ދުނިޔޭގައި ބޮޑެތި ކުށްކުރާ އިންޑިއާ ގްރޫޕެއްގެ ލީޑަރަކަށް ދައުވާކޮށްފި
ޖިނާއީ ތިން ނެޓްވޯކަކަށް ނިސްބަތްވާ 37 މީހަކަށް ކުށުގެ ތުހުމަތު
ކެނެޑާގެ ސިކް މުޖުތަމައުގެ އިސް ލީޑަރަކު އަވަހާރަކޮށްލި މައްސަލައާ ގުޅިގެން، ކުށްކުރާ އިންޑިއާ ގްރޫޕެއްގެ އިސްވެރިޔާއަށް ދައުވާ އުފުލާފައިވާކަން ކަމާބެހޭ އިދާރާތަކުން މިދިޔަ އަންގާރަ ދުވަހު ހާމަކޮށްފިއެވެ. މި ހާދިސާއަކީ އޭރު ކެނެޑާ އާއި އިންޑިއާގެ ސިޔާސީ އަދި ހާރިޖީ ގުޅުމަށް ބޮޑެތި ބުރޫތަކެއް އެރި މައްސަލައެކެވެ.
މި ދައުވާތަކަކީ އެމެރިކާ، ކެނެޑާ އަދި ޔޫރަޕްގެ ތަންފީޒީ އިދާރާތައް ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނެއްގެ ބައެކެވެ. މި އޮޕަރޭޝަނުގައި އިންޑިއާގެ ބައިނަލްއަގުވާމީ ޖިނާއީ ތިން ނެޓްވޯކަކަށް ނިސްބަތްވާ 37 މީހަކަށް ތުހުމަތުތައް ކޮށްފައިވެއެވެ. މި ގްރޫޕްތަކަކީ މީހުން ރަހީނުކުރުމާއި، ފޭރުމާއި، ބިރުދެއްކުމާއި، ހަތިޔާރުގެ ވަގުވިޔަފާރިއާއި، މަސްތުވާތަކެތީގެ ވިޔަފާރީގެ އިތުރުން މީހުން މެރުމުގެ އަމަލުތައް ހިންގާ ބައެއް ކަމަށް އެމެރިކާގެ އެޓާނީ ބިލް އެސައިލީ ވިދާޅުވިއެވެ.
އެމެރިކާގެ އެޓާނީ ބިލް އެސައިލީ އެ ވާހަކަދެއްކެވީ އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ހިއްސާކުރެއްވުމަށް ލޮސް އެންޖެލިސް ފުލުހުންނާއި، އެފް.ބީ.އައި އަދި ކެނެޑާގެ ފުލުހުންގެ އިސް އޮފިޝަލުންނާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މައްސަލާގައި ހިމެނޭ މީހުންގެ ތެރެއިން އެމެރިކާގައި އުޅޭ 7 މީހަކާއި، އިންޑިއާގައި އުޅޭ 2 މީހަކާއި، ޔޫރަޕްގައި އުޅޭ އެކަކު ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.
އެފް.ބީ.އައިގެ ލޮސް އެންޖެލިސް އޮފީހުގެ އެސިސްޓަންޓް ޑައިރެކްޓަރ ޕެޓްރިކް ގްރޭންޑީ ވިދާޅުވި ގޮތުގައި، މި ގްރޫޕްތަކުގެ ސަބަބުން ކެލިފޯނިއާ އާއި އެހެނިހެން ގައުމުތަކުގައި ދިރިއުޅޭ އިންޑިއާ ދަރިކޮޅުގެ މީހުންގެ މެދުގައި ބިރުވެރިކަމާއި ނުތަނަވަސްކަން ވަނީ އުފެދިފައެވެ.
2023 ވަނަ އަހަރު ކެނެޑާގެ ފައްޅިއެއްގެ ބޭރުގައި ސިކުންގެ މިނިވަންކަމަށް މަސައްކަތްކުރާ ހަރުދީޕް ސިންގް ނިޖާރް އަވަހާރަކޮށްލުމުގެ މާސްޓަރ މައިންޑުންނަކީ އުމުރުން 33 އަހަރުގެ ލޯރެންސް ބިޝްނޯއީ އާއި އޭނާގެ ރަހުމަތްތެރިޔާ ސަޓިންދަރުޖީތު ސިންގް ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ ނިޖާރްގެ މަރާ އިންޑިއާ ސަރުކާރާ ގުޅުމެއް އޮތް ކަމުގެ "އިތުބާރު ހުރި ހެކި" ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ. މިކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ. ބިޝްނޯއީ މިހާރު ހުރީ ބަންދުގައެވެ. ނަމަވެސް ސިންގް އަދި އަތުލައިގަނެވިފައެއް ނުވެއެވެ. ބިޝްނޯއީގެ ޖަމާއަތަކީ ބޮޑެތި އަދަދުތަކުން ފައިސާ ހޯދުމަށްޓަކައި ދީނީ، އިޖުތިމާއީ އަދި ސިޔާސީ އިސް ފަރާތްތަކަށް އަމާޒުކޮށް ހަމަލާދޭ ބައެއް ކަމަށް ބުނެފައިވެއެވެ.
އުމުރުން 45 އަހަރުގައި އަވަހާރަވި ނިޖާރަކީ "ހާލިސްތާން" ގެ ނަމުގައި ސިކުންގެ ވަކި ދައުލަތެއް އުފެއްދުމަށް މަސައްކަތްކުރާ ހަރަކާތުގެ އިސް މެންބަރެކެވެ. އޭނާ ދިޔައީ "ސިކްސް ފޯ ޖަސްޓިސް" ޖަމާއަތާ ގުޅިގެން އެކަމާ ގުޅޭ ރެފަރެންޑަމެއް ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ. އިންޑިއާގައި އުފަންވި ނަމަވެސް ކެނެޑާގެ ރައްޔިތެއްގެ ގޮތުގައި ހުރި ނިޖާރަކީ އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ހޯދަމުންދިޔަ މީހެކެވެ.
ކެނެޑާއަކީ އިންޑިއާއިން ބޭރުގައި އެންމެ ގިނަ އަދަދަކަށް ސިކުން ދިރިއުޅޭ ގައުމެވެ. ސިކުންގެ ހަރަކާތްތަކުގެ ސަބަބުން އިންޑިއާ އާއި ކެނެޑާގެ ގުޅުން ގޯސްވެފައި އޮންނާތާ އަހަރުތަކެއް ވެއްޖެއެވެ. "ޓެރަރިސްޓުންނާއި ހަރުކަށި ފިކުރުގެ މީހުންނަށް" ކެނެޑާއިން ފުރުސަތުދޭ ކަމަށް އިންޑިއާއިން ތަކުރާރުކޮށް ތުހުމަތުކުރެއެވެ. މި މައްސަލައިގެ ތެރޭގައި ދެ ގައުމުން ވެސް ވަނީ އެއް ގައުމުން އަނެއް ގައުމަށް ކަނޑައަޅާފައި ތިބި ޑިޕްލޮމެޓުން ބޭރުކޮށްލާފައެވެ.
ދެ އަހަރު ދުވަހުގެ ތަހުގީގަށްފަހު، މިފަދަ ޖިނާއީ އަމަލުތައް ހިންގާ އިތުރު ދެ ޖަމާއަތެއްގެ ނަން ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. މި ބައިނަލްއަގުވާމީ ޖަމާއަތްތަކުގެ މެންބަރުން އެމެރިކާ، ނިއުޒީލަންޑް، އޮސްޓްރޭލިއާ، ޕޯޗުގަލް އަދި އިނގިރޭސިވިލާތުގައި އުޅެމުންދެއެވެ. މީގެ އިތުރުން، އެހެން ޖިނާއީ ގްރޫޕްތަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަގަށް ނަގައި، އެތަކެތި އެމެރިކާ އާއި ކެނެޑާގެ އެކި ހިސާބުތަކުގައި ވިއްކާ ކަމުގެ ތުހުމަތު ވެސް މި މީހުންގެ މައްޗަށް ކުރެވެއެވެ.
ދައުވާގެ ލިޔުންތަކުގައިވާ ގޮތުން، ތުހުމަތުކުރެވޭ ބައެއް މީހުން އިންޑިއާގެ ކޮރަޕްޓް އޮފިޝަލުންގެ ބޭނުންކޮށްގެން އެމީހުންގެ ވާދަވެރިންނަށް އަދަބުދީ، ބިރުދައްކާފައިވެއެވެ. އަދި އެކަކު އިމިގްރޭޝަން ބަންދުގައި ހުރެގެން ވެސް ޖިނާއީ އަމަލުތައް ރާވައި ހިންގާފައިވާ ކަމަށް ބުނެފައިވެއެވެ.
ބިޝްނޯއީގެ ވަކީލެއްގެ މައުލޫމާތު އަދި ހާމަވެފައެއް ނުވެއެވެ.
ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި މި އޮޕަރޭޝަނަކީ ބައިނަލްއަގުވާމީ ފެންވަރުގައި ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމުގެ ރީތި ނަމޫނާއެކެވެ.
"އެމެރިކާ، ކެނެޑާ، ޔޫރަޕް އަދި އޭޝިއާގެ ތަންފީޒީ އިދާރާތައް ގުޅިގެން، މިފަދަ ޖިނާއީ ޖަމާއަތްތައް ހިންގާ ކޮންމެ ތަނެއްގައި ވެސް އެބައިމީހުން ހޯދައި، އެ ނެޓްވޯކްތައް ނައްތާލުމަށް އަޅުގަނޑުމެން މިތިބީ ސާބިތުކަމާއެކު،" އެސައިލީ ވިދާޅުވިއެވެ.


