މަރުވެފައި ތިބި ބަޔަކު ފަތުރުވެރި މަންޒިލަކުން ފެނިއްޖެ

ފުލުހުންގެ އިހުމާލުން ގެއްލުނު މީހުން ހޯދުން ލަސްވިތޯ ބެލުމަށް ތަހުގީގުތައް ދަނީ ކުރިއަށް

މަރުވެފައި ތިބި ބަޔަކު ފަތުރުވެރި މަންޒިލަކުން ފެނިއްޖެ

ދެކުނު ކޮރެއާގެ މަޝްހޫރު ފަތުރުވެރި މަންޒިލެއް ކަމަށްވާ ޖޭޖޫ އައިލެންޑުން ގެއްލިގެން ހޯދަމުންދިޔަ ބަޔަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. މި ހާދިސާއާ ގުޅިގެން، ގެއްލޭ މީހުން ހޯދުމުގެ މައްސަލަތައް އެ ސަރަހައްދުގެ ފުލުހުން ބަލަހައްޓަމުންދާ ގޮތާމެދު އާންމުންގެ ފާޑުކިޔުންތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ސާޖަންޓަކު ދާދިފަހުން ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ގެއްލޭ މީހުންގެ އާއިލާތަކަށް ދޮގު މައުލޫމާތު ދިނުމާއި، މައްސަލަތަކުގެ ތަހުގީގު އެކަށީގެންވާ ވަރަށް ނުބަލައި އަވަސްއަރުވާލައިގެން ނިންމާލާފައިވާ ކަމަށެވެ. މީގެ އިތުރުން، އެ ސާޖަންޓުގެ މަތީގައި ތިބި އިސް ހަތަރު އޮފިސަރަކު ވެސް މިހާރު ވަނީ މަގާމުން އެކަހެރިކޮށްފައެވެ.

މަރުވެފައި އޮއްވާ ފެނުނު މީހުންގެ ތެރޭގައި މިދިޔަ މެއި މަހު ގެއްލިގެން ރިޕޯޓްކުރި އުމުރުން 37 އަހަރުގެ ޖަންގް މި-ރަން ހިމެނެއެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ އޭނާ ދިރިއުޅޭ ގެއާ އެންމެ 500 މީޓަރު ދުރުގައި އޮތް ދަނޑަކުންނެވެ. ފުލުހުން ލަފާކުރާ ގޮތުގައި އޭނާ މަރުވީ އަމިއްލައަށެވެ.

ދެން ފެނިފައިވަނީ މިދިޔަ ޖޫން މަހު ގެއްލިގެން ރިޕޯޓްކުރި އުމުރުން 60 އަހަރުން މަތީގެ ފިރިހެނެއްގެ ހަށިގަނޑެވެ. އޭނާގެ އާއިލާއިން ބުނި ގޮތުގައި، އޭނާ ސަލާމަތުން ހުރި ކަމަށް ފުލުހުން ކުރިން ބުނި ނަމަވެސް، އޭނާ މަރުވެފައި އޮއްވާ ފެނުނީ ގެއްލުނުތާ 51 ދުވަސް ފަހުންނެވެ.

ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ހައްޔަރުކުރި އޮފިސަރު ބެލި 300 އެއްހާ މައްސަލަ އަލުން މުރާޖާ ކުރަމުންނެވެ. މި ހާދިސާއާ ގުޅިގެން ފުލުހުންގެ އަހުލާގީ މިންގަނޑުތަކާއި އާންމުންގެ ސަލާމަތާ މެދު ކަންބޮޑުވުން އުފެދިފައިވާތީ، ދެކުނު ކޮރެއާގެ ރައީސް ލީ ޖޭ މިއުންގް ވަނީ ފުލުހުންގެ މުއައްސަސާ އިސްލާހު ކުރުމަށް އަމުރު ކުރައްވާފައެވެ.

މި މައްސަލައިގައި ފުލުހުންގެ އިހުމާލުން ގެއްލުނު މީހުން ހޯދުން ލަސްވިތޯ ބެލުމަށް ތަހުގީގުތައް އަދިވެސް ދަނީ ކުރިއަށެވެ.