ވޯލްޑް ކަޕުން ވިދާލި ކާބޯ ވާޑޭ | ނުދާވަރެއް ނޫން
މިނިވަންކަން ލިބުނީ 1975ގައި | މަލްޓިޕާޓީ ނިޒާމް ތައާރަފުވީ 1992ގައި
އާޖެންޓީނާއާއި ދެކޮޅަށް ވަރުގަދަ ކުޅުމެއްކުޅެ 2026 ވޯލްޑް ކަޕުން ދުނިޔެއަށް މަޝްހޫރު ވެގެން ދިޔަ ކާބޯ ވަރޑޭއެެވެ. ކާބޯ ވާޑޭ ނުވަތަ ކޭޕް ވާޑް ޖަޒީރާތަކަކީ ތަބީއީ ވަސީލަތްތައް މަދު، ހަނަފަސްކަން ބޮޑު އަދި ދަނޑުވެރިކަން ކުރެވޭނެ ބިން މަދު ގައުމެއް ނަމަވެސް ފަތުރުވެރިކަމަށް ފައްކާވަމުން އަންނަ ގައުމެކެވެ. ކާބޯ ވާޑޭ އަކީ ސިޔާސީ އަދި އިގްތިސާދީ ގޮތުން ހަމަޖެހުން ގާއިމުކޮށްފައިވާ ގައުމެއްގެ ގޮތުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ގައުމެކެވެ.
ކުރިން ޕޯޗުގީޒުންގެ އިސްތިއުމާރުގެ ދަށުގައި އޮތް އެ ގައުމު އެކުލެވިގެންވަނީ ހެޔޮވަރުގެ 10 ރަށާއި ފަސް ކުޑަކުޑަ 5 ރަށުގެ މައްޗަށެވެ. މީގެ ތެރެއިން ތިން ރަށް ފިޔަވައި އެހެން ހުރިހާ ރަށަކީ ފަރުބަދަ ގިނަ ރަށްތަކެކެވެ. މި ޖަޒީރާ ގައުމު އޮންނަނީ އެފްރިކާގެ ހުޅަނގު އައްސޭރިން ގާތްގަނޑަކަށް 500 ކިލޯމީޓަރު ބޭރުގައެވެ. އެއްދުވަސްވަރެއްގައި މި ގައުމަކީ ބައިނަލްއަގުވާމީ އަޅުންގެ ވިޔަފާރީގެ މުހިންމު މަރުކަޒެކެވެ.
20 ވަނަ ގަރުނުގެ ތެރޭގައި ކުރިމަތިވި ނުރައްކާތެރި ހަނަފަސްކަމުގެ ސަބަބުން 200000 މީހުން މަރުވެ، ގިނަ ބަޔަކު ގައުމު ދޫކޮށް ހިޖުރަކުރިއެވެ. މިއަދު އެ ގައުމުގައި ދިރިއުޅޭ މީހުންނަށްވުރެ ބޭރު ގައުމުތަކުގައި ދިރިއުޅޭ ކާބޯ ވަރޑޭގެ ދަރިކޮޅުގެ މީހުންގެ އަދަދު އިތުރެވެ. ބޭރުގައި އުޅޭ މީހުން ގައުމަށް ފޮނުވާ ފައިސާއަކީ ގައުމުގެ އިގްތިސާދަށް ބޭނުންވާ ބޭރު ފައިސާ ހޯދުމަށް އޮތް މުހިންމު ވަސީލަތެކެވެ.
ރެޕަބްލިކް އޮފް ކާބޯ ވަރޑޭ

މުހިންމު މައުލޫމާތު
- ވެރިރަށް: ޕްރާޔާ
- ބޮޑުމިން: 4,033 އަކަކިލޯމީޓަރު
- އާބާދީ: 561900
- ބަސް: ޕޯޗުގީޒް، ކާބޯ ވަރޑިއަން ކްރިއޯލް
- އުމުރުގެ ނިސްބަތް: ފިރިހެނުން 69 އަހަރު، އަންހެނުން 77 އަހަރު
- ވެރިޔާ: ރައީސް
ހޯޒޭ މާރިއާ ނޭވޭސް

2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވީ ކެންޑިޑޭޓް ހޯޒޭ މާރިއާ ނޭވޭސް އެވެ. މިއާއެކު، އޭގެ ކުރިން 10 އަހަރު ވަންދެން ވެރިކަން ކުރި އެމް.ޕީ.ޑީ ޕާޓީގެ ދައުރު ނިމުމަކަށް އައެވެ.
ރައީސް ނޭވޭސް އަކީ 2000 އިން 2016 އަށް އެ ގައުމުގެ ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ ކޯވިޑް-19 އާ ގުޅިގެން ކުރިމަތިވި އިގްތިސާދީ ހީނަރުކަމަށްފަހު، ފަތުރުވެރިކަމަށް ބިނާވެފައިވާ އެ ގައުމުގެ އިގްތިސާދު އަލުން ކޮޅަށް ޖަހައި ހަމަޖެހުން ގާއިމުކުރުމެވެ.
1975 ވަނަ އަހަރު ޕޯޗުގީޒުންގެ ކިބައިން މިނިވަންކަން ލިބުނީއްސުރެ، އެ ގައުމުގެ ސިޔާސީ މައިދާނުގައި އެންމެ ބޮޑު ދައުރެއް އަދާކުރަމުން އަންނަނީ ޕީ.އޭ.އައި.ސީ.ވީ އަދި އެމް.ޕީ.ޑީ ޕާޓީއެވެ. 1992 ވަނަ އަހަރު ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރަސީ ތައާރަފުވީއްސުރެ، މި ދެ ޕާޓީ ދަނީ ބަރާބަރަށް ވެރިކަން ބަދަލުކުރަމުންނެވެ.
މީޑިއާ

ރިޕޯޓަރސް ވިތައުޓް ބޯޑާސް އިން ފާހަގަކުރާ ގޮތުގައި، ނޫސްވެރިންނަށް އޮތް ގާނޫނީ ރައްކާތެރިކަމުގެ ގޮތުން ކާބޯ ވަރޑޭ އަކީ އެ ސަރަހައްދުގައި ފާހަގަކޮށްލެވޭ ގައުމެކެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ގާނޫނުއަސާސީން ވަނީ ކަށަވަރުކޮށްދީފައެވެ.
ގައުމުގެ ގިނަ މީޑިއާތަކަކީ ދައުލަތުން ހިންގާ ވަސީލަތްތައް ނަމަވެސް، އަމިއްލަ ނޫސްތަކާއި ބްރޯޑްކާސްޓަރުން ވެސް ހަރަކާތްތެރިވެއެވެ. އެ ގައުމުގައި ފަސް ޓީވީ ނެޓްވޯކާއި ގާތްގަނޑަކަށް 10 ރޭޑިއޯ ސްޓޭޝަން ހުރެއެވެ.

ތާރީހީ ވަގުތުރޮނގު:
- 1462 - ޕޯޗުގީޒުން ސަންޓިއާގޯއަށް ފޭބިއެވެ. ޔޫރަޕްގެ މީހުން އައުމުގެ ކުރިން މި ޖަޒީރާތަކުގައި އެއްވެސް ބަޔަކު ދިރިއުޅެފައެއް ނުވެއެވެ. ކޭޕް ވާޑް ވެގެންދިޔައީ ދަރާއި ރަމް (ރަލުގެ ބާވަތެއް) އަދި ފޭރާން ފަދަ އަގުހެޔޮ މުދަލުގެ ވިޔަފާރިކުރާ މަރުކަޒަކަށެވެ. އަދި އެޓްލާންޓިކް ކަނޑުގެ އަޅުންގެ ވިޔަފާރީގައި މި ގައުމު މުހިންމު ދައުރެއް އަދާކުރިއެވެ.
- 1495 - ޕޯޗުގީޒް ރަސްކަމުގެ ދަށުގައި އޮތް އިސްތިއުމާރީ ރަށަކަށް ބަދަލުވިއެވެ.
- 1956 - ކޭޕް ވާޑްގެ ރަށްވެއްސެއް ކަމަށްވާ އަމިލްކާރު ކަބްރާލް، ގިނީ-ބިސާއޫގައި "އެފްރިކަން ޕާޓީ ފޯ އިންޑިޕެންޑެންސް އޮފް ގިނީ އެންޑް ކޭޕް ވާޑް" އުފެއްދުމުގައި ބައިވެރިވިއެވެ.
- 1960 - ގިނީ-ބިސާއޫގައި ޕޯޗުގީޒުންގެ އިސްތިއުމާރާ ދެކޮޅަށް ކުރި މިނިވަންކަމުގެ ހަނގުރާމައިގައި ކޭޕް ވާޑްގެ ގިނަ ބަޔަކު ބައިވެރިވިއެވެ. މި ހަރަކާތް ކުރިއަށް ގެންދިޔައީ PAIGC އިންނެވެ.
- 1975 - ކޭޕް ވާޑަށް މިނިވަންކަން ލިބި، ގިނީ-ބިސާއޫއާ އެކު އެއް ގައުމެއްގެ ގޮތުގައި އޮތުމަށް މަގުފަހިވާ ގޮތަށް ގާނޫނުއަސާސީ އެކުލަވައިލިއެވެ.
- 1980 - ގިނީ-ބިސާއޫއަށް އައި ބަގާވާތަކާ ގުޅިގެން، އެ ގައުމާ ގުޅުމަށް ކޭޕް ވާޑުން ރޭވި ރޭވުންތައް ދޫކޮށްލިއެވެ.
- 1981 - "އެފްރިކަން ޕާޓީ ފޯ ދަ އިންޑިޕެންޑެންސް އޮފް ކޭޕް ވާޑް" އުފެދި، އެއީ ގައުމުގެ ހަމައެކަނި ސިޔާސީ ޕާޓީ ކަމުގައި ހަމަޖެހުނެވެ.
- 1992 - އައު ގާނޫނުއަސާސީއަކާއެކު ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް ތައާރަފުކުރިއެވެ.
- 2007 - ދުނިޔޭގެ ވިޔަފާރި ޖަމްއިއްޔާ ގެ ކައުންސިލުން، އެ ޖަމްއިއްޔާގެ މެންބަރަކަށް ވުމަށް ކޭޕް ވާޑުން ހުށަހެޅި ހުށަހެޅުން ފާސްކުރިއެވެ.
- 2013 - އެހެން ބަސްބަހުން ގައުމުގެ ނަން ބޭނުންކުރާއިރު ވެސް، ގައުމުގެ ރަސްމީ ނަމުގެ ބައެއްގެ ގޮތުގައި ޕޯޗުގީޒް ބަހުން ކިޔާ ނަން ކަމަށްވާ "ކާބޯ ވަރޑޭ" ބޭނުންކުރުމަށް އެ ގައުމުގެ ސަރުކާރުން އެދުނެވެ.


