ޓިކްޓޮކް ސައީދަށް: އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް ޑޮލަރ އަރަނީ މައްޗަށް
އަޅާ ސުރުހީއަކުން ކުޅޭ ޓިކްޓޮކަކުން ޑޮލަރު ހެވެއްނުވޭ
އެމްޑީޕީ ބާއްވާ މުޒާހަރާއަށް މީހުން އެއްވިޔަސް ނުވިޔަސް ފަތުއަޑު ކިޔާފާ ޑޮލަރުގެ އަގު މައްޗަށް ނާރާ ކަމަކަށް ނުވާނެއެވެ. މިނިސްޓަރ ސައީދު އުޑުގައި ޖެހި ބިމުގައި ޖެހުނަސް އެމްޑީޕީގެ ވެރިކަން 2023 ގައި ނިމުނު ދުވަހު ހުރި އަގަށްވުރެ އެންމެ ލާރިއެއްވެސް މުއިއްޒު ވެރިކަމުގައި މިވީހާ ދުވަހުން އެންމެ ދުވަހެއްގައި ވެސް ތިރިވެފައެއް ނުވެއެވެ. އެހެނެއް ކަމަކު އެއް ދުވަހުން އަނެއް ދުވަހަށް އަގު އުފުލެމުން އުފުލެމުންގޮސް މިއަދު އެހުރީ ޑޮލަރެއްގެ އަގު 22.45 ގައެވެ.
އާނއެކެވެ. ސައީދަށް ދަތިނުވިޔަސް ހަގީގަތުގައިވެސް ރައްޔިތުންނަށް ވަރަށް ދަތިވެއްޖެއެވެ. ދަތިކަމުގެ ކޮޅެއްނެތެވެ. މުޒާހަރާކުރުން މާލަސްވެއްޖެއެވެ. ބަޔަކު މުޒާހަރާ ކުރަން އުޅޭތީ މޭ ބޮޑުވެގެން ގައިމު ތިޔަ އުޅެނީ ކަމެއް ވެގެންތާއެވެ.
ވަޒީރު ސައީދޫއެވެ. މީސް މީޑީއާގައި އެކި ރާގު ރާގަށް ބޭންކް ރޭޓުގައި ޑޮލަރު އެކިކަންކަމަށް ދޫކުރި އަދަދުތައް 2021 އާއި މިހާރާ އަޅުވާކިޔަސް ހަގީގަތް ބަދަލެއް ނުވާނެއެވެ. ސައީދު އަޅާ ކިޔާ 2021 ވަނަ އަހަރަކީ މުޅި ދުނިޔެއާއި ރާއްޖެ ކޮން ހާލަތެއްގައި އޮތް އަހަރެއް ހެއްޔެވެ. މުޅި ދުނިޔޭގެ ބޯޑަރުތައް ބަންދުވެ އިގްތިސޯދީ ހަރަކާތައް ހުއްޓި ހަމައެކަނި ދިރި ތިބުމަށް ނޫނީ އެއްވެސް ކަމެއް ދުނިޔޭގައި ނުކުރެވުނު އަހަރަކާ އަޅާކިޔަން ލަދު ނުގަންނަކަމެވެ.
ބަލަގަ ސައީދޫއެވެ. ޓޫރިސްޓުން އައުން ހުއްޓި ބޯޑަރު ބަންދުވެ އާމްދަނީ ހުއްޓިފައިވާ 2021 ވަނަ އަހަރު ތިޔަބުނާ މިންވަރަށް ބޭންކް ރޭޓްގައި ރާއްޖޭން ޑޮލަރުގެ މުއާމަލާތު ހިންގުނު ކަމަށްޓަކާވެސް ޝުކުރުކޮށް ބަލާށެވެ. އިންތިހާ ދަރަޖައިގެ ދަތި އެހާލަތުގައިވެސް ކަޅުބާޒާރުން ބޮޑުވެގެން 19 ވަރަކަށް ރުފިޔާއަށް ޑޮލަރެއް ލިބެން ހުއްޓެވެ.
މުއިއްޒުގެ ވެރިކަމުގައި ހޭދަވާ މިދުވަސްތަކަކީ ރާއްޖޭގެ ހަޔާތުގައިވެސް އެންމެ ގިނައިން ބޭރު ފައިސާ ލިބުނު ދުވަސްވަރެވެ. 2021 އަށްވުރެ އެތައް ގުނައެއް އިތުރަށް ބޭންކް ރޭޓްގައި ޑޮލަރ ދޫކުރެވިގެން މޭ ފުއްޕާފައި އެވާހަކަ ދައްކާއިރު ޑިމާންޑާއި އެއް ވަރަށް ޑޮލަރު ލިބޭނަމަ ޑޮލަރުގެ ކަޅުބާޒާރެއް ނުއޮންނާނެކަން ކަނޑުކޮހަކަށްވެސް އެނގޭނެއެވެ.
ސައީދު ތިޔަ ދައްކާ ހަމައާއި އެއްގޮތަށް ޑޮލަރުގެ ހާލަތު އޮތްނަމަ އެއްދުވަހުން އަނެއް ދުވަހަށް ޑޮލަރުގެ އަގު އުފުލެމުންނެއް ނުދާނެއެވެ. ފަހަރެއްގައި ބްލެކް މާކެޓެއް އޮތަސް ބޭންކް ރޭޓަށްވުރެ ރުފިޔާއެއް ދެރުފިޔާއެއް ބޮޑު ބްލެކްމާކެޓެއް ވަކިދުވަސް ވަރަކަށް އުފެދިދާނެއެވެ، ހައްޖުމޫސުމާއި ސްކޫލް ޗުއްޓީ ފެށޭދުވަސްކޮޅާ ދިމާކޮށް ބްލެކް މާކެޓް އުފެދިދާނެއެވެ. އެކަމަކު ވެރިކަމެއް ފެށިގެން ދައުރެއް ނިމެންދާއިރުވެސް ހުއްޓުމެއްނެތި މައްޗަށް އަރަމުންދާ ބްލެކް މާކެޓެއް އޮތުމަކީ އެ ވެރިކަމެއްގެ ނާގާބިލު ކަމެވެ. މެނޭޖުކުރަން ނޭނގުމެވެ. ފޭލިވުމެވެ.
ރަންކޮޅާ ސައީދޫއެވެ. ޑޮލަރުގެ އަގު ތިރިވެ މަތިވަނީ ނޫސްތަކުގައި ޖަހާ ސުރުހީއަކުން ވަޒީރުންކުޅޭ ޓިކްޓޮކަކުންނޫނެވެ. އަދާކުރަންޖެހޭ ބޮޑެތި ދަރަނިތައް ހުއްޓާ އެޔެއް މިޔެއް ނުބަލާ ލިބުނުހާ ޑޮލަރެއް ތަޅާބުރުވާ އިސްރާފް ކުރިކަމަށް އެއްބަސްވެ ބަލާށެވެ. އެގޮތަށް ލިބޭހާ ޑޮލަރެއް ތަޅާބުރުވާ އިސްރާފް ކުރަމުން ރިސޯޓްތަކަށް ޑޮލަރު މާރުކުރަން ޖެއްސީމާ ވީގޮތަކީ އަތުފަތުނޭޅި ޑޮލަރުގެ އަގުމައްޗަށް ދިޔުން ނޫންހެއްޔެވެ.
ޓިކްޓޮކް ސައީދޫއެވެ. ޓިކްޓޮކް ކުޅެ ޓްވީޓްކޮށްގެން ޑޮލަރުގެ އަގު ތިރިވާނަމަ ތިޔަހެން ކަރުތާފެނުގައި ހުންނާކަށް ނުޖެހޭނެއެވެ. އެހެން އެކަންވާނަމަ މިހާރު ޑޮލަރުގެ އަގު ހުންނާނީ ތިރިވެފައެވެ. ހަގީގަތާ ކުރިމަތިލާށެވެ. ކުރީ ސަރުކާރޭ ކިޔުމަކީ ފަރުވާއެއް ނޫނެވެ. އޭރު އެހެން ހެދީމާ މިހާރު މިހެންވީއޭ ނުކިޔާށެވެ. ހަގީގީ މައްސަލަ ހައްލުކުރަން ނޭނގޭންޏާ ރަނގަޅުވާނީ އަވަހަށް އެއްފަރާތްވުމެވެ.


