮލަނގުގާ ދޮގު ވިއްކަމުން މުއިއްޒާ ޕީޕީއެމުން އިސްލާމް ދީނޭ ނުކިޔާށެވެ. ދިވެހި މުޖުތަމައުގާ މުއިއްޒަށް ވޯޓްނުދޭ އެންމެން ކާފަރު ކުރަމުން .ވެރިކަން ފޭރިގަންނަން ނޫޅެ ދީނަށްޓަކާ އިހުލާސްތެރި މަސައްކަތެއް ސަލަފުންވެސް ކޮށްބަލާށެވެ. ސަލަފާ ޑްރަގް ލޯޑުންނަށް ބައިއަތު ހިފައިގެން ކަންދަހާރީންގެ ވެރިކަމެއް ގެނެވިދާނެ ކަމަށް ހީނުކުރާށެވެ.