ގާނދީ 21 އާއި ވަންގޗުކް 21 : ހައިހޫނު ހަޅުތާލުގެ ނަތީޖާ ތަފާތު
ކަންބޮޑުވުންތަކާ މެދު ވިސްނާ ކަމުގެ އިޝާރާތެއް ވެސް ނުލިބޭ
އިންޑިއާގައި ކުރާ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ނަތީޖާ މީގެކުރީން ފެނެއެވެ. އިންޑިއާގައި އެންމެ ގިނައިން ބަނޑުހައި ހޫނު ކަމުގެ ހަޅުތާލު ކުރެއްވީ މަހާތުމާ ގާނދީއެވެ. ގާނދީ އެންމެ ގިނަ ދުވަހަށް ކުރެއްވި ހައިހޫނު ކަމުގެ ހަޅުތާލު ދެމިގެން ދިޔައީ 21 ދުވަހަށެވެ.
ތައުލީމީ ނިޒާމުގެ ކަންކަން ގޯސްވެގެން އެކަންކަން ހަމަޔަކަށް އަޅުވަން ސޯނަމް ވަންޗުކް ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ކުރާތާ މިހާރު 21 ދުވަސް ވީއެވެ. ހަޅުތާލާއި ގުޅިގެން އެއްވެސް ހެޔޮބަދަލެއް ނާންނަތާ ކަންބޮޑުވުންތަކާ މެދު ވާހަކަ ދެއްކުމަށްވެސް ސަރުކާރުން ވިސްނާ ކަމުގެ އިޝާރާތެއް ވެސް ނުލިބެއެވެ. ކުޑަ މިނުން ތައުލީމީ ވަޒީރު އިސްތިއުފާވެސް ނުދިނެވެ. އެކަމަކު އެއީ މަހާތުމާ ގާނދީ ބިނާކުރެއްވި ޑިމޮކްރެޓިކް އިންޑިއާއެވެ.
މަހާތުމާ ގާނދީއަކީ އިންޑިއާއަށްޓަކާ އެމަނިކުފާނުގެ ހަޔާތްޕުޅުގައި އެކި މަގުސަދުތަކަށްޓަކައި ގިނަގުނަ ބަނޑުހައިހޫނުކަމުގެ ހަޅުތާލުތަކެއް ކުރެއްވި ބޭފުޅެކެވެ. މީގެ ތެރޭގައި ހިންދޫންނާއި މުސްލިމުންގެ އެއްބައިވަންތަކަމާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ ނުރަނގަޅު އިޖުތިމާއީ އާދަކާދަތައް ނައްތާލުން ހިމެނެއެވެ. ގާނދީ އެންމެ ގިނަ ދުވަހު ކުރެއްވި ހަޅުތާލު ބަރާބަރު 21 ދުވަހަށް ދެމިގެންދިޔައެވެ.
މަހާތުމާ ގާނދީ ކުރެއްވި ބަނޑުހައިހޫނުކަމުގެ ހަޅުތާލުތަކުގެ ތެރޭގައި 1932 ވަނަ އަހަރު ވަކިވަކި ހޮވާލެވޭ ބަޔަކަށް އިންތިހާބީ ދާއިރާތައް ކަނޑައެޅުމާ ދެކޮޅަށް 6 ދުވަހުގެ ހަޅުތާލު ފާހަގަ ކޮށްލެވެއެވެ. 1948 ވަނަ އަހަރު ދިއްލީގައި ސުލްހަ ގާއިމުކުރުމަށް ވެސް 5 ދުވަހުގެ ހަޅުތާލެއް ކުރެއްވިއެވެ. ގާނދީގެ ސިޔާސީ ހަޔާތްޕުޅުގައި މަދުވެގެން 15 އާއި 18 އާ ދެމެދުގެ އަދަދަކަށް ބޮޑެތި ހަޅުތާލުތައް ކުރައްވާފައިވެއެވެ. ހަޅުތާލުތަކުގެ ހެޔޮ ނަތީޖާ އިންޑިއާ ރައްޔިތުންނަށް މިހާރުވެސް ހުރީ ލިބިލިބިއެވެ.
ސުލްހަ މަސަލަސްކަން ގާއިމުކުރުމަށާއި، އިނގިރޭސި އިސްތިއުމާރާ ދެކޮޅަށް އަދި އިޖުތިމާއީ ބޭއިންސާފާ ދެކޮޅަށް ގާނދީ ޖުމްލަ ބޮޑު 17 ހަޅުތާލެއް ކުރެއްވިއެވެ. އެންމެ ދިގު މުއްދަތަކަށް ކުރެއްވި 21 ދުވަހުގެ ހަޅުތާލެކެވެ.
ގާނދީގެ އެންމެ ފާހަގަކޮށްލެވޭ ބައެއް ހަޅުތާލު
- އެންމެ ދިގު ހަޅުތާލުތައް (21 ދުވަސް):
- 1924 (ދިއްލީ): ހިންދޫންނާއި މުސްލިމުންގެ މެދުގައި ހިނގި ނުރައްކާތެރި ހަމަނުޖެހުންތަކާ ގުޅިގެން އެއްބައިވަންތަކަން ގާއިމުކުރުމަށް ކުރެއްވި ހަޅުތާލު.
- 1933 (ޔެރްވަޑާ ޖަލު): " ދަލިތުން" ގެ ހައްގުތަކަށް ތާއީދުކޮށް، އެމީހުންނާ މެދު ކުރެވޭ ތަފާތުކުރުންތަކާ ދެކޮޅަށް ކުރެއްވި ހަޅުތާލު.
- 1943 (އާގާހާން ޕެލެސް): "ކުއިޓް އިންޑިއާ" ހަރަކާތުގެ ތެރޭގައި އިނގިރޭސި ސަރުކާރުން މަޝްވަރާކުރަން ދެކޮޅު ހެދުމުން އެކަމާ ދެކޮޅަށް ކުރެއްވި ސިޔާސީ ހަޅުތާލު.
މުހިންމު ކުރު ހަޅުތާލުތައް
- 1918 (އަހުމަދުއާބާދު) – 3 ދުވަސް: މިއީ އިންޑިއާގައި މަހާތުމާ ގާނދީ ކުރެއްވި ފުރަތަމަ ބަނޑުހައިހޫނުކަމުގެ ހަޅުތާލެވެ. މިއީ ފޭރާން އުފައްދާ ފެކްޓަރީތަކުގެ މަސައްކަތްތެރިންގެ މުސާރަ ބޮޑުކުރުމަށް ކުރި އިހުތިޖާޖަށް ތާއީދުކޮށް ކުރެއްވި ކަމެކެވެ.
- 1932 (ޔެރްވަޑާ ޖަލު) – 6 ދުވަސް: ދަށް ފަންތީގެ މީހުންނަށް ވަކި އިންތިހާބީ ދާއިރާތަކެއް ކަނޑައެޅުމާ ދެކޮޅަށް ކުރެއްވި "މަރުވަންދެން ކުރެއްވި ހަޅުތާލު". މި ހަޅުތާލު ނިމުނީ ދަލިތުންނަށް އިންތިހާބީ ގޮނޑިތައް ކަށަވަރުކޮށްދިން "ޕޫނާ ޕެކްޓް" އެއްބަސްވުމާއެކުގައެވެ.
- 1947 (ކަލްކަތާ) – 73 ގަޑިއިރު: އިންޑިއާއަށް މިނިވަންކަން ލިބުނުތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބެންގާލްގައި ހިނގި ބިރުވެރި ދީނީ ހަމަނުޖެހުންތައް ހުއްޓުވުމަށް ކުރެއްވި ހަޅުތާލު.
- 1948 (ދިއްލީ) – 5 ދުވަސް: މިއީ ގާނދީގެ އެންމެ ފަހު ހަޅުތާލެވެ. މި ހަޅުތާލުގެ މަގުސަދަކީ ދިއްލީގައި ސުލްހަ ގާއިމުކުރުމާއި، ގައުމު ބައިކުރުމާ ގުޅިގެން ޕާކިސްތާނަށް ދޭންޖެހޭ ފައިސާ ދިނުމަށް އިންޑިއާ ސަރުކާރަށް ބާރުއެޅުމެވެ. މި ހަޅުތާލު ހުއްޓާލެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަހާތުމާ ގާނދީ އަވަހާރަ ކޮށްލެވުނެވެ.


