ވެރިކަން ލިބޭނީ ވޯޓުން | ދެމި އޮންނާނީ ރައްޔިތުންގެ އިތުބާރުން.
ދުސްތޫރީ ވެރިކަމެއްގެ ހަގީގީ އަސާސަކީ ރައްޔިތުންގެ އިތުބާރu
ޑިމޮކްރަސީތަކުގައި ސަރުކާރަކަށް ވެރިކަމާއި ހަމައަށް ވާސިލުވެވޭނީ އިންތިހާބު ތަކުންނެވެ. ނަމަވެސް، އެ ވެރިކަން ދެމި އޮންނާނީ ދުސްތޫރީ ހަމަތަކުގެ މަތީ ދެމިއޮތް މިންވަރެއްގެ މައްޗަށް ބަލާފައެވެ. މި އިމުން އަންގައިދެނީ ވެރިކަން ދެމިއޮންނާނީ ރައްޔިތުންގެ އިތުބާރު އެ ވެރިކަމަކަށް އޮތް މިންވަރެއްގެ މައްޗަށެވެ.
ރައްޔިތުން ސަރުކާރާއިމަތި ކުރަނީ ދައުލަތުގެ އިދާރާތަކާއި ވަސީލަތްތަކުގެ އެހީގައި ދައުލަތާއި ރައްޔިތުންގެ މަންފާއަށް ހަދަން ޖެހޭ ގާނޫނުތަށް ހެދުމާއި، ޓެކްސް ނެގުމާއި، ލޯނު ނަގަންޖެހޭ ހާލަތްތަކުގައި ލޯނު ނެގުމާއި، ދައުލަތުގެ މުދާތައް ހިމާޔަތްކޮށް ބެލެހެއްޓުމާއި، ގައުމުގެ ސިޔާދަތު ރައްކާތެރި ކުރުމާއި އަސާސީ ގޮތުން ރައްޔިތުންނަށް ފޯރުކޮށްދޭން ލާޒިމު ކުރާ ހިދުމަތްތަކާއި ވަސީލަތްތައް ހަމަހަމަ ކަމާއި އިންސާފުވެރިކަމާއި އެކު ގާނޫނީ ހަމަތަކާއި އެއްގޮތަށް ފޯރުކޮށްދިނުމެވެ.
މި ޒިންމާ އަދާކުރުމަށް ކަނޑައެޅޭ ފަރާތަކީ ދުސްތޫރީ ގޮތުން ހޮވާފައިވާ ދައުލަތުގެ މުދަލާއި ފައިސާ އާއި ވަސީލަތްތައް ގާނޫނީ ހަމަތަކާއި އެއްގޮތަށްބެލެހެއްޓުމުގެ ޒިންމާ އާއި ހަވާލުވާ ފަރާތެވެ. މި މަގާމުގެ ސައްހަކަން ބިނާވަނީ ދުސްތޫރީގޮތުން ނުވަތަ ގާނޫނުގައި އެކަން އޮތީތީއެއް ނޫނެވެ. ރައްޔިތުންގެ އިތުބާރު އެކަމުގައި ޝާމިލުވާތީއެވެ. ރައްޔިތުންގެ މި އިތުބާރުގެ އަސާސަކީ ރައްޔިތުންގެ ފަރާތުން ވެރިކަން ކުރާ ފަރާތާއި ހަވާލު ކުރާ މަގުސަދެވެ. އެ ވެރިމީހާއާއި ރައްޔިތުން ހަވާލު ކުރި ޒިންމާ ތެދުވެރިކަމާއި، ޒިންމާދާރުކަމާއި ގައުމީ މަސްލަހަތު އިސްކޮށްގެން ކުރާނެކަމުގެ އުންމީދެވެ.
ރައްޔިތުންގެ އިތުބާރަކީ ގާނޫނަކުން ލާޒިމުކޮށްގެން ލިބޭނެ އެއްޗެއް ނޫނެވެ. އަދި އެ އިތުބާރަކީ ކިތަންމެ ބޮޑު މެޖޯރިޓީއެއް އޮތް މަޖިލީހަކުންވިޔަސް ރައްޔިތުންނަށް އަމަލުކުރުމަށް ލާޒިމްކޮށް ފާސްކުރެވޭނެ އަދި ގާނޫނަކުންވެސް ހޯދޭނެ އެއްޗެއް ނޫނެވެ. އެ އިތުބާރަކީ ސިޔާސީ މަގުބޫލުކަމާއި ސިޔާސީ ބާރުވެރިކަމާއި އިންތިހާބު ތަކުން ހޯދާ ކުރި ހޯދުމަކުން ދެމިއޮންނަ އެއްޗެއްވެސް ނޫނެވެ. އެ އިތުބާރަކީ އިހްލާސްތެރިކަމާއި، އަމާނާތްތެރިކަން، ހަމަހަމަކަން، ހާމަކަން ބޮޑުކަމާއި، ޖަވާބުދާރީ ވުމުގެ ރޫހު ދެމެހެއްޓުމާއިއެކު އިދާރީ ހިންގުން ފުރިހަމަކޮށް، ކުރެވޭ މަސައްކަތްތަކުގެ ނަތީޖާއެވެ.
ސަރުކާރާއި ދައުލަތުން ނިންމާ ކޮންމެ ނިންމުމަކުންވެސް އާންމު ރައްޔިތުންގެ އިތުބާރު ސަރުކާރުގެ މައްޗަށް އިތުރުވުން ނުވަތަ ދަށަށް ދިޔުން ހިމެނެއެވެ.
ގާނޫނު އަސާސީގެ އިންތަކާއި މިންތަކަށް ތަބާވުން، ނިންމުންތައް ފާޅުކަން ބޮޑުކޮށް ހާމަކޮށް، އާންމު މުދަލާއި ފައިސާ ޒިންމާދާރުކަމާއި އެކު ބެލެހެއްޓުމާއި، ހަރަދުތަކުގެ ތަފްސީލުތައް ހާމަކުރުމާއި، އެންމެންނާއި ދޭތެރޭ ހަމަހަމަކޮށް އިންސާފުވެރިކޮށް އަމަލުކުރުމާއި، ގާނޫނުގެ ބާރު ދެމެހެއްޓުމާއި، އަދި ވެރިކަން ކުރަނީ ސަރުކާރުގެ ނުވަތަ ވަކިވަކި މުވައްސަސާތަކުގެ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތަށް އިސްކަން ދިނުމަކީ ރައްޔިތުން އެސަރުކާރެއް ބަލައިގަނެ އިތުބާރު އާލާވާނެ ކަންކަމެވެ. ނަމަވެސް ހާމަކަން ކުޑަ ފޮރުވުން ބޮޑުވެ، ސާފުކުރަން ބޭނުންވާ މައުލޫމާތު ދިނުމުގައި ފަސްޖެހުމުގެ ނަތީޖާއަކަށް ވާނީ އިތުބާރު ގެއްލުމެވެ.
ދައުރުގެ މެދުތެރޭގައި ބޭއްވުނު އިންތިހާބަކީ މި އިތުބާރަށް ބަލިކަށި ކަމެއް ލިބިފައިވާކަން ރަމްޒު ކޮށްދޭ އިންތިހާބެކެވެ. ދައުލަތުގެ އެތަށް ވަސީލަތެއް ބޭނުން ކުރުމުންވެސް އެދެވޭ ނަތީޖާއަކަށް ވާސިލު ނުވެވުމަކީ ވަރުގަދަ އިންޒާރެކެވެ.
ރައްޔިތުންގެ އިތުބާރަކީ ހަމައެކަނި ދުސްތޫރުގައި ވާތީ ލިބިފައި އޮންނަކަމެއްކަމަަށް ބަލައިގެން ނުވާނެއެވެ. އެއީ ހޯދަން ލާޒިމު ކަމެއް ކަމަށް ދެކެންޖެހެއެވެ. އިތުބާރު ގަދަވެ އާލާވާނަމަ ގާނޫނަށް ތަބާވުން އިތުރުވާނެއެވެ. ދައުލަތުގެ މުއައްސަސާތައް ބަދަހިވާނެއެވެ. އިޖުތިމާއީ ގޮތުންނާއި އިގުތިސޯދީ ގޮތުން އިތުބާރު އިތުރުވާން މަގުފަހި ވާނެއެވެ. އިންވެސްޓްމަންޓްތަކަށް މަގު ފަހިވެ، އިންވެސްޓްތައް ހޯދުމަށް އެހީއަކަށްވާނެއެވެ. އަދި ގައުމާއި ކުރިމަތިވާ ކަންކަމުގައި ރައްޔިތުންގެ އިތުބާރު ސަރުކާރަށް އިތުރުވެގެން ދާނެއެވެ.
ދައުލަތާއި ސަރުކާރުތައް ގާނޫނީ މަގުން ކަސިޔާރުވެ ދުސްތޫރީ ހަމަތަކާއި ހިލާފަށް، ގާނޫނީ ތަރަހައިން ބޭރުން ކަންކަން ނިންމުމުގެ ސަގާފަތެއް އިތުރުވާނަމަ ރައްޔިތުން ސަރުކާރަށާއި މުވައްސަސާތަކަށް ކުރާ އިތުބާރު ދަށަށް ދާނެއެވެ. އެ އިތުބާރުގެ ނަތީޖާއަކަށް ވާނީ މުވައްސަސާތަށް ބަލިކަށި ވުމެވެ. މުޖުތަމައު ބައިބައިވާނެއެވެ. ރައްޔިތުންގެ ބައިވެރިވުން ސަރުކާރާއި މުއައްސަސާތަކަށް ގެއްލޭނެއެވެ. ދައުލަތުގެ އިދާރާތަކަށް ކުރާ އިތުބާރު ދަށްވާނެއެވެ.
އެހެނީ ރައްޔިތުންގެ އިތުބާރަކީ ގައުމު ހިންގުމުގެ އެންމެ މުހިންމު އެއް ރައުސުލް މާލެވެ. ގައުމުގެ ކުރިމަގަށް ބިނާ ކުރެވޭ އިމާރާތްތަކާއި އެއްފަދަ ކަމަކެވެ. މި ކަމަކީ ގާނޫނީ މުއައްސަސާތައް ފަދަ މުހިންމު ރައުސުލްމާލެއް ކަމަށް ގަބޫލު ކުރަން ޖެހެއެވެ. އެ ރައުސުލްމާލު ރައްކާތެރިކޮށް، ބަދަހިކަމާއި އެކު އިތުރު ކުރަން މަސައްކަތްކުރުމަކީ ކޮންމެ ސަރުކާރެއްގެވެސް ދުސްތޫރީ ޒިންމާއެކެވެ.
ރައްޔިތުންގެ އިތުބާރަކީ ކުއްލިއަކަށް ލިބޭނެ އެއްޗެއް ނޫނެވެ. އެ އިތުބާރު ހޯދުމަށް ކޮންމެ ދުވެހެއްގެ އަމަލުތައް ސީދާވާން ޖެހޭނެއެވެ. އިހުލާސްތެރިވާން ޖެހޭނެއެވެ. އަމާނާތްތެރިވާން ޖެހޭނެއެވެ. ޒިންމާދާރު ވާންޖެހޭނެއެވެ. އަދި ޒިންމާދާރު ވެރިކަމަކުން ކޮންމެހެންވެސް ހޯދަން ލާޒިމު ކުރާ ދައުލަތެއްގެ އެންމެ އަގު ބޮޑު މުދަލަކީވެސް އެ އިތުބާރެވެ. ދައުރުގެ ފަހުކޮޅުގައި ބާއްވާ އިންތިހާބުން ނޫނީ ލިބޭނީ %7 އެވެ.


