ބެލެނިވެރިކަން ގެއްލުމުން 18 މަހުގެ ދަރިފުޅު މަރާލި މަންމަ ޖަލަށް
އުމުރުން 18 މަހުގެ ޑީއަލީ ބްލިއާ ޑެލްގާޑޯ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ މަރުވެފަ
ދަރިފުޅުގެ ބެލެނިވެރިކަން ގެއްލުމާ ގުޅިގެން، 18 މަހުގެ ތުއްތު ދަރިފުޅަށް ނިދާ ބޭސް އަޅާފައި ހުރި ފުޅިއަކުން ވިހަދީ މަރާލި މައްސަލައިގައި 24 އަހަރުގެ އަންހެނަކު 31 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ. މޭގް ޔަންގް ނަމަކަށް ކިޔާ މި އަންހެން މީހާގެ މައްޗަށް މި ހުކުމް އައީ ދަރިފުޅު މަރާލިކަމަށް އިއުތިރާފުވުމާ ގުޅިގެންނެވެ.
ކޯޓު ރެކޯޑުތަކުން އެނގޭ ގޮތުގައި، ކުއްޖަކު ނޭވާ ނުލާކަމުގެ ރިޕޯޓު ލިބިގެން ކަމާބެހޭ ފަރާތްތަކުން އެގެއަށް ދިޔައީ މިދިޔަ ޖެނުއަރީ މަހުގެ 9 ވަނަ ދުވަހުއެވެ. އުމުރުން 18 މަހުގެ ޑީއަލީ ބްލިއާ ޑެލްގާޑޯ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ މަރުވެފައެވެ. އެވަގުތު އެގޭތެރެއިން އޭނާގެ މަންމަ ޔަންގް ފެނުނުއިރު، އޭނާ އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ޔަންގް ހައްޔަރުކުރީ ހޮސްޕިޓަލުން ދޫކޮށްލުމާ އެކުގައެވެ. ތަހުގީގުން ހާމަވި ގޮތުގައި، ދަރިފުޅު މަރުވެފައި އޮއްވާ ފެނުނު ދުވަހަކީ ކޯޓުން އެ ކުއްޖާގެ ބެލެނިވެރިކަން ޔަންގްގެ އަތުން ނަގައި، ކުއްޖާގެ ބައްޕައާ ވަގުތީ ގޮތުން ހަވާލުކުރި ދުވަހެވެ. ކޯޓު އަޑުއެހުމަށްފަހު، ޔަންގް ވަނީ "ތަދު ކަނޑުވާލުމަށް" ކަމަށް ބުނެ ކުއްޖާގެ ކިރުފުޅިއަށް ނިދާ ބޭސް އަޅާފައެވެ. އޭނާ ބުނި ގޮތުގައި އޭނާ ބޭނުންވީ ނިދީގައި އޮއްވާ ދަރިފުޅު އަމާންކަމާއެކު މަރުވުމަށެވެ.
މި ހާދިސާ ފެންމަތިވީ، ކުއްޖާގެ ހާލު ބެލުމަށް ބައްޕަ އެގެއަށް ގޮސް، ދޮރު ހުޅުވައިގެން އެތެރެއަށް ވަން އިރު ކުއްޖާ ނޫވެފައި ބިމަށް ވެއްޓިފައި އޮއްވާ ފެނުމުންނެވެ. އޭނާ ވަގުތުން ކަމާބެހޭ ފަރާތްތަކަށް ގުޅައި އެހީއަށް އެދުނެވެ.
މި މައްސަލައިގައި ޔަންގް ކުށަށް އިއުތިރާފުވުމުން، ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު ކޯޓުން ވަނީ އޭނާ 380 މަސްދުވަހަށް (ގާތްގަނޑަކަށް 31 އަހަރަށް) ޖަލަށްލުމަށް ހުކުމްކޮށްފައެވެ.
މަރުވި ތުއްތު ކުއްޖާގެ ހަނދާނުގައި އާއިލާއިން ބުނެފައިވަނީ، ޑީއަލީއަކީ އޭނާގެ ބައްޕަ ނުހަނު ލޯބިވި އަދި އެ ދަރިފުޅުގެ ހައްގުގައި ވަރަށް ބޮޑަށް މަސައްކަތްކުރި ކުއްޖެއް ކަމަށެވެ. ކުއްލި ގޮތަކަށް އެ ދަރިފުޅު ވަކިވެގެން ދިއުމަކީ ބައްޕަގެ ހިތަށް ފޫނުބެދޭވަރުގެ ބޮޑު ހިތާމައެއް ލިބުނު ކަމެއް ކަމަށްވެސް އާއިލާއިން ފާހަގަކޮށްފައިވެއެވެ.
ހާދިސާ ހިންގާފައިވަނީ އެމެރިކާގެ މިނެސޯޓާގެ ހެނަޕިން ކައުންޓީގައެވެ.


