އިންސްޓަގްރާމުން ފީނަގައިގެން ކުޑަކުދިންނަށް ޖިންސީގޯނާކުރުން އިސްތިހާރު ކުރާކަން ފަޅާއަރުވާލައިފި
އިންޑިއާގައި އިންސްޓަގްރާމުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ހިމެނޭ ތަކެތި އިޝްތިހާރު ކުރާކަން ފަޅާއަރުވާލީ ބީބީސީން
ބީބީސީ އައި އިން ކުރިއަށްގެންދިޔަ ތަހުގީގަކުން ހާމަވިގޮތުގައި، އިންޑިއާގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ހިމެނޭ ތަކެތި އިޝްތިހާރު ކުރުމަށް އިންސްޓަގްރާމުން ފައިސާ ނަގައިގެން އިޝްތިހާރުތައް ދައްކަމުންދެއެވެ.
ބީބީސީ ވޯލްޑް ސަރވިސްއަށް ފެނިފައިވާ މި އިޝްތިހާރުތަކުގައި "ރޭޕް ވީޑިއޯ" އަދި "ޗައިލްޑް ވީޑިއޯ" ފަދަ ލަފުޒުތައް ބޭނުންކޮށްފައިވެއެވެ. އަދި މި އިޝްތިހާރުތަކުން މެސެޖިންގ އެޕްލިކޭޝަން "ޓެލެގްރާމް" ގެ ޗެނަލްތަކަށް ލިންކު ކޮށްފައިވާއިރު، އެތަންތަނުން އެފަދަ ވީޑިއޯތައް އެންމެ 99 ރުޕީސް (ގާތްގަނޑަކަށް 18 ދިވެހި ރުފިޔާ) އަށް ގަނެވެން ހުރެއެވެ.
މި ތަހުގީގީ ރިޕޯޓު ޝާއިއުކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، އިންޑިއާ ސަރުކާރުން ވަނީ އިންސްޓަގްރާމްގެ ބެލެނިވެރި ކުންފުނި "މެޓާ" ގެ މަންދޫބުން މިކަމާ ގުޅޭގޮތުން ސުވާލުކުރުމަށް ހާޒިރުކޮށްފައެވެ.
އާންމުގޮތެއްގައި އިންސްޓަގްރާމްގައި އިޝްތިހާރުތައް ޝާއިއުކުރެވެނީ އެ ކުންފުނީގެ އޮޓޮމޭޓެޑް ސިސްޓަމްތަކުން އެ ތަކެތި ރިވިއުކޮށް ހުއްދަ ދިނުމަށްފަހުގައެވެ.
ބީބީސީން މިފަދަ އެއް އިޝްތިހާރު ރިޕޯޓުކުރުމުން، އިންސްޓަގްރާމުން 24 ގަޑިއިރު ފަހުން ޖަވާބުދީފައިވަނީ އެ އިޝްތިހާރުން އެ ކުންފުނީގެ "ކޮމިއުނިޓީ ގައިޑްލައިންސް" އާ ހިލާފުނުވާ ކަމަށެވެ.
ނަމަވެސް ފަހުން މިކަމާ ގުޅޭގޮތުން ބީބީސީން ސުވާލުކުރުމުން، މެޓާއިން ބުނީ މިހާރު ބައެއް އިޝްތިހާރުތައް ނައްތާލައި، އެފަދަ ތަކެތި ޕޯސްޓުކުރި އެކައުންޓުތައް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި ބީބީސީގެ ހޯދުންތަކާ ގުޅިގެން އިތުރު އިޝްތިހާރުތަކާއި ލިންކުތައް ބްލޮކްކޮށްފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ޓެލެގްރާމުން ބުނި ގޮތުގައި 2024 ވަނަ އަހަރު ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ހިމެނޭ 274000 އަށްވުރެ ގިނަ ގްރޫޕާއި ޗެނަލް ވަނީ ނައްތާލާފައެވެ.
ބީބީސީން އިންސްޓަގްރާމްގައި އަލިފާސް (alias) އެކައުންޓެއް ހެދީ، ބައެއް ފަހަރު ސާޗް ނުކުރި ކަމުގައިވިޔަސް ޖިންސީ ކަންކަމަށް ހިތްޖެހޭ ފަދަ ކޮންޓެންޓް އިންސްޓަގްރާމުން ފެންނަކަން ފާހަގަވުމުންނެވެ. އޭގެ ތެރޭގައި އިންޑިއާގެ އަންހެނުން ކާބޯތަކެއްޗާއި މޫސުމާ ބެހޭގޮތުން ކުރާ ޕޯސްޓުތަކުގައި ނިވާކަން ކުޑަ ހެދުން އަޅައިގެން ތިބެ ޖިންސީ މާނަ ދޭހަވާ ފަދަ ވާހަކަތައް ހިމެނެއެވެ.
ބީބީސީގެ މި ތަހުގީގަށް ހެދި އެކައުންޓުން އެފަދަ 10 އަންހެނަކަށް ފޮލޯކުރަން ފެށުމުން، އެއް ހަފުތާ ނުވަނީސް އިންސްޓަގްރާމްގެ ފީޑުން ފެންނަން ފެށީ އަންހެނުންނާއެކު ވީޑިއޯ ކޯލް ކުރެވޭނެ ކަމަށް ބުނާ އިޝްތިހާރުތަކާއި، ކަނޑައެޅިގެން ބަރަހަނާ މަންޒަރުތައް ހިމެނޭ އިޝްތިހާރުތަކެވެ.
އޭގެ ދުވަސްކޮޅެއް ފަހުން، ކުޑަކުދިންނާއެކު ބޮޑެތި މީހުން ޖިންސީ ގުޅުން ހިންގާ މަންޒަރުތައް ދޭހަވާ ފަދަ އިޝްތިހާރުތައް ފެންނަން ފެށިއެވެ. މިފަދަ ޖުމްލަ 30 ތަފާތު އިޝްތިހާރެއް ފެނިފައިވެއެވެ. މީގެ އިތުރުން ބޮޑެތި މީހުންގެ ބަރަހަނާ ފިލްމުތައް ހިމެނޭ 20 ވަރަކަށް އިޝްތިހާރުވެސް ފެނިފައިވެއެވެ.
ކުޑަކުދިންގެ ޖިންސީ ފޮޓޯއާއި ވީޑިއޯ އަދި ބަރަހަނާ ތަކެތި ފެތުރުމަކީ އިންޑިއާގެ ގާނޫނުތަކުގެ ދަށުން ބޮޑު ކުށެކެވެ. އަދި މެޓާގެ އަމިއްލަ ސިޔާސަތު ބުނާގޮތުން ވެސް ކުޑަކުދިން ނުރައްކަލަށް ހުށަހެޅޭ ފަދަ ނުވަތަ ބަރަހަނާ މަންޒަރު ހިމެނޭ އެއްވެސް އިޝްތިހާރެއް ނުފެންނާނެއެވެ. ބީބީސީން ވަނީ މި ހުރިހާ އިޝްތިހާރުތަކާއި ޓެލެގްރާމް ޗެނަލްތަކުގެ މައުލޫމާތު އިންޑިއާގެ ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްފައެވެ.
ފެނުނު ބައެއް އިޝްތިހާރުތަކުގެ ތެރޭގައި ގާތްގަނޑަކަށް 12 އަހަރުގެ ދެ ކުދިން ޖިންސީ އަމަލެއް ހިންގާ މަންޒަރާއި، 52 އަހަރުގެ ފިރިހެނަކު 12 އަހަރުގެ އަންހެން ކުއްޖަކާއެކު ހުރެ، އިތުރު މަންޒަރުތައް ބަލަން ޓެލެގްރާމަށް ވަނުމަށް ބުނާ އިޝްތިހާރުތައް ހިމެނެއެވެ.
މިކަމާ ގުޅޭގޮތުން މެޓާއިން ބުނީ އެއްވެސް ސިސްޓަމަކީ ފުރިހަމަ ސިސްޓަމެއް ނޫން ކަމަށާއި، ބައެއް ފަހަރު އުސޫލުތަކާ ހިލާފުވާ ތަކެތި ދެނެގަތުމުގައި ނާކާމިޔާބު ވެދާނެ ކަމަށެވެ. އަދި އިޝްތިހާރުތައް ޝާއިއުވުމަށް ފަހުވެސް އެ ތަކެތި މޮނިޓަރ ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މެޓާގެ ކުރީގެ ވައިސް ޕްރެޒިޑެންޓެއް ކަމަށްވާ ބްރަޔަން ބޮލޭންޑް ބުނި ގޮތުގައި ބީބީސީގެ މި ހޯދުންތަކުން އޭނާއަށް ލިބުނީ ހައިރާންކަމެއް ނޫނެވެ. ބޮޑު ސިހުމެކެވެ. އޭނާ ބުނީ އިންސްޓަގްރާމްގެ އެލްގޮރިދަމް ފަރުމާކޮށްފައިވަނީ މީހުން ގިނަ ވަގުތު އެޕްގައި ބޭތިއްބުމަށް ކަމަށާއި، އޭގެ ސަބަބުން ކޮންމެ ފަދަ ނުރައްކާތެރި އެއްޗެއް ދައްކައިގެން ނަމަވެސް އާމްދަނީ ހޯދުމަށް އެ ކުންފުނިން އިސްކަންދޭ ކަމަށެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުގެ ރިޓަޔަރޑް ފަނޑިޔާރު މަދަން ލޯކުރް ވިދާޅުވި ގޮތުގައި މިއީ ވަރަށް ސީރިއަސް މައްސަލައެކެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ޖިނާއީ ކުށްތަކަށް މަގުފަހިވާ ކަންކަމުން ފައިދާ ހޯދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިކަމުގައި އެ ކުންފުނިތަކުން ޒިންމާ އުފުލަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މައްސަލައާ ގުޅިގެން މެޓާއިން ބުނެފައިވަނީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއަކީ ބޮޑު ކުށެއް ކަމަށާއި، އެކަމާ ދެކޮޅަށް އެ ކުންފުނިން ހަރުކަށި ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އަދި 2025 ވަނަ އަހަރު އެކަނިވެސް ޝައްކު ކުރެވޭ ހަރަކާތްތައް ހިންގި 4 މިލިއަނަށްވުރެ ގިނަ އެކައުންޓު އޮޓޮމޭޓެޑްކޮށް ބްލޮކްކޮށްފައި ވާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.


