ސްކޫލު ޔުނީފޯމާއެކު ބުރުގާއެޅުން އަނެއްކާވެސް ބޮޑު ބަހުސަކަށް
ދަރިވަރުންގެ ދީނީ އައިޑެންޓިޓީ ދެމެހެއްޓުމަށާއި ދީނީ ފަރުލުތައް އަދާކުރުމުގެ ފުރުސަތު ދޭންޖެހޭނެ
ސްކޫލް ޔުނިފޯމާ އެކު ބުރުގާ އެޅުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައެއް އިލާހާބާދު ހައިކޯޓުން ބޭރުކޮށްލުމާ ގުޅިގެން، ސްކޫލްތަކުގެ ޑްރެސް ކޯޑާ މެދު ސިޔާސީ ބަހުސްތަކެއް ވަނީ އުފެދިފައެވެ. ބީޖޭޕީގެ ލީޑަރުން ތައުލީމީ މުއައްސަސާތަކުގެ ޑްރެސް ކޯޑަށް ތާއީދުކުރެއްވި ނަމަވެސް، އިދިކޮޅު ފަރާތްތަކުން ބާރުއަޅަނީ ދީނީ މިނިވަންކަމާއި ދީނީ ފަރުލުތައް އަދާކުރުމުގެ ހައްގު ދަރިވަރުންނަށް އޮންނަންޖެހޭނެ ކަމަށެވެ.
ތައުލީމީ މުއައްސަސާތަކުން ކަނޑައަޅާފައިވާ ޑްރެސް ކޯޑަށް ބަދަލު ގެނައުމަށް ދަރިވަރުންނަށް މަޖުބޫރު ނުކުރެވޭނެ ކަމަށް އިލަހާބާދު ހައިކޯޓުން ކުރި މުހިންމު ހުކުމަކާ ގުޅިގެން ސިޔާސީ ގޮތުން ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ކޯޓުން މި މައްސަލަ ބޭރުކޮށްލީ، ސްކޫލުން ކަނޑައަޅާފައިވާ ޔުނިފޯމާ އެކު ބުރުގާ އެޅުމުގެ ހުއްދަ ދިނުމަށް ސްކޫލްގެ ކަމާބެހޭ ފަރާތްތަކަށް އަމުރުކޮށްދިނުމަށް އެދި ހުށަހެޅި ޕެޓިޝަނަކާ ގުޅިގެންނެވެ.
މި ޕެޓިޝަން ހުށަހެޅީ އުއްތަރަ ޕްރަދޭޝްގެ ޕްރަޔާގްރާޖްގައި ހުންނަ އަމިއްލަ ސްކޫލެއްގައި ކިޔަވަމުންދާ އަންހެން ކުއްޖެކެވެ. މައްސަލައިގެ ތަފްސީލަށް ބަލާއިރު، އެ ކުއްޖާ ވަނީ ސާނަވީ ތައުލީމު ނިންމުމަށްފަހު ހަމަ އެ ސްކޫލުން ގްރޭޑް 11 އަށް ވަނުމަށް އެދިފައެވެ. ކޯޓުގެ މި ނިންމުމާއެކު، މުއައްސަސާތަކުގެ ޑްރެސް ކޯޑާއި އަމިއްލަ ފަރުދުންގެ ދީނީ ގަބޫލުކުރުންތަކާއި ފަރުލުތައް އަދާކުރުމުގެ ހައްގާ ދެމެދު އޮންނަންޖެހޭ ހަމަހަމަކަމާ މެދު ވަނީ ބަހުސް އުފެދިފައެވެ.
ބައެއް ލީޑަރުން ކޯޓުގެ ނިންމުމަށް ތާއީދުކުރައްވަމުން ވިދާޅުވީ، ތައުލީމީ މުއައްސަސާތަކުގައި ކަނޑައެޅިފައިވާ ޑްރެސް ކޯޑާއި، އަހުލާގީ މިންގަނޑުތަކާއި ގަވާއިދުތަކަށް ދަރިވަރުން އަމަލުކުރަންޖެހޭނެ ކަމަށެވެ. ނަމަވެސް އަނެއްބައި ބޭފުޅުން ވިދާޅުވީ، ތައުލީމީ ނިޒާމުގެ ތެރެއިން ދަރިވަރުންގެ ދީނީ ގަބޫލުކުރުންތަކަށް އަމަލުކުރުމަށް ހުރަސްއަޅައިގެން ނުވާނެ ކަމަށެވެ.
އިލަހާބާދު ހައިކޯޓުގެ ހުކުމާ ގުޅިގެން ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ލީޑަރު މުހުތާރު އައްބާސް ނަގުވީ ވިދާޅުވީ، މި މައްސަލައަކީ ދީނީ ނުތަނަވަސްކަން އުފެދޭ ކަމަކަށް ވެގެން ނުވާނެ ކަމަށެވެ. "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ބުރުގާގެ ނަމުގައި އެއްވެސް ފަރާތަކުން ދީނީ ހިޔާލުތަފާތުވުން ނުވަތަ ނުތަނަވަސްކަން އުފައްދަން މަސައްކަތްކޮށްގެން ނުވާނެ. ތައުލީމީ މުއައްސަސާތަކުގައި އަމިއްލަ ޑްރެސް ކޯޑާއި، އަހުލާގީ މިންގަނޑުތަކާއި ގަވާއިދުތައް އޮވޭ. އެންމެންވެސް އެކަމަށް އިހުތިރާމް ކުރަންޖެހޭނެ. އިލަހާބާދު ހައިކޯޓުންވެސް މި ވިދާޅުވީ އެ ވާހަކަ،" ކަމަށް ނަގުވީ ވިދާޅުވިއެވެ.
ނަމަވެސް ކޮމިއުނިސްޓް ޕާޓީ އޮފް އިންޑިއާގެ އެމްޕީ ޕީ. ސަންތޯޝް ކުމާރު ވިދާޅުވީ، ޔުނިފޯމަކީ ހަމަހަމަކަމުގެ ރަމްޒެއްގެ ގޮތުން މުހިންމު އެއްޗަކަށް ވީ ނަމަވެސް، ދަރިވަރުންގެ ދީނީ އައިޑެންޓިޓީ ދެމެހެއްޓުމަށާއި ދީނީ ފަރުލުތައް އަދާކުރުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށެވެ. "ޔުނިފޯމަކީ މަޖުބޫރު އެއްޗެއް، އެކަމަކު ހަމައެއާއެކު މިއީ އަހަރުތަކެއް ވަންދެން ބަހުސްކުރެވެމުންދާ މައްސަލައެއް. ދަރިވަރަކަށް އެކުއްޖެއްގެ ދީނީ ގަބޫލުކުރުންތަކުގައި ދެމިހުރުމުގެ ފުރިހަމަ ހައްގު ލިބިގެންވޭ. މީހަކު ބޭނުންވާ ދީނަކަށް އުޅުމާއި ގަބޫލުކުރުމުގެ ހައްގަކަށް އުނިކަމެއް ނުގެނެވޭނެ. އެހެންކަމުން އަޅުގަނޑުމެން އެކަންވެސް ހިމާޔަތްކުރަންޖެހޭ،" ކުމާރު ވިދާޅުވިއެވެ.
ވިޝްވާ ހިންދޫ ޕަރިޝަދު (ވީއެޗްޕީ) ގެ ގައުމީ ތަރުޖަމާނު ވިނޯދު ބަންސާލް ކޯޓުގެ ނިންމުމަށް ވަރަށް ބޮޑަށް ތާއީދުކުރައްވައި ވިދާޅުވީ، ބުރުގާއާއި ނިގާބާ ގުޅޭގޮތުން ކޯޓުތަކުން ތަކުރާރުކޮށް ގޮތްތައް ނިންމާފައިވާ ކަމަށެވެ. "އެއްފަހަރަކު ނޫން، އެތައް ފަހަރަކު ކޯޓުތަކުން ބުނެފައިވަނީ ބުރުގާއާއި ނިގާބަކީ އިސްލާމްދީނުގެ ބައެއް ނޫން ކަމަށާއި، އެއީ އިސްލާމީ ގަބޫލުކުރުންތަކާއި ގުރުއާނުގައި އޮތް ކަމެއް ނޫން ކަމަށް. އަދި އިންޑިއާގެ ތަހުޒީބާއި ސަގާފަތަކީ ކުޑަކުދިން ހަރުކަށި ފިކުރުގެ ތެރޭގައި ބަންދުކޮށްފައި ބޭތިއްބުމެއް ނޫން،" ބަންސާލް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ސްކޫލްތަކަކީ ދަރިވަރުންނަށް ހަމަހަމަކަމާއި، އެއްބައިވަންތަކަމާއި، އުހުއްވަތްތެރިކަން ފަދަ އަގުތައް ދަސްކޮށްދޭ ތަންތަން ކަމަށާއި، ދީނީ އައިޑެންޓިޓީގެ މައްޗަށް ބިނާކޮށް ދަރިވަރުން ތަފާތުކުރަންޖެހޭ ސަބަބަކާ މެދު ސުވާލު އުފެއްދެވިއެވެ. "ހަމަހަމަކަމާއި އެއްބައިވަންތަކަން ދަސްކޮށްދޭ ތަނަކަށް ކުޑަ އަންހެން ކުދިންދާއިރު، އެކުދިން އެހެން ކުދިންނާ ތަފާތުކޮށް ވަކިކޮށްލަން ބޭނުންވަނީ ކީއްވެ؟" ވީއެޗްޕީގެ ތަރުޖަމާނު ވިދާޅުވިއެވެ.
ކޮންގްރެސްގެ ލީޑަރު ޝަކީލް އަހުމަދު ހާން ގެންގުޅުއްވީ މިއާ ތަފާތު ހިޔާލެކެވެ. އޭނާ ވިދާޅުވީ ބުރުގާ އެޅުމަކީ ނުވަތަ ބޯ ނިވާކުރުމަކީ އަމިއްލަ އިހުތިޔާރުގައި އޮންނަ ކަމެއް ކަމަށާއި، އިންޑިއާގެ ތަފާތު މުޖުތަމައުތަކުގައި ބޯ ނިވާކުރުމުގެ އާދަކާދަ އޮންނަ ކަމަށެވެ. "މިއީ މިހާ ބޮޑު ބަހުސަކަށް ވާންޖެހޭ ކަމެއް ނޫން. އެކަމަކު އަސްލު މައްސަލަތަކުން މީހުންގެ ސަމާލުކަން އަނބުރާލުމަށް މިފަދަ މައުލޫއުތައް ތަކުރާރުކޮށް ކުރިއަށް ނެރޭތަން ފެނޭ. ބުރުގާ އެޅުމާއި ނިވާވެގެން ހުރުމަކީ އަމިއްލަ އިހުތިޔާރެއް،" ހާން ވިދާޅުވިއެވެ.
"އިންޑިއާގެ ސަގާފަތަށް ބަލާއިރު، ބޯ ނިވާކުރަނީ ހަމައެކަނި މުސްލިމް އަންހެނުންނެއް ނޫން. 'ގޫންގަޓް' ނުވަތަ 'އޯޅްނީ' ބޭނުންކުރުމަކީ އަޅުގަނޑުމެންގެ އެންމެންގެ ސަގާފީ އާދަކާދައިގެ ބައެއް،" ކޮންގްރެސްގެ ލީޑަރު އިތުރަށް ވިދާޅުވިއެވެ. ސްކޫލްތަކުގެ އަމިއްލަ ގަވާއިދުތަކެއް ހުންނާނެކަން ގަބޫލުކުރައްވާ ކަމަށާއި، ނަމަވެސް ބޯ ނިވާކުރަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު އޮންނަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސީނިއާ އެޑްވޮކޭޓް އަދި ބީޖޭޕީގެ ލީޑަރު ނަލިން ކޯލީ ވިދާޅުވީ، އިލަހާބާދު ހައިކޯޓުގެ ނިންމުމަކީ ދީނެއްގެ 'އަސާސީ ކަންކަމަކީ' ކޮބައިތޯ ބަލައި ސުޕްރީމް ކޯޓުން ކޮށްފައިވާ އެކި ހުކުމްތަކާ އެއްގޮތް ނިންމުމެއް ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ދަރިވަރުން ސްކޫލަށް ދަނީ ތައުލީމު ހާސިލްކުރުމަށެވެ. އަދި ދީނީ ބިންގަލެއްގެ މައްޗަށް ބިނާވެފައި ނުވާ މުއައްސަސާތަކުގައި ހުރިހާ ދަރިވަރުންނަށް އަމަލުކުރެވޭނެ އެއް ޔުނިފޯމެއް އޮންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
"މުހިންމު ނުކުތާއަކީ، ކުދިން ތައުލީމު ހާސިލްކުރަން ދަނީ ދީނީ އުސޫލުން ހިންގާ ތަންތަނަކަށް ނޫން. އެތަންތަނުގައި ވަކި ޔުނިފޯމެއް އޮވޭ،" ކޯލީ ވިދާޅުވިއެވެ. އަދި ގާނޫނުއަސާސީގެ 26 ވަނަ މާއްދާއާ ހަވާލާދީ އޭނާ ވިދާޅުވީ، ދީނީ ކުޑަ އަގުލަބިއްޔަތުތަކަށް އެމީހުންގެ އަމިއްލަ ދީނީ އުސޫލުތަކުގެ މައްޗަށް ބިނާކޮށް ތައުލީމީ މުއައްސަސާތައް ގާއިމުކޮށް ހިންގުމުގެ ހައްގު ލިބިދީފައިވާ ކަމަށެވެ.
ކޯލީ އިތުރަށް ވިދާޅުވީ، ވަކި ދީނީ އުސޫލުތަކަކާ އެއްގޮތަށް ހިންގާ މުއައްސަސާތަކުގައި ދަރިވަރުން ކިޔަވަން ބޭނުންވާ ނަމަ، އެފަދަ ސްކޫލްތައް އިހުތިޔާރު ކުރުމުގެ ފުރުސަތު އާއިލާތަކަށް އޮންނާނެ ކަމަށެވެ. ނަމަވެސް، ދީނީ ގޮތުން ވަކި ފަރާތަކަށް ނުޖެހޭ މުއައްސަސާތަކަށްދާ ދަރިވަރުން، އެ ސްކޫލްތަކުން ކަނޑައަޅާފައިވާ ޔުނިފޯމަށް އަމަލުކުރާނެ ކަމަށް އާންމުގޮތެއްގައި ބެލެވޭނެ ކަމަށް ބީޖޭޕީގެ ލީޑަރު ވިދާޅުވިއެވެ.
"އާއިލާއަކުން އެމީހުންގެ އަންހެން ދަރިފުޅު އެފަދަ އުސޫލުތަކުގެ މައްޗަށް ބިނާކޮށް ކިޔަވަން ބޭނުންވާ ނަމަ، އެފަދަ މުއައްސަސާތައް ހުރީ ލިބޭން، އެތަންތަނަށް ކިޔަވަން ދެވިދާނެ. ނަމަވެސް ދީނީ ބިންގަލެއްގެ މައްޗަށް ބިނާވެފައި ނުވާ ސްކޫލްތަކުގައި، ތައުލީމާއި ޔުނިފޯމް އޮންނާނީ ގުދުރަތީ ގޮތުން އެންމެންނަށް އެއްގޮތަކަށް،" އޭނާ އިތުރަށް ވިދާޅުވިއެވެ.


