ރަންތާޖެއް އަޅުވާފައި ބޭންދިޔަސް ހިމާރެއް ވާނީ ހިމާރަކަށް: ޝަހުޒާން، ލީވާން
ރަން ތާޖެއް އަޅުވައި ބޮޑު ތަހުތެއްގައި ބޭންދިޔަސް، ހިމާރެއް ވާނީ ހަމަ ހިމާރަކަށް ކަމުގައި ލީވާނާއި ޝަހުޒާނު ބުނެފިއެވެ. އައިޝާ ޑޮކިއުމެންޓްރީއާއި ގުޅިގެން ކޯޓު ހުރުމަތް ކެނޑުމުގެ ކުށުގައި މިވަގުތު ޖަލުގައި ތިބި ދެ ނޫސްވެރިންކަމުގައިވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާނު އެހެން ބުނެފައިވަނީ އެ ދެމީހުންގެ ދިފާއީ ވަކީލުން މެދުވެރިކޮށް އަދަދު ނޫހުގައި ޝާއިއުކުރި މެސެޖެއްގައެވެ.
ނޫސްވެރިކަމާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކަށް އެ ދެ ނޫސްވެރިން ބުނެލަން އޮތް އެއްޗެއްކަމަށް ބުނެފައިވަނީ ގަދަބާރުން ހުރުމަތާއި އިއްޒަތެއް ނުހޯދޭނެކަން ދަތުމަށެވެ. ކިތަންމެ ވަރުގަދައަށް ޗޭނުޖަހާ ބަންދުކޮށް ކުޑަގޮޅިއަކަށް ލިޔަސް، ސިންގާއެއް ވާނީ ހަމަ ސިންގާއަކަށް ކަމަށްވެސް ލީވާނާއި ޝަހުޒާނު ބުނެފައިވެއެވެ.
ޝަހުޒާނާއި ލީވާނު މިވަގުތު ޖަލުގައި އެތިބީ އެއްވެސް ކުށެއް ކޮށްގެން ނޫންކަމަށާއި އަނިޔާވެރިކަމުގެ ކުރިމަތީގައި އަބަދުވެސް ކެތްތެރިކަން އިސްކުރަންވާނެ ކަމަށާއި އަނިޔާވެރިންގެ ކުރިމަތީގައި އިސްޖަހައި، އެ މީހުން އުފާވާނެ ފަދަ އެއްވެސް މާޔޫސްކަމެއް ނުދެއްކުމަށް އެ ދެ ނޫސްވެރިންގެ މައިންބަފައިންނާއި އަނބިދަރިންގެ ކިބައިން އެދިފައިވެއެވެ. އާއިލީ ލޯތަކުން އޮހޭ ކަރުނައަކީ އަނިޔާވެރިންނަށް ލިބޭނެ އުފަލަކަށް ވިޔަނުދިނުމަށް ހިތްވަރުގަދަ ދެ ނޫސްވެރިން އެދިފައިވެއެވެ.
ނޫސްވެރިކަން ހަނިކޮށް، ނޫސްވެރިކަށް މަރާލުމަށްފަހު ވަޅުލުމަށް، ސަރުކާރާއި ރައީސް މުއިއުޒް ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް އެންމެހާ ނޫސްވެރިން އެކަތިގަނޑަކަށްވެ ނޫސްވެރިކަމުގެ ހައްގުގައިވާ ގުރުބާނީ ބޭކާރުވިޔަ ނުދިނުމަށް ނުސްވެރިންގެ ކިބައިން ލީވާނާއި ޝަހުޒާނު އެދެއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަށްޓަކައި އަޑުއުފުލައި ވަކާލާތުކުރާ ހުރިހާ ފަރާތްތަކަށް އިހުލާސްތެރި ޝުކުރު އަދާކުރަމުން، ކުރާ ހިތްވަރުގަދަ މަސައްކަތުގައި ސާބިތުވެ ތިބުމަށް އެދެމުން ޝަހުޒާނާއި ލީވާން ބުނަނީ އެ ދެނޫސްވެރިންގެ ހިތްވަރަށް އެއްވެސް ބަދަލެއް ނާންނަކަމަށާއި ނުވެސް ގެނެވޭނެ ކަމަށެވެ.




