މިސް ޕޫނޭ ޓްވިޝާ ޝަރުމާ މަރުވީ ދަންޖެހިގެން
ދިރިއުޅުން "ނަރަކައަކަށް" ވެފައިވާ ކަމަށް ބުނި
މިސް ޕޫނޭ އަދި މަޝްހޫރު ފިލްމީ ބަތޮލާ ޓްވިޝާ ޝަރްމާގެ ހަޔާތުގެ އެންމެ ފަހު ވަގުތުތަކުގެ ތަފްސީލު ހިމަނައި ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީ.ބީ.އައި) އިން ވަނީ 600 ސަފުހާގެ ޗާޖުޝީޓެއް ހުށަހަޅާފައެވެ. މި ލިޔުމުގައި ޓްވިޝާގެ ފިރިމީހާ ސަމަރުތު ސިންގް އާއި މައިދައިތަ ގިރިބާލާ ސިންގްގެ މައްޗަށް ވަނީ، ޓްވިޝާއަށް މެދުނުކެނޑި ނަފްސާނީ އަނިޔާދީ އޭނާ އަމިއްލައަށް މަރުވުމަށް ބާރުއެޅިކަމުގެ ތުހުމަތުކޮށްފައެވެ.
އޯގަސްޓް 14 ގައި ހުށަހެޅި މި ޗާޖުޝީޓުގައި، މޭ 12 ވަނަ ދުވަހު ޓްވިޝާ މަރުވުމާ ހަމައަށް ހިނގި ކަންތައްތައް ވަޓްސްއަޕް މެސެޖުތަކާއި، ފޯން ކޯލްތަކާއި، ސީ.ސީ.ޓީ.ވީ ފުޓޭޖާއި، ކައުންސެލިން ސެޝަންތަކާއި އަދި އާއިލާގެ ބަޔާންތަކުގެ އެހީގައި ވަނީ ތަރުތީބުކޮށްފައެވެ.
އެރޭގެ 9:36 ގައި ޓްވިޝާ އޭނާގެ ފަހަރި ރާޝީ އަބްރޯލްއަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، އޭނާގެ ފިރިމީހާ ކައިރީގައި އޭނާގެ އަންހެނުންގެ ހަށިގަނޑާ ހަވާލުވުމަށް ބުނުމަށާއި، ނަމަވެސް އެކަން މާދަމާ ކުރުމަށެވެ. އަދި މިވަގުތު އޭނާ ހިތްހަމަޖެހުމާއެކު މަރުވިޔަދިނުމަށް އެދިފައިވެއެވެ. އޭގެ ހަތަރު މިނެޓު ފަހުން، ޓްވިޝާ އެކަނިމާ އެކަނި ގޭގެ ތިރީ ފަންގިފިލާއިން ޓެރަހަށް އަރަން ދާ މަންޒަރު ސީ.ސީ.ޓީ.ވީ އިން ފެންނަން ހުރި ކަމަށް ސީ.ބީ.އައި އިން ބުނެއެވެ.
9:41 ގައި ޓްވިޝާ ރޮމުން އޭނާގެ ބައްޕައަށް ގުޅައި، ސަމަރުތު ވަރަށް ބޮޑަށް ރުޅިގަދަވެ އަނިޔާވެރިވަމުންދާ ކަމަށާއި، އޭނާ ހުރީ ވަރަށް ބިރުގެންފައި ކަމަށް ބުނެ، ވަގުތުން އައުމަށް އެދިފައިވެއެވެ. 10:05 ހާއިރު މަންމައަށް ގުޅައިވެސް މި ޝަކުވާތައް ތަކުރާރުކުރިއެވެ. 10:23 ހާއިރު ސަމަރުތު އާއި އޭނާގެ މަންމަ ޓެރަހާ ދިމާލަށް ދާ މަންޒަރު ސީ.ސީ.ޓީ.ވީ އިން ފެނެއެވެ.
އޭގެ ފަހުން ޓްވިޝާ ތިރިއަށް ބާލައިގެން އެއިމްސް ބޯޕާލް ހޮސްޕިޓަލަށް ގެންދިޔައިރު، އޭނާ މަރުވެފައިވާ ކަމަށް 10:55 ހާއިރު ޑޮކްޓަރުން ކަނޑައެޅިއެވެ.
ސީ.ބީ.އައި އިން ހާމަކުރި ގޮތުގައި، ކުރިން އެކްޓްރެސްއެއްގެ ގޮތުގައި މަސައްކަތްކުރި އަދި "މިސް ޕޫނޭ" ގެ ލަގަބު ހޯދާފައިވާ ޓްވިޝާއަށް ސަމަރުތު ދިމާވީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު އޮންލައިން އެޕްލިކޭޝަނެއްގެ ތެރެއިންނެވެ. އެއަހަރުގެ ޑިސެމްބަރު 9 ގައި އެމީހުން ކައިވެނިކުރިއެވެ.
ކައިވެންޏަށްފަހު، ކައިވެނީގެ ކުރިން އޭނާ ބޭއްވި ގުޅުންތަކާ ބެހޭގޮތުން ސަމަރުތު މެދުނުކެނޑި ޓްވިޝާގެ އަބުރަށް ހުތުރުވާފަދަ ވާހަކަތައް ދައްކާ ނަފްސާނީ އަނިޔާ ދެމުންދިޔަ ކަމަށް ސީ.ބީ.އައި އިން ތުހުމަތުކުރެއެވެ. އަދި މިފަދަ ކަންކަމުގައި މައިދައިތަ ގިރިބާލާ އަބަދުވެސް ދަރިފުޅުގެ ކޮޅަށް ޖެހި، ޓްވިޝާއަށް އިތުރު ދަތިތައް ކުރިމަތިކުރި ކަމަށްވެއެވެ.
ޓްވިޝާ ބަނޑުބޮޑުކަން އެނގުނީ 2026 ވަނަ އަހަރުގެ އޭޕްރީލް 16 ގައެވެ. ނަމަވެސް ސަމަރުތުގެ އިހާނެތި އަމަލުތަކުގެ ސަބަބުން އެ ދަރިފުޅު ބައިގެންދިއުމާ މެދު އޭނާ ހުރީ ދެބަދޭތެރޭގައެވެ. މީގެ އިތުރުން، ޓްވިޝާގެ މިލްކިއްޔާތުގައި ހުރި 20 ލައްކަ ރުޕީސްގެ އިންވެސްޓްމަންޓްތައް، ދެމަފިރިންގެ ޖޮއިންޓް އެކައުންޓަކަށް ބަދަލުކުރުމަށް ސަމަރުތު އާއި މައިދައިތަ ޕްރެޝަރު ކުރި ކަމަށްވެސް ތަހުގީގަށް ވަނީ އެނގިފައެވެ. ނަމަވެސް އެއީ އޭނާގެ ބައްޕަގެ ފައިސާ ކަމަށް ބުނެ ޓްވިޝާ އެކަމަށް އިންކާރުކުރިއެވެ.
އޭޕްރީލް 30 ގައި ޓްވިޝާ އޭނާގެ މަންމައަށް ގުޅައި، އޭނާގެ ދިރިއުޅުން "ނަރަކައަކަށް" ވެފައިވާ ކަމަށާއި، ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ބަލިވެފައިވާ ކަމަށް ބުންޏެވެ. ފަހުން އޭނާ ސައިކިއޭޓްރިސްޓަކަށް ދެއްކުމުން، ބަނޑުބޮޑުވުމާ ގުޅިގެން އޭނާ ހުރީ ވަރަށް ބޮޑަށް ކަންބޮޑުވެ، ބިރުގެންފައިކަން ފާހަގަކުރެވުނެވެ.
މޭ 7 ވަނަ ދުވަހު ޓްވިޝާ ދަރިފުޅު ވައްޓާލުމަށް ބޭސް ބޭނުންކުރިއެވެ. މިކަމާ ގުޅިގެން މައިދައިތަ އޭނާއާ ދިމާލަށް ތިން ފަހަރެއްގެ މަތިން "ގާތިލެއް" ކަމަށް ބުނެ ހަޅޭއްލެވި ކަމަށް ޓްވިޝާ ބުނެފައިވެއެވެ. އަދި ބޭހުގެ ސަބަބުން ލިބެމުންދިޔަ ތަދާއި ވޭނަކީ "ޑްރާމާއެއް" ކަމަށް ސަމަރުތު ބުނި ކަމަށްވެސް އޭނާ ޝަކުވާކުރިއެވެ.
މަރުވި ދުވަހު (މޭ 12) ޓްވިޝާ ނިންމީ ބޯޕާލް ދޫކޮށް ދިއުމަށެވެ. އެދުވަހު ހެނދުނު ދެމަފިރިން ކައުންސެލިންއަށް ދިޔަ ނަމަވެސް، އެކަމުން އެދެވޭ ނަތީޖާއެއް ނުނިކުތެވެ. ރޭގަނޑު 9:20 ހާއިރު ޓްވިޝާ ރޮމުން އޭނާގެ ފަހަރިއަށް ގުޅައި، ސަމަރުތު އަނިޔާވެރިވަމުންދާ ކަމަށް ބުންޏެވެ. އަދި 9:36 ގައި "ހިތްހަމަޖެހުމާއެކު މަރުވިޔަދީ" އޭ ބުނެ މެސެޖު ފޮނުވިއެވެ.
ޓްވިޝާގެ ހަށިގަނޑު ދެ ފަހަރެއްގެ މަތިން ޕޯސްޓްމޯޓަމް ހެދިއެވެ. ފަހުން ހެދި ތަހުގީގުތަކުން ކަށަވަރުވީ އޭނާ މަރުވީ ދަންޖެހިގެން ކަމަށެވެ. ސީ.ބީ.އައި އިން ބުނާ ގޮތުގައި މިއީ ސީދާ މީހަކު މަރާލި މައްސަލައެއް ނޫން ނަމަވެސް، މިއީ ދިގު މުއްދަތަކަށް ދިން ނަފްސާނީ އަނިޔާތަކުގެ ސަބަބުން، އަމިއްލައަށް މަރުވުން ނޫން އެހެން ގޮތެއް ނެތިގެން ކުރި ކަމެކެވެ.
މި މައްސަލައިގެ ތަހުގީގު އަދިވެސް މުޅިން ނުނިމެއެވެ. ޓްވިޝާގެ އައިފޯނުން މައުލޫމާތު ނެގުމުގެ މަސައްކަތާއި، ސީ.ސީ.ޓީ.ވީ ފުޓޭޖްތަކަށް ބަދަލު ގެނެސްފައިވޭތޯ ބެލުމުގެ މަސައްކަތް ފޮރެންސިކް ލެބޯޓްރީގައި ދަނީ ކުރެވެމުންނެވެ. އަދި ރަންކިއުމާ ގުޅޭ ތުހުމަތުތައް އިތުރަށް ތަހުގީގު ކުރުމުގެ ހުއްދައަށް ސީ.ބީ.އައި އިން ވަނީ އެދިފައެވެ.


