2025ގައި ގާއިމުކުރަން ބުނި ކުނި މެނޭޖްކުރާ ނިޒާމް ދިޔައީ ފެނަށް
ރާއްޖޭގައި މީހުންއުޅޭ ހުރިހާ ރަށެއްގައި 2025 ގައި ގާއިމުކޮށް ނިންމަން މުއިއްޒު ސަރުކާރުން ބުނި ކުނި މެނޭޖްކުރުމުގެ ނިޒާމްގެ ހަބަރެއް ހިލަމެއް އަދި ނެތެވެ. 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވަން މަޖިލީހަށް ގޮސް ހުރިހާ ރަށެއްގައި ފެންވަރު ހުރި ކުނިމެނޭޖް ކުރުމުގެ ނިޒާމެއް މި އަހަރު ގާއިމު ކުރާނެ ކަމަށް ބުނީ މުއިއްޒު ނޫން ދެވަނަ މީހެއް ނޫނެވެ.
އެވާހަކަ މުއިއްޒު ދެއްކީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައެވެ. އޭގެފަހުން މިއަދަށް މިވީ ބަރާބަރު 9 މަސް ދުވަހެވެ. ބަނޑުގައި ގަރުބަގަންނަ ދަރިއަކުވެސް 9 މަހާ 10 ދުވަހުން ވިހައެވެ. އެކަމަކު އަހަރު ނިމެން ދޮޅު މަހަށް ވާއިރުވެސް މުއިއްޒު އެބުނާ ފެންވަރު ރަނގަޅު ކުނި މެނޭޛްކުރުމުގެ ނިޒާމް ރާއްޖޭގެ ރަށްރަށުގައި ގާއިމު ކުރެވޭތަނެއް ނުފެނެއެވެ.
49 ބިލިޔަނަށް ވުރެ ބޮޑު ބަޖެޓެއް ހުސްވެ އަނެއް އަހަރަށް ބަޖެޓް ފާސްކުރާއިރު އެއްކަލަ ކުނި މެނޭޖްކުރާ ނިޒާމްގެ ވާހަކަ އޮތީ އޮތް ތާނގައެވެ. މުއިއްޒު ސަރުކާރުން ކުނި މެނޭޖުކުރާ ނިޒާމް ގާއިމުކުރަން ކުރިކަމެއް ގާއިމުކުރެވުނު ކުނި މެނޭޖުކުރާ ނިޒާމެއް ރަށްރަށުން ފެންނާކަށް ނެތެވެ. ކުޑަވެސް ކަމެއް ކޮށްލެވުނަސް އަޑުއަރުވާ ހަވާއަރުވާ ބަޔަކަށް ރަށެއްގައި ކުނި މެނޭޖުކުރަަން ނިޒާމެއް ކުޑަ ނަމަވެސް ގާއިމުކުރެވުނު ނަމަ، ރާގުރާގަށް ހޭނުބަހައްޓާ އެވާހަކަ އެއް ދެއްކީހެވެ.
ކުނި މެނޭޖުކުރާ ނިޒާމް ގާއިމުކުރުންވެސް ވެގެން އެދަަނީ މުއިއްޒު ޖަހާ ޖަމަލު ފޮޑިއަށެވެ. ވާނީވެސް އެހެންތާއެވެ. މުއިއްޒު ކިތަންމެ ބޮޑު ދޮގެއް ހަދާ އޮޅުވާލިޔަސް ޖަވާބުދާރީ ކުރާނެ ބަޔަކު ކުރެވޭނެ ބަޔަކު ތިބީއެއް ނޫނެވެ. ކުޑަމިނުން މަޖިލީހަށް ގޮސް މަޖިލީހުގެ މެންބަރުންގެ ކުރިމަތީގައި ކުރަން ބުނާ ކަންކަން އެއް އަހަރުން އަނެއް އަހަރަށް ނުވެ ހޮޅި ވައުދަށް ވާއިރު ހޭއަހާލާނެ މެންބަރެއް މުއައްސަސާއެއް މަޖިލީހެއް އޮންނަނީ އެއްނޫނެވެ.

