ކެން-ބެޓްވާ މަޝްރޫއާ ދެކޮޅަށް އިހުތިޖާޖުކުރަނިކޮށް ބަޓްނާގަރ ހައްޔަރުކޮށްފި
ކެން-ބެޓްވާ ލިންކް ޕްރޮޖެކްޓް ހިންގަނީ ކޯރުތައް ގުޅުވައިލުމަށް
އިންޑިއާގެ މަދްޔަޕްރަދޭޝްގެ ފުލުހުން އާދީއްތަ ދުވަހުގެ ހެނދުނު، "ކެން-ބެޓްވާ" މަޝްރޫއާ ދެކޮޅަށް އިހުތިޖާޖު ކުރަމުންދިޔަ ލީޑަރު އަމިތު ބަޓްނާގަރާއި އިތުރު ބަޔަކު ހައްޔަރުކޮށްފިއެވެ. އެ މީހުން ހައްޔަރުކޮށްފައިވަނީ ޗައްތަރުޕޫރު ޑިސްޓްރިކްޓްގެ ކޫޕީ އަވަށުގައި އިހުތިޖާޖު ކުރަމުން ދަނިކޮށެވެ.
އަމިތު ބަޓްނާގަރާއިއެކު އެތައް ބަޔަކު ހައްޔަރު ކުރުމުން 44605 ކްރޯޑް ރުޕީސްގެ ބޮޑު މަޝްރޫއާ ދެކޮޅަށް ދެ ހަފުތާ ވަންދެން ކުރިއަށްދިޔަ ހަރަކާތްތަކަށް ވަނީ ނިމުމެއް އައިސްފައެވެ.
ބަޓްނާގަރު ހައްޔަރުކުރީ، ކެން-ބެޓްވާ ލިންކް މަޝްރޫއަށް ބިން ނެގުމާއި، މީހުން އަލުން އާބާދުކުރުމުގެ އިތުރުން، ބަދަލު ދިނުމުގައި ހުރި ކަމަށް ބުނާ މައްސަލަތަކާ ދެކޮޅަށް އަޑުއުފުލައި، ކާބޯތަކެތިން ދުރުވެ 14 ދުވަސް ވަންދެން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްގައި ހުއްޓައެވެ. އޭނާއަކީ މި އިހުތިޖާޖުތަކުގެ އެންމެ ކުރީ ސަފުގައި ހުރި މައިގަނޑު ޝަހުސިއްޔަތެވެ.
ކެން-ބެޓްވާ ލިންކް ޕްރޮޖެކްޓަކީ އިންޑިއާގައި ކޯރުތައް ގުޅުވައިލުމަށް ހިންގާ މިފަދަ ފުރަތަމަ މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން "ކެން" ކޯރުގެ ފެން "ބެޓްވާ" ކޯރާ ގުޅުވައިލުމަށް ހަމަޖެހިފައިވަނީ ދައުދާން ޑޭމާއި ކެނަލްތަކުގެ ޒަރީއާއިންނެވެ.
ކެން-ބެޓްވާ ލިންކް ޕްރޮޖެކްޓްގެ މައިގަނޑު މަގުސަދަކީ މަދްޔަޕްރަދޭޝްއާއި އުއްތަރުޕްރަދޭޝްގެ ސަރަހައްދުތަކަށް ދަނޑުވެރިކަމަށާއި، ބޯފެނުގެ އިތުރުން ކަރަންޓު އުފެއްދުމަށް ބޭނުންވާ ފެން ފޯރުކޮށްދިނުމެވެ. ނަމަވެސް، މި މަޝްރޫއުގެ ސަބަބުން ބައެއް އަވަށްތައް ފެނުގެ އަޑިއަށް ދާތީ، ގާތްގަނޑަކަށް 2000 އާއިލާ އެ ސަރަހައްދުތަކުން ބަދަލުކުރަން ޖެހުމަކީ މި އިހުތިޖާޖުތައް އުފެދެން މެދުވެރިވި މައިގަނޑު ސަބަބެވެ.
ފުލުހުންގެ ހާއްސަ ފައުޖުތަކުން ހަމަނުޖެހުންތައް ކޮންޓްރޯލްކުރާ ހެދުމުގައި އިހުތިޖާޖު ކުރަމުންދިޔަ ސަރަހައްދަށް ދިޔައިރު، ބަޓްނާގަރާއި އެހެނިހެން މީހުން ވަނީ ފުލުހުންނާ ދުރަށް ޖެހުމަށްޓަކައި ކޯރުގެ ތެރެއަށް ފައިބާފައެވެ. ފުލުހުން އެ މީހުންނަށް ނަސޭހަތްތެރިވެ، އިހުތިޖާޖު ހުއްޓައިލުމަށް އެދިފައިވެއެވެ.


