މަހުދީގެ މަރަށް އިންސާފު ލިބެންޖެހޭ

މަހުދީގެ މަރަށް އިންސާފު ލިބެންޖެހޭ

އެމް.އެން.ޑީ.އެފް ޑައިވިންގ ޔުނިޓް ބިނާކުރުމުގައި އިސްކޮށް އުޅުއްވި ބޭފުޅުންނަކީ އެބައެއްގެ ވާހަކަ އަޑުނާހާ ދޫކޮށްލަން ހެޔޮވާވަރުގެ ބައެއް ޫނެވެ. އެމް.އެން.ޑީ.އެފްގެ ޑައިވަރުންނަކީ އެފަދަ ދެވަނައެއް ނެތް ފެންވަރެއްގެ ބަޔަކަށް ހެދުމަށްޓަކައި ހިންގުނު ތަމްރީނު ޕްރޮގްރާމްތަކާއި ކުރެވުނު ބުރަ މަސައްކަތްތަކަކީ މި ބޭފުޅުންގެ މިންނެތް ހިއްސާއެވެ. މި ދެންނެވި ބޭފުޅުން ތަމްރީނު ޕްރޮގްރާމްތައް ހިންގުން ހުއްޓަވާލެއްވި ފަހުން، އެމް.އެން.ޑީ.އެފް އަށް އެ ދާއިރާއިން އިތުރު ކުރިއެރުމެއް ހޯދިފައެއް ވަނީއެއް ނޫނެވެ.

އަނެއްކޮޅުން \ހިފަހައްޓަމުން އައީ އެންމެ ކުރިން ދަސްކޮށްފައިވާ މައުލޫމާތުތަކާއި އުކުޅުތަކުގައެވެ. 'ޓެކްނިކަލް ޑައިވިންގ' އަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދާފައި ހުރިކަމަކަށް ނުވެއެވެ. މިހާރު ހިނގައިގެންއުޅޭ ފަދަ ނުރައްކާތެރި މިޝަންތަކުގައި ބޭނުންކުރެވޭނެ ފެންވަރުގެ ސެޓިފައިޑް އުޅަނދެއްވެސް މިއަދާ ހަމައަށް އެ މުއައްސަސާގައި އޮތް ކަމަކަށް ނުވެއެވެ.

ޑައިވިންގެ ތަޖުރިބާކާރުންގެ ތެރޭގައި ހިމެނޭ ޝަފްރާޒް ނައީމް ފަދަ ބޭފުޅުން ފާޑުކިއުއްވަނީ ކިއުވެން އޮތީމައެވެ. މިހާރު ހިނގައިގެން އުޅޭ ހާދިސާއާއި ގުޅިގެން އެކަށީގެންވާ ވަސީލަތްތަކާ ނުލައި އެ ރިކަވަރީ މިޝަން ފެށުމާ ދެކޮޅަށް އޭނާގެ ފަންނީ ލަފާ ދެއްވިއެވެ. ހޮހަޅައިގެ ހާލަތާއި، އެތަނުގައި ކުރިމަތިވެދާނެ ދަތިތަކާ ބެހޭގޮތުން އެންމެ ފުރަތަމަ ސާފު އިރުޝާދު ދެއްވި އެކަކީވެސް ޝަފްރާޒްއެވެ. އެތަނުގެ ތެރޭގައި ނިންމޭ ކުށް ނިންމުމެއްގެ ސަބަބުން ބޮޑު ކާރިސާއެއް ހިނގައިދާނެ ކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ.

ހާދިސާއާ ގުޅޭގޮތުން ތަޖުރިބާކާރުން އިތުރު މައުލޫމާތު ހާމަކުރަން ފެށުމުން، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ ޝަފްރާޒުގެ އަބުރު ކިލަނބުކޮށްލުމަށް މަސައްކަތްކޮށް، އޭނާއަށް އަމާޒުކޮށް ބަހުގެ ހަމަލާތައް ފޮނުވަން ފަށާފައެވެ. ނަމަވެސް، ޑީ.އޭ.އެން ޓީމުން މަސައްކަތް ކުރިއަށްގެންދާ ވަރަކަށް، އެމް.އެން.ޑީ.އެފް އިން އެ ޑައިވް ކުރުމަށް އެކަށީގެންވާ ތައްޔާރީތަކެއްވެފައި ނުވާކަން ހާމަވާ އިތުރު ސަބަބުތައް ދަނީ ފެންމަތިވަމުންނެވެ.

ރިކަވަރީ ޑައިވް އޮޕަރޭޝަން ކުރިއަށް ގެންދިޔުމުގައި ގެންގުޅުނު ފަރުވާކުޑަ އުސޫލުތަކަށް ޝަފްރާޒް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވާހަކަދައްކަވާފައިވަނީ ބައިނަލްއަގުވާމީ ފެންވަރުގެ އެތައް ޑައިވަރުންނެއް އެއްބަސްވާ ހަގީގީ މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށެވެ. އަދި އޭނާގެ ގާތް އެކުވެރިއެއްގެ ފުރާނަ ގެއްލިގެންދިޔަ މި މިޝަން ކުރިއަށް ގެންދިޔުމަށް ބާރުއެޅި ކަމަށްޓަކައި އޭނާ ވަނީ ސަރުކާރު ކުށްވެރިކޮށްފައެވެ.

ޝަފްރާޒް ފާހަގަކުރެއްވި ގޮތުގައި މަހުދީއަކީ އެންމެ ހުނަރުވެރި ޑައިވަރުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ޝަފްރާޒް އެމް.އެން.ޑީ.އެފް އިން ވަކިވި ފަހުންވެސް، އޭނާއާއި މަހުދީއާ ދެމެދު އޮތީ ގާތް ރަހުމަތްތެރިކަމެކެވެ. އަދި ދެމީހުންގެ މެދުގައި ޑައިވިންގއާ ގުޅޭގޮތުން ގަވާއިދުން ވާހަކަދެކެވެއެވެ. ރަނގަޅު ވާހަކަ ދައްކާ މީހާގެ އަނގަ ބަންދު ކުރުމަށް ހާދިސާ ހަތިޔާރަކަށް ހަދައިގެން ޝަފްރާޒަށް ބަހުގެ ހަމަލާދިނުމުގެ ބަދަލުގައި އަޅުގަނޑުމެން ކުރަންވީ ކަމަކީ ޖަވާބުދާރީ ކުރުވުމެވެ. އަންނަނިވި ސުވާލުތައް ކުރިމަތިކުރުވުމެވެ:

  • އެމްއެންޑީއެފްގެ ޑައިވަރު މަހުދީ ނިޔާވީ ކީއްވެގެން ކިހިނެއްވެގެންތޯ؟
  • އޭނާ ނިޔާވުމުގެ އަސްލު ސަބަބަކީ ކޮބައިތޯ؟
  • އަވަސް އަރުވާލައިގެން ކަށުނަމާދާއި ވަޅުލުމުގެ ކަންކަން ކުރުމުގެ ކުރިން އެކަށީގެންވާ ތަހުގީގެއް ހިންގުނުތޯ؟
  • އެހާ ބޮޑަށް އަވަސް އަރުވާލީ ކީއްވެގެންތޯ؟
  • ސަރުކާރުގެ ތަރުޖަމާނު ވިދާޅުވިހެން ރިކަވަރީ ޑައިވް ކުރިއަށް ގެންދިޔައީ ޖޯޑަކަށް ކަމަށްވަންޏާވާ، މަހުދީއާއެކު ޑައިވްކުރި މީހާ އޭނާ ނުލައި މައްޗަށް އެރީ ކީއްވެގެންތޯ؟
  • އެމް.އެން.ޑީ.އެފްގެ އޮޕަރޭޝަނަލް ލިމިޓަކީ 50 މީޓަރު ނުވަތަ އެއަށްވުރެ ތިލަ ތަންތަން ކަމަށްވާއިރު، 50 މީޓަރަށްވުރެ ފުން ސަރަހައްދަކަށް ޑައިވްކުރުމަށް އެމް.އެން.ޑީ.އެފް އަށް މަޖުބޫރުކުރީ ކީއްވެގެންތޯ؟
  • މިޝަންގެ ކުރިން 50 މީޓަރަށްވުރެ ފުން ހިސާބުތަކުގައި އޮޕަރޭޝަންތައް ހިންގާފައިވާ ކަމަށްވާއިރު، ކުއްލިއަކަށް އެމްޑީއެފް އިން އާދައިގެ ވައި ބޭނުންކޮށްގެން ޑައިވްކުރެވޭނެ އެންމެ ފުން މިނަކީ 30 މީޓަރު ކަމަށް ނިންމީ ކީއްވެގެންތޯ؟
  • ރިކަވަރީ މިޝަންގައި ބޭނުންކުރި އުޅަނދުގައި 'ޑިކޮމްޕްރެޝަން ޗެމްބަރ' އެއް ނެތީ ކީއްވެގެންތޯ؟
  • ބައިނަލްއަގުވާމީ ތަޖުރިބާކާރުން އައުމުން، އެމް.އެން.ޑީ.އެފް އިން އާރު.އޯ.ވީ އާއި ސާވޭ ޓީމުތައް ހަމަޖެއްސިއިރު، އެމް.އެން.ޑީ.އެފްގެ އަސްލު މިޝަންގެ ތެރޭގައި އެ ވަސީލަތްތަކުގެ ބޭނުން ނުހިފީ ނުވަތަ އެ ފަރާތްތަކުގެ އެހީތެރިކަން ނުހޯދީ ކީއްވެގެންތޯ؟

މި ހުރީ ހައްތަހާވެސް ޖަވާބު ލިބެންޖެހޭ ސުވާލެވެ. މިހާ ހިސާބަށް އައި އިރުވެސް މިކަހަލަ އެތައް ސުވާލަކަށް އަދިވެސް ވަނީ ޖަވާބު ނުލިބިއެވެ.

ޑީ.އޭ.އެން ޓީމުން ގޯޕްރޯ ފުޓޭޖާއި ތަހުގީގަށް ބޭނުންވާނެ އެހެނިހެން މައުލޫމާތު ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މަހުދީގެ މަރާ ގުޅޭގޮތުން ދެ ފުށް ފެންނަ އިންސާފުވެރި ތަހުގީގެއް ސަރުކާރުން ހިންގާނެތޯ އެއީ އުފެދޭ ސުވާލެކެވެ.

މި ހުރިހާ ކަމެއް ހިނގާފައިވަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހިންގާ މުއައްސަސާއެއްގެ ތެރޭގައެވެ. ކަމަކީ އެވާހަކަ ނުދައްކާ އެހާ ފަސޭހައިން ދެން ކުރާނީ ކީއްހޭ ކިޔާފާ ދޫކޮށްލަންވީ ކަމެއްތޯއެވެ؟ އެނގިހުރެ އެމް.އެން.ޑީ.އެފްގެ އޮފިސަރުން ނުރައްކަލުގެ ތެރެއަށް ހުށަހެޅުމަކީ ރައްޔިތުން އެދޭނެ ގޮތްތޯއެވެ؟ 

މަހުދީއަށް އިންސާފު ލިބެންޖެހެއެވެ. އޭނާގެ އާއިލާއަށް ހަގީގަތް އެނގެންޖެހެއެވެ. އަދި މިކަމުގައި ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވަންޖެހެއެވެ.