ނައިފަރު ޝީޔާމަށް: ދަރަނިވެރި ދައުލަތަކައިގެން ނޫޅުއްވާ!
ދައުލަތް ކޭބަޔަކު ކައި ނަޖިހަށް ހަދާލީ ޔާމީނު ވެރިކަމުގަ!
ކޮވިޑުގެ ކުރިން ލިބުނު މިންވަރުގެ އާމްދަނީއެއް ދައުލަތަށް މި އަހަރު ލިބޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވުމުން އެ ބުނެދެނީ ލައްކަ ވާހަކައެވެ. ޝިޔާމު އެ ބުނެދެއްވީ ސަރުކާރުން ގެންގުޅޭ އާމްދަނި ހޯދުމުގެ ސިޔާސަތުގެ ރަނގަޅު ވާހަކައެވެ. އެ ބޭފުޅުން ކުރިން ވިދާޅުވަމުން ވަޑައިގެން ލަވަ ބަދަލުވީ ވާހަކައެވެ. ރާއްޖޭގެ އިގްތިސާދު ބޮޑު ތަނުން ރަނގަޅުވެ ދުޅަހެޔޮ ސިއްހަތެއް އިގްތިސާދަށް ލިބެމުން އަންނަ ކަން އިދިކޮޅުންވެސް ގަބޫލުކުރާ ވާހަކައެވެ.
ޝިޔާމްއެވެ. ހާސްވެ ވަޑައިނުގަންނަވާށެވެ. ޑެފިސިޓްނުވާ ބަޖެޓެއް ރާއްޖޭގެ ފަހުގެ ތާރީހުގައި ނުދެކޭ ނޫންތޯއެވެ. އެކަމަކު އެއްވެސް ސަރުކާރަކުން ކޮންމެހެން ކުރާން އުޅުނު އެއްކަމެއް ވެސް ހުއްޓާލާފައެއް ނުވޭ ނުންތޯއެވެ. ރައްޔިތުންގެ ބޭނުންތަކާ ފައިހަމަ ކުރެވޭތޯ ކޮންމެ ސަރުކާރަކުން ވެސް މަސައްކަތް ކުރި ނޫންތޯއެވެ. ބަޖެޓް ޑެފިސިޓް ވެގެން ދައުލަތުން މުއައްޒަފުންނަށް މުސާރަ ނުދިއެއް ނެތެއް ނޫންތޯއެވެ. ކާބޯތަކެއްޗާއި ތެލާ ބޭސް ނުލިބުން ރައްޔިތުން އެންމެ ދުވަހެއްވެސް ތަހައްމަލު ކުރަން ޖެހިފައި ނެތެއް ނޫންތޯއެވެ.
ދަރަނި ނެގުމާއި ދަރަނި އަދާ ކުރުމުގައި ކޮންމެ ސަރުކާރަކުން ވެސް އަމަލު ކުރަމުން އައިސްފައި ހުރި ގޮތުން އާއްމު ރައްޔިތުން އުފުލަންޖެހޭ މާބޮޑު ތަކުލީފެއް ނެތެއް ނޫންތޯއެވެ. އަމްދުން މި ހިނގާ ފަސް އަހަރަކީ ރައީސް ޔާމިނުގެ ވެރިކަން ނިމުމަށް ފަހު އައި ފަސް އަހަރު ނޫންތޯއެވެ. ޔާމީނުގެ ވެރިކަމުގައި އިގްތިސާދީ ކަންކަން ހިނގާ ދިޔަ ހިތްދަތި ގޮތުގެ ވާހަކަ ވެސް ތިޔަ ދައްކަވަނި ޝީޔާމުމެންނެވެ.
ރާއްޖޭގައި އޮތް އެތައް ރަށަކާއި ފަޅަކާއި ބިމެއް ދިގު މުއްދަތައް ދޫކޮށް އެ ތަންތަނަށް ލިބުނުހާ ފައިސާ ދައުލަތަށް ނުލިބި ކޮންޓޭނަރާއި ދަބަސްތަކުގައި ބޭބެފުޅުންގެ ގެކޮޅަށާއި އެކައުންޓްތަކަށް ވަނތް ވާހަކަ ދެރަވެ ދެރަވެފާ ޝީޔާމްމެން ވެސް ދައްކަވަމު ނުންތޯއެވެ. ރިޝްވަތުގެ ގޮތުގައި އެތައް އެތައް މިލިޔަން ޑޮލަރު ޖީބުތަކަށް ވަދެގެން ދިޔަ ވާހަކަ ވެސް ދައްކަވަމުން ނުންތޯއެވެ. އޭގެން އެންމެ ސެންޓެއްވެސް ދައުލަތަށް ނުވަދޭ ނޫންތޯއެވެ. ޔާމީނުގެ ވެރިކަމުގައި ހިންގިހާ މެގަ ޕްރޮޖެކްޓް ތަކަކީ މެގަ ލޯނުތަކުން ހިންގި ކަންކަން ނޫންތޯއެވެ. ދައުލަތުގެ އާމްދަނީ އެންމެ ޕްރޖެކްޓެއް ވެސް ނުހިންގާ ނޫންތޯއެވެ.
މިލްކިއްޔާތު ކުއްޔަށް ދީގެން ގަނޑުކޮށް ފައިސާ ނަގައިގެން ކޭބަޔަކު ކައި ނަޖިހަށް ހަދާލީ ޔާމީނު ވެރިކަމުގައެވެ. އޭގެން އެންމެ ލާރި ފޮއްޗެއް ވެސް މިވެރިކަމަށް ދައުލަތުން ނަގުލެއް ނުވެއެވެ. ޔާމީނުގެ މެގަ ދަރަނި ތަކާއި މިލްކިއްޔާތު ދިގު މުއްދަތަށް ކުއްޔަށް ދީގެން ދައުލަތަށް ނުލިބޭ ފައިސާގެ ބަރާއެކު ރައީސް ސޯލިހު ދައުލަތް ހިންގަވަން ފެއްޓެވީ ދައުލަތެއް އުފުލާނެ އެންމެ ބޮޑު ބުރައާއި އެކުގައެވެ.
ނަސީބު ދިމާކުރި ގޮތުން ކޮވިޑްގެ އާލަމީ ވަބާގައި ދުނިޔެ ހުއްޓި ދައުލަތުގެ އާމްދަނީ ބަންދުވިއެވެ. ކެއުންބުއިމާ ފުރާނަ ސަލާމަތް ކުރުން ނޫން ކަމެއް ދައުލަތުން ރައްޔިތުންނަށް ކޮށެއް ނުދެވެއޭ ބުނުންވެސް ދޮގަކަށް ނުވަނެއެވެ. އެ ވޭނުގައި ދެ އަހަރަށް ވުރެ ގިނަ ދުވަސް ތަހައްމަލު ކުރަން ރައްޖެއަށް ވެސް ޖެހުނެވެ. އެ ދަތި ހާލުގައިވެސް ރައްޔިތުންގެ އަސާސީ ހިދުމަތްތައް ފުރިހަމަ ކުރުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތައް ކުރަމުން ދިޔައެވެ. ޒަމާނުއްސުރެ އިހުމާލު ކޮށްލެވިފައިވާ ރަށްރަށަށް ފެނާ ނަރުދަމައާއި ބަނދަރު ހޯދާ ދެއްވުމަށް ރައީސް ސޯލިހު ނެތް ލާރިން ގިނަގުނަ މަސައްކަތް ކުރައްވަމުން ގެންދެވީ ރައްޔިތުންނަށް ޓަކައެވެ. ވަރަށް ކުރިއްސުރެ ނައިފަރަށް ލަފާ ފުރަން ފަސޭހަވީމާ އެހެން މީހުން އުޅެން ޖެހޭ ހާލު ނައިފަރު މީހަކަށް އިހުސާސް ނުވެދާނެއެވެ.
ޝިޔާމޫއެވެ. ކަންބޮޑުވެ ވަޑައިނުގަންނަވާށެވެ. ކުރިން މިދެންނެވި ދަތި ހާލުގައި ދުނިޔެ ހުއްޓިފައި އާމްދަނީ ބަންދުވެފައި އޮވެ ވެސް ރައީސް ސޯލިހު ރައްޔިތުން ބަޑަށް ނުޖައްސާ ތެލަށް ނުޖައްސާ ބޭހަށް ނުޖައްސާ ދައުލަތް ހިންގަވާ ބޮޑުތަނުން ދައުލަތުގެ އާމްދަނި އެގެންދަވަނީ އިތުރު ކުރައްވަމުންނެވެ. ދަރަނި މެނޭޖް ކުރައްވާ އުފާ ފާގަތިކަން ރައްޔިތުންނަށް ހޯއްދަވާ ދެއްވުމަށް ސަރާސަރު ބިޔަ މަގުތައް އެހުރެ ދަނީ ކޮއްޓަވަމުންނެވެ.
މިހާރު ދައުލަތުން ހަރަދުކުރާ ގޮތުން ޝިޔާމްމެން ކަންބޮޑުވެ ވަޑައިގަންނަވަނީ ކީއްވެކަން އެނގެއެވެ. ސަރުކާރަކުން ރައްޔިތުންނަށް މީގެ ކުރިން ދުވަހަކު ވެސް ކޮށްނުދޭ ވަރަށް ގިނަ ކަންކަން ހަމަހަމަ ކަމާއެކު އެބަކުރެއެވެ. އަސާސީ ހިދުމަތްތައް ގާއިމުކޮށްދީ އެތައް ކަމެއް ހީނުކުރާހާ ރަގަޅަށް ފޯރުކޮށް ދެމުން އެބަދެއެވެ. އެކަމާ ގިނަ ރައްޔިތުން ތިބީ ނިކަން އުފަލުންނެވެ.
ކުރިމަތީގައި ރިޔާސީ އިންތިހާބު އޮތަތީ ސަރުކާރަށް ތާއީދު އިތުރުވާނެ ކަމެއް ވާތަން ދެކެވަޑައިގަންނަވާކަށް ޝިޔާމުމެނަށް ފަސޭހަފުޅެއް ނުވާނެއެވެ. އެހެންވިމާ ދަރަންޏޭ ޑެފެސިޓޭ ވިދާޅު ވެވޭނެއެވެ. އެކަމަކު އެކަމާ ކަންބޮޑުވެ ވަޑައިނުގަންނަވާށެވެ. ރައީސް ސޯލިހަށް އިތުރު ފަސް އަހަރު ދެއްވައިގެން ކަންކަން ހަމަޔަކަށް އަޅުވާލައި އިގުތިސާދު މެނޭޖްކޮށް ދައުލަތް ހަމަމަގަށް އަޅުވާލަން އިބޫއަށް އިތުރު ފަސް އަހަރު އެހަށް ފުރުސަތު ދެމާހެއްޔެވެ. ޑެފެސިޓް ބޮޑު ދަރަނިވެރި ބަނގުރޫޓް ދައުލަތަކާ ހަވާލުވެ ވަޑައިގަންނަވަން އުޅުއްވުމުގެ ބޭނުމެއް ނެތެއް ނުންތޯއެވެ.