ހުޅަނގު އައްސޭރިން ރޭދަންވަރު 10 މީހުން ހައްޔަރުކޮށްފި

އައްސޭރިން 9100 އަށް ވުރެ ގިނަ މީހުން ވަނީ ބަންދުކޮށްފަ

ހުޅަނގު އައްސޭރިން ރޭދަންވަރު 10 މީހުން ހައްޔަރުކޮށްފި

ހުޅަނގު އައްސޭރީގައި ރޭ ދަންވަރު އިޒްރޭލް ސިފައިން ހިންގި އޮޕަރޭޝަނެއްގައި ދިހަވަރަކަށް މީހުނާ ސުވާލުކޮށް ސްކޫލެއްގައި ހިފާ ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްގެން އެމީހުން ގެންގޮސްފައިވަނީ އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ނާބްލްސް ކައިރީގައި އޮންނަ ގުސްރާގައި ހުންނަ ސްކޫލަކަށެވެ. އެތަނަށް ގެންގޮސް ރޭ ހަތަރުދަމު ބައިތިއްބައިގެން އެމީހުންނާ ސުވާލުކޮށްފައިވާ ކަމަށް ނޫސް އެޖެންސީތައް ހަބަރުދެއެވެ.

ގުސްރާގައި ހިންގި ރޭޑަކީ ފަލަސްތީނުގެ ރައްޔިތުން އިޒްރޭލުގެ ސިފައިންގެ އަތްދަށަށް ގެންދިއުމަށް އާއްމުކޮށް ދަންވަރު ހިންގާ ހަރަކާތުގެ ތެރެއިން ރޭގައި ހިންގާލި ބައެކެވެ. 

އެގޮތުން އިޒްރޭލުގެ ސިފައިން ގެއެއް ވަށާލާ ޖެރިކޯއިން ދެބެން ހައްޔަރުކޮށްފައިވެއެވެ. އުއްމު ސަފާއިން ފަލަސްތީނުގެ ތިން މީހަކު ހައްޔަރުކުރިއެވެ. ކަފްރު ނިޢުމާއިން ވެސް ފަލަސްތީނު މީހަކު ހައްޔަރު ކޮށްފައިވެއެވެ.

ރާމައްލާ އަވަށުގެ އުތުރުގައި އޮންނަ ސިންޖިލުން ވެސް ފަލަސްތީނުގެ މީހަކު ހައްޔަރުކޮށްފިއެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ގައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އިސްރާއީލުން ހުޅަނގު އައްސޭރީގައި ހިންގާ ހަރަކާތްތައް ވެސް ވަނީ ވަރުގަދަ ކޮށްފައެވެ. މިހާތަނަށް ހުޅަނގު އައްސޭރިން 9،100 އަށް ވުރެ ގިނަ މީހުން ވަނީ ބަންދުކޮށްފައެވެ.