އޮންލައިން އިންޓަވިއުއެއްގެ ތެރެއިން 18000 ޕައުންޑް ވަގަށްނަގައިފި
ވަޒީފާ ހޯދާ ފަރާތްތަކަށް އަމާޒުކޮށް، އިންޓަވިއުއަށް ބޭނުންވާ ސޮފްޓްވެއަރ އެއް ކަމަށް ބުނެ ނުރައްކާތެރި ލިންކުތަކެއް ޑައުންލޯޑު ކުރުވައިގެން މަކަރާއި ހީލަތް ހިންގާ މިންވަރު އިތުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މިފަދަ ހާދިސާއެއް ދިމާވި އެކަކަށް ލިންކްޑްއިން (LinkedIn) މެދުވެރިކޮށް ވަޒީފާ ދޭ ފަރާތެއްގެ ނަމުގައި މީހަކު ގުޅައި، އިންޓަވިއު މަރުހަލާގައި ބައިވެރިވުމަށް ދައުވަތު ދިނެވެ. އަދި އާންމުކޮށް ބޭނުންކުރާ ފަދަ ލިޔުމެއް ޑައުންލޯޑު ކުރަން އެދުމުން، އެ ޑައުންލޯޑު ކުރި ފަހުން އެއީ ކޮމްޕިއުޓަރަށް ގެއްލުންދޭ "މެލީޝަސް ސޮފްޓްވެއަރ" އެއްކަން އެނގުނެވެ.
އޭގެ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، ހެކަރުން ވަނީ އޭނާގެ ކްރިޕްޓޯކަރަންސީ އެކައުންޓްތަކުގައި ހުރި 18،000 ޕައުންޑްގެ ރައްކާކުރި ފައިސާ ވަގަށް ނަގައިފައެވެ.
"މިއީ ވަރަށް ހިތްދަތި އިހުސާސެއް. އަހަރެންގެ ދުޝްމަނަކަށް ވެސް މިފަދަ ކަމެއް ދިމާވުމަކަށް ނޭދެން،" ނަން ހާމަކުރަން ބޭނުންނުވާ އެ މީހާ ބުންޏެވެ.
ވާދަވެރި ވަޒީފާގެ ބާޒާރު
ވަޒީފާ ހޯދުމަށް ބޭނުންކުރާ މަގުބޫލު ޕްލެޓްފޯމްތައް ކަމަށްވާ ލިންކްޑްއިން އަދި އިންޑީޑް (Indeed) އިން ވަނީ ފަހަކަށް އައިސް ވަޒީފާގެ ނަމުގައި ހިންގާ މިފަދަ އޮޅުވާލުންތައް އިތުރުވަމުންދާ ކަމުގެ އިންޒާރު ދީފައެވެ.
ލިންކްޑްއިން އިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ޒުވާން މަސައްކަތްތެރިން (ޖެން-ޒީ) މިފަދަ މަކަރާއި ހީލަތްތަކަށް ހުށަހެޅޭ މިންވަރު ގިނައެވެ. ވަޒީފާގެ ބާޒާރުގައި އޮތް ބޮޑު ވާދަވެރިކަމުގެ ސަބަބުން، ޝައްކު ކުރެވޭ ފަދަ ކަންކަން ފާހަގަވީ ނަމަވެސް، ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި މީހުން އެކަންކަމަށް ފަރުވާކުޑަކުރާ ކަމަށް އެ ކުންފުނިން ބުނެއެވެ.
ވަޒީފާގެ ފުރުސަތުތައް މަދުކަމަށް އިހުސާސުކުރެވޭތީ، ލިބޭ ފުރުސަތުތަކާމެދު ޝައްކުކުރަން ފުރުސަތު ގެއްލިދާނެތީ ގިނަ ޒުވާނުން ޖެހިލުންވެއެވެ. މިފަދަ ކަންކަމުން ސަލާމަތްވުމަށްޓަކައި، މުއާމަލާތް ކުރުމުގެ ކުރިން އެއީ އަސްލު ކުންފުންޏެއްތޯ ކަށަވަރުކުރުމަށާއި، ރަނގަޅަށް ދިރާސާކުރުމަށް އެ ޕްލެޓްފޯމުން އިރުޝާދުދެއެވެ.
މި ހާދިސާގައި ފައިސާ ގެއްލުނު މީހާއަކީ އޭރު ވަޒީފާއިން ވަކިވުމަށް ނޯޓިސް ދީފައިވާ، އަދި އައު ވަޒީފާއެއް ހޯދަމުންދާކަން ލިންކްޑްއިންގައި ހާމަކޮށްފައިވާ މީހެކެވެ.
މަކަރުވެރި ހެކަރަކު އޭނާއަށް ވަޒީފާގެ ފުރުސަތެއް ދައްކައި، ވީޑިއޯ ކޯލެއް މެދުވެރިކޮށް ވާހަކަދެއްކުމަށްފަހު، ގޫގުލް ޝީޓެއްގައިވާ އިރުޝާދުތަކާ އެއްގޮތަށް ޓެކްނިކަލް އެސެސްމަންޓެއް ފުރިހަމަކުރުމަށް އެދުނެވެ. ނަމަވެސް އެ ލިޔުމުގައި ވަނީ ނުރައްކާތެރި ސޮފްޓްވެއަރ އެއް ހިމަނާފައެވެ.
މަސައްކަތް ނިންމާފައި ނިދިތަނާހެން، ހެނދުނު ހޭލިއިރު އޭނާގެ އޮންލައިން ވޮލެޓްތަކުގައި ހުރި ހުރިހާ ފައިސާއެއް ވަނީ ހުސްކޮށްލާފައެވެ.
"އަހަރެން ކޮމްޕިއުޓަރު ފޯމެޓްކޮށް، ހުރިހާ ޕާސްވޯޑެއް ބަދަލުކުރިން. އެވަގުތު ހުރީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވަރަށް ބޮޑަށް ވަރުބަލިވެފައި،" އޭނާ ބުންޏެވެ. "އަހަރެން ހުރީ ވަރަށް ބޮޑަށް ރުޅިގަދަވެފައި. ހެކަރުންދެކެ އަދި އަމިއްލަ ނަފްސުދެކެ ވެސް. އެމީހުން އަހަރެން މަޅީގައި ޖެއްސި ގޮތް ހޯދައިގަނެވުމާ ހަމައަށް ހުރީ ވަރަށް ބޮޑަށް އޮޅުންބޮޅުންވެފައި."
ދޮގު ރެކްރޫޓަރުންނާއި ނުރައްކާތެރި އެޕްތައް
ސައިބަރ ސެކިއުރިޓީ ރިސާޗަރެއް ކަމަށްވާ ޗާލީ ކެލީ ބުނާ ގޮތުގައި، މި އައު ބާވަތުގެ އޮޅުވާލުންތައް ދެނެގަތުމަކީ ވަރަށް އުނދަގޫ ކަމެކެވެ.
"މިއީ އިނގިރޭސި ބަހުން ގޯސްކޮށް ލިޔެފައި އޮންނަ އީމެއިލެއް ނޫން. މި މީހާ މަޅީގައި ޖެއްސީ އަސްލު އިންޓަވިއުއެއްގެ މަރުހަލާތައް ފުރިހަމަކުރާ ފަދަ ގޮތަކަށް، ގޫގުލްގެ އަސްލު ޕޭޖުތަކާއި ލޮގިންތައް ބޭނުންކޮށްގެން. އަދި އިންސްޓޯލް ކުރަން ބުނި ސޮފްޓްވެއަރ އަކީ ވެސް ސައްހަ އެޕްލިކޭޝަނެއްގެ ސިފަ ޖެހިފައިވާ އެއްޗެއް،" އޭނާ ކިޔައިދިނެވެ.
އިންޑީޑް ޕްލެޓްފޯމް މެދުވެރިކޮށް ވެސް މިފަދަ ހަމަލާތައް ކުރިމަތިވަމުންދާ ކަމުގެ ރިޕޯޓްތައް ލިބެމުންދާތީ، އެ ކުންފުނިން ވަނީ ސަމާލުވުމަށް އިރުޝާދު ދީފައެވެ. ކުށްވެރިން ދަނީ ވަޒީފާގެ އިންޓަވިއުއަކަށް ހުންނަ ޝައުގުވެރިކަމާއި ހާސްކަމުގެ ބޭނުން ހިފައި، "Indeed Interview" ނުވަތަ "MyInterview" ފަދަ ނަކަލު އެޕްލިކޭޝަންތައް ޑައުންލޯޑު ކުރުވަމުންނެވެ.
ސައިބަރ ސެކިއުރިޓީ ކުންފުނި މެލްވެއަރބައިޓްސް (Malwarebytes) އިން ބުނާ ގޮތުގައި، މިފަދަ މަކަރުވެރިން ބޭނުންކުރާ އުކުޅުތަކުގެ ތެރޭގައި "އިންޓަވިއު ފުރިހަމަކުރުމަށް މި އެޕް އިންސްޓޯލް ކުރޭ" ނުވަތަ "މުސާރައިގެ އެއްބަސްވުން ފެންނާނީ އެޕް އިންސްޓޯލް ކުރުމުން" ފަދަ ވާހަކަތައް ހިމެނެއެވެ.
މި އެޕްތައް ޑައުންލޯޑު ކުރުމުން، ހެކަރުންނަށް އެ މީހެއްގެ އަމިއްލަ މައުލޫމާތުތަކާއި ފައިސާގެ މުާމަލާތްތަކަށް ވަދެގަތުމުގެ ފުރުސަތު ލިބެއެވެ.
އިންޑީޑް އިން ދާދިފަހުން އާންމުކުރި މައުލޫމާތެއްގައި ބުނެފައިވަނީ، އެ ޕްލެޓްފޯމް މެދުވެރިކޮށް ކުރިއަށްދާ އިންޓަވިއުތަކަކީ ބްރައުޒާ ތެރެއިން ކުރިއަށްދާ ކަންކަން ކަމަށާއި، އެއްވެސް ހާލެއްގައި ވަކި އެޕެއް ޑައުންލޯޑު ކުރަން ނުޖެހޭނެ ކަމަށެވެ.


