ފުވައްމުލަކު ވައުދުނާމާ: ކޮށްދެވުނު ކަމެއް ހަރާމުން ހަރާން

ފުވައްމުލަކު ވައުދުނާމާ: ކޮށްދެވުނު ކަމެއް ހަރާމުން ހަރާން

ރައީސް މުއިއްޒު ސަރުކާރުން މުޅި ގައުމަށް ނިސްބަތްކޮށް އޮބި ނޯންނަވަރުގެ ވައުދުތައް ވެފައިވެއެވެ. ވަކިވަކި ސަރަހައްދު ތަކަށް ފިއްކަނޑައިގެން ދާވަރުގެ ވައުދުތައް ވިއެވެ. އަތޮޅުތަކާއި ސިޓީތަކާއި ރަށްރަށަށް ވެސް އެތައް ވައުދެއް ވެފައިވެއެވެ. ކޮންމެ އިންތިހާބަކާ ދިމާކޮށް ވައުދު ފަށްފަށް ކުރަމުން އައުވައުދުވެއެވެ. 

ފުވައްމުލަކު ސިޓީ ވެސް އެކަމުން ހުސްވެގެން ނުވެއެވެ. ފުވައްމުލަކަށް ކޮށްދޭން ވައުދުވެފައިވާ ކަންކަމުގެ ވައުދު ލިސްޓުން ހަބަރެއް ހިލަމެއް ނުވެ ދެއަހަރު ވެގެން ދިޔަ ކަންކަމުގެ ހަނދާން އައުކޮށްލަމާހެއްޔެވެ.

  • މާލޭ ރަސްފަންނު ފަދަ ރީތި އާޓިފިޝަލް ބީޗެއް ހަދާދޭން ވީ ވައުދު ވީތަނެއްވެސް ނޭގެއެވެ. އެނގޭ ކަމަކީ އެއްވެސް އަމަލީ މަސައްކަތެއް އަދި ނުފެށޭކަމެވެ.
  • ފުވައްމުލަކު ރައްޔިތުން ބޭނުންވާ ގޮތަށް ޒަމާނީ ފެންވަރަށް ބަނދަރު ބޮޑުކުރުމަށް ވެސް ވައުދުވިއެވެ. އަދި އަދަށްވެސް ކުރި ކަމެއް ކުރާ ކަމެއް ނެތެވެ.
  • ފުވައްމުލަކު ސިޓީގައި ބިނާކޮށްދޭން ވައުދުވީ އެންމެ މިޒަމާނުގެ ދަނާލު ވައުދު އޮތީ ވީގޮތަށެވެ. ދަނާލު ބިނާކުރުމަށް އިނގިއްޔެއް ވެސް ހަލުވާލި ކަން ދެނަހުރި މީހަކު ނެތެވެ.
  • ފުވައްމުލަކު ސިޓީގައި ގައުމީ ފެންވަރުގެ ލައިބްރަރީއެއް ގާއިމުކުރުމަށް ވެސް ވައުދުވިއެވެ. ބިނާކޮށްދޭން ވައުދުވީ އެ ބުނާ ލައިބްރަރީ ހުރީ ކޮންތާކު ކިހިނެއްކަން އެނގޭ މަހުލޫގެއް އުޑުބަޅުކުރެއްވި ހިސާބުގައި ހުރިކަމަކަށް ނުވެއެވެ.
  • ފުވައްމުލަކު އެއާރޕޯޓުގެ ރަންވޭ ދިގުކުރުމުގެ ވައުދުވެސް އޮތީ ވާނުވާގައެވެ. ކުރިކަމެއް ކުރާކަމެއް ހަރާމުން ހަރާމެވެ.
  • ފުވައްމުލަކު އެއާރޕޯޓުގެ ވަސީލަތްތައް ތަރައްގީކޮށް ހިދުމަތް ރަނގަޅުކުރުމު ވައުދު ވެސް ފުއްދެނީއެއް ނޫނެވެ. މިސަރުކާރު އައިރު އޮތް ހާލަތަށްވުރެ އެންމެ ކަމެއްވެސް ހުސްވި ދެއަހަރު ތެރޭގައި ރަގަޅު ކޮށްފައެއް ނުވެއެވެ.
  • ފުވައްމުލަކު ޓާޝަރީ ހޮސްޕިޓަލެއް ގާއިމުކޮށްފައި ހުރީ ބިމު އަޑީގައި ނޫންކަމެއް ނޭނގެއެވެ. ހަމަ ގައިމުވެސް ފުވައްމުލަކު ފަސް މައްޗަކު ޓާޝަރީ ހޮސްޕިޓަލެއް އަދި ނެތެވެ. ހޮސްޕިޓަލް ޓާޝަރީ ކުރަން ކުރި އެއްކަމެއް ރައްޔިތުންނަކަށް ފެންނާކަށް ވެސް ނެތެވެ.
  • މާބަނޑު މީހުންނާއި ކުޑަކުދިނަށް ހާއްސަކޮށްގެން ފުވައްމުލަކުގައި ހޮސްޕިޓަލެއް ގާއިމުކުރަންވެސް ވައުދުވިއެވެ. ދެއަހަރު ވެރިކަމަށް ވެގެން ދިޔައިރު އެ ބުނި ހޮސްޕިޓަލެއް ގާއިމުކުރަން ކަމެއް ނުކުރާކަމީ ފެންނަން އޮތް ހަގީގަތެެކެވެ.
  • ފުވައްމުލަކަށް ހާއްސަކޮށްގެން އިކޯ ޓޫރިޒަމް ތައާރަފުކުރުމަށް ވީ ވައުދުގެ އަސަރެއް ވެސް ނުފެނެއެވެ. ތައާރަފް ކުރަންބުނި ފުވައްމުލަކު އީކޯ ޓޫރިޒަމް ތައާރަފްކުރުން އޮތްގޮތަކާއ އޮތް ހިސާބެއް ހަމަ ނޭނގެއެވެ.
  • ފުވައްމުލަކުގައި ހިންގަން ވައުދުވީ ސިޓީ ހޮޓާ މަޝްރޫއު ހިންގާތީއެއް އަދި ހިންގަން އުޅޭތަނެއް ވެސް ނުފެނެއެވެ. ފުވައްމުލަކު ސިޓީ ހޮޓާ ބިނާކުރަނީ ޖައްވުގައި ނޫންކަމެއް ވެސް ނޭނގެއެވެ.
  • ވަގުފް ބިނާއެއް ހަދައި ފުވައްމުލަކު ސިޓީގައި ހުރި ސަރުކާރުގެ އޮފީސްތައް އެއް ފުރާޅަކަށް ބަދަލު ކުރުމަށް ވީވައުދުގެ ހިލަންވެސް ނުވެއެވެ.
  • އިންޑޯ އައުޓު ޑޯ ކުޅިވަރުތަކާއެކު ފުވައްމުލަކު ސިޓީގައި ކުޅިވަރު ކޮމްޕްލެކްސްއެއް ހެދުމަށްވީ ވައުދު ހުދުކާފޫރަށް ވީތާއެވެ.
  • ބޯހިޔާ ވަހިކަން ހައްލުކޮށް ދިނުމަށް ފުވައްމުލަކުގައި ހިންގަން ބުނި ހައުސިން މަޝްރޫއު ވަނީ ބޯމަތިން ގޮސްފައެވެ.
  • ޑައިވަރުންނަށް ހާއްސަކޮށްގެން ފުވައްމުލަކު ސިޓީގައި ގާއިމުކޮށްދޭން ވައުދުވީ ޑިކޯ ޗެމްބަރ ހުވަފެން ވެސް ވެގެން ގޮސްފައިވަނީ ބިލާހަކަށެވެ.

ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އަނެއްކާވެސް ވައުދު އައުކުރަން ދެން ނުހަދާށެވެ، ވެރިކަމާއި މަޖިލސް މުއިއްޒަށް ދީގެން ރައްޔިތުން ބިކާރީވުން ނޫނީ ވީކަމެއް ނެތެވެ. ކައުންސިލް ދިނަސް އެނޫން ވަރެއް ނުވާނެއެވެ. މި ފަހަރު ސަރުކާރަށް ކައުންސިލް ދިނުމަކީ ރައްޔިތުންނަށް ހެދޭނެ އެންމެ ބޮޑު ގޯހެވެ.