މިހާލަތުގައި ޕްރައިމަރީ ބޭއްވުމަކީ އެމްޑީޕީއަށް ބޮޑު ގެއްލުމެއް
އެމްޑީޕީ އެކަތިގަޑަކަށް ހަދާ ބާރުގަދަ އޮޕަޒިޝަނެއްގެ ގޮތުގައި ބާއްވާން ބޭނުންނަމަ އެމްޑީޕީން ކުރާނެ ކަމަކީ މިވަގުތު އެމްޑީޕީގެ ޓިކެޓްގައި ކައުންސިލް ތަކަށް ހޮވިގެން ހިދުމަތް ކުރައްވާ މެންބަރުންނަށް މަގާމު ކަށަވަރުކޮށް ދިނުމުގެ މަސައްކަތެވެ. މަގާމުގައި ތިއްބެވި މޭޔަރުންނާއި ކައުންސިލަރުންނަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ދިނުމެވެ.
މި ދަނޑިވަޅު ސިޓީތަކުގެ މޭޔަރުންގެ ގޮތުގައި ތިއްބެވި އެމްޑީޕީގެ ބޭފުޅުންނަށާއި އެމްޑީޕީގެ ކައުންސިލަރުންނަށް މަގާމު ކަށަވަރުކޮށް ދެވަނަ ދައުރެއް ހޯދައިދޭން ނޫޅެ ޕްރައިމަރީ ބާއްވައިގެން ޕާޓީގެ އެތެރެ ބައިބައިކުރުމަކީ ބޮޑު ގެއްލުމެކެވެ. އެމްޑީޕީގެ ކައުންސިލަރުން ނެތް ގޮނޑިތަކަށް ވާދަކުރާނެ ގާބިލު މީހުން ހޯދާ އާއްމު ޕްރައިމަރީއަކަށް ނުގޮސް ޕާޓީ ޓިކެޓް ދޭނެ މީހަކު ކަނޑައެޅުމަކީ ވެސް މިވަގުތު ވިސްނާލަން މުހިންމު ކަމެކެވެ.
ކިތަންމެ ޑިމޮކްރެޓިކް ގޮތެއްކަމަށް ޕާޓީ ޕްރައިމަރީ ވިޔަސް ޕާޓީ އެކަތިގަޑަކަށް ހަދާ އެއްވާނެއްގައި ސަރުކާރު ޖަވާބުދާރީ ކުރަން ބޭނުންނަމަ މިހާލަތުގައި ޕްރައިމަރީ ބޭއްވުމަކީ އެމްޑީޕީއަށް ބޮޑު ގެއްލުމެކެވެ. ޕްރައިމަރީތަކުގެ ތަޖުރިބާއަށް ބަލައިލުމުން ބަލިވާ ކެންޑިޑޭޓާއި އެނާގެ ސަޕޯޓަރުން ކާމިޔާބުކުރާ ކެންޑިޑޭޓްގެ ފަހަތަށް އަރާ އެކުގައި މަސައްކަތްކޮށް ޕާޓީއަށް ގޮނޑި ހޯދައިދޭން އުޅެފައި އޮތްތަނެއް މަދުން ނޫނީ ނުފެނެއެވެ.
ޕްރައިމަރީއެއް ބާއްވާ ނިމޭއިރު އެކުގައި މަސައްކަތް ނުކުރެވޭ ވަރަށް ތިބެނީ އެކުގައި މަސައްކަތް ކުރުން އެއްކިބައިގާ އޮއްވާ ވާހަކަ ދައްކާލާ ނޫޅެވޭ ވަރަށް ޖެހި ފިތި ބާރުވެފައެވެ. ގައުމީ އިންތިހާބުތައް ގެއްލެން ދިމާވަނީ ޕްރައިމަރީގައި ވާ ޑެމޭޖުގެ ބޮޑު ކަމުންނެވެ. އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލުނީ ޕްރައިމަރީގެ ސަބަބުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ގިނަ ގޮނޑިތައް ގެއްލުނީވެސް ޕްރައިމަރީގައި އުފެދުނު ޖަޒުބަތުގައެވެ.
މިހާރު ކަންތައް ހުރި ހިސާބުން މާލޭ މޭޔަރ ކަމުގެ ގޮނޑި އެމްޑިއަށް ދިފައުކުރަން ފަސޭހައެއް ނުވާނެއެވެ. ވަދަވެރި ދެޕާޓީއެއްގެ ކުރިމަތިލުމަށްވުރެ މިހާރުވެސް މާލެ ސިޓީ މޭޔަރ ޕްރައިމަރީ އެމްޑިޕީގައިވަނީ ހޫނުވެފައެވެ. ޕޮރައިމަރީ ކާމިޔާބުކުރާ ކެންޑިޑޭޓަކާއެކު ޕާޓީއަށް ގޮނޑި ދިފާއުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ނުކުރެވޭ ވަރަށް އެއްކޮޅުން ދަނީ ސިޓިންގ މޭޔަރު ޑެމާޖުކުރަން މަސައްކަތް ކުރަމުންނެވެ. އެހެން ސިޓީތަކާއި ރަށްރަށުގެ ހާލު އެނގޭނީ ރަނގަޅަށް ޕްރައިމަރީގެ ފޯރި ހިފާލީމައެވެ.

