ޑްރޭގަންސް ޓްރޭންގަލް: ސިއްރުން ފުރިފައިވާ ޑެވިލްސް ސީ
ގޮތްނޭނގޭ ހާދިސާތަކާއި އުޅަނދު ފަހަރު ގެއްލުން
ގަދީމީ ވާހަކަތަކާއި، ގޮތްނޭނގޭ ގޮތަށް އުޅަނދުފަހަރު ގެއްލުމާއި، އަދި ގުދުރަތީ ބާރުގަދަ ހާދިސާތަކުގެ ސަބަބުން، ޑްރޭގަންސް ޓްރޭންގަލް ސަރަޙައްދަކީ ދުނިޔޭގައިވާ އެންމެ ސިއްރުން ފުރެފައިވާ ކަނޑުގެ ސަރަހައްދެއްގެ ގޮތުގައި މިއަދުވެސް ދެމިއޮތް ތަނެކެވެ.
ހުޅަނގު ޕެސިފިކް ކަނޑުގެ ބާނިތަކުގެ އަޑީގައި ފޮރުވިފައިވަނީ ދުނިޔޭގައި މިހާތަނަށް ހިނގާފައިވާ އެންމެ ސިއްރުވެރި އެއް ހާދިސާގެ އަސްލެވެ. 'ޑްރެގަންސް ޓްރޭންގަލް' ނުވަތަ 'ޑެވިލް ސީ' ގެ ނަމުން މަޝްހޫރުވެފައިވާ މި ސަރަޙައްދަކީ، ބާމިއުޑާ ޓްރޭންގަލް ފަދައިން، ގޮތްނޭނގޭ ގޮތަށް އުޅަނދުފަހަރާއި މަތިންދާބޯޓުތައް ގެއްލޭ ސަރަޙައްދެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ތަނެކެވެ.
ޖަޕާނުގެ ދެކުނުން، ޓައިވާނާއި ފިލިޕީންސް ކަނޑާ ދެމެދު އޮންނަ މި ސަރަޙައްދަށް ދުނިޔޭގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނީ 1950 ގެ އަހަރުތަކުގައެވެ. އެއީ އެ ސަރަޙައްދުން މަސްބޯޓުތަކެއް އާދަޔާޚިލާފު ގޮތްތަކަކަށް ގެއްލެން ފެށުމާ ގުޅިގެންނެވެ.
މީގެ ތެރެއިން އެންމެ ހިތާމަވެރި އެއް ހާދިސާއަކީ 1952 ވަނަ އަހަރު ޖަޕާނުގެ ދިރާސާކުރާ އުޅަނދެއް ކަމަށްވާ 'ކައިއޯ މާރޫ ނަންބަރު 5' ގެއްލުނު ހާދިސާއެވެ.
މިޔޯޖިން ރީފް ކައިރީގައި ހުރި އަލިފާން ފަރުބަދަތަކެއްގެ ދިރާސާކުރަން އުޅެނިކޮށް އެ އުޅަނދު ގެއްލުނީ އޭގައި ތިބި 31 މީހުންނާއެކުގައެވެ. މި ހާދިސާއާއެކު، އެ ސަރަޙައްދުގެ ނާމާންކަމާއި ސިއްރުވެރިކަން އިތުރަށް ބޮޑުވެގެން ދިޔައެވެ.
'ޑްރެގަންސް ޓްރޭންގަލް' އާ ގުޅޭގޮތުން ޗައިނާ އާއި ޖަޕާނުގެ ގަދީމީ ވާހަކަތަކެއް ވެސް ފެތުރިފައިވެއެވެ. އެ ވާހަކަތަކުގައި ބުނާގޮތުން، އެ ކަނޑުގައި ދިރިއުޅޭ ބާރުގަދަ 'ޑްރެގަންތަކެއް' އުފައްދާ ބޮޑެތި ތޫފާންތަކާއި، ކަނޑުގެ ވަޅުގަނޑުތަކުގެ ތެރެއަށް އުޅަނދުފަހަރު ދަމައިގަންނަނީއެވެ. މި ސަރަޙައްދަށް 'ޑްރެގަންސް ޓްރޭންގަލް' ގެ ނަން ދެވިފައިވަނީ ވެސް މިފަދަ ގަދީމީ ވާހަކަތަކަށް ނިސްބަތްކޮށެވެ.
މިފަދަ ވާހަކަތަކަކީ ގިނަބައެއްގެ ހިތްތަކުގައި ޝައުގުވެރިކަން އުފައްދާ ކަންތައްތަކެއް ނަމަވެސް، ސައިންސްވެރިން މިއީ އިންސާނީ ބުއްދިއަށް ނުވިސްނޭ ފަދަ އާދަޔާޚިލާފު ކަންތައްތަކެއް ކަމަށް ގަބޫލެއް ނުކުރެއެވެ. އޭގެ ބަދަލުގައި ސައިންސްވެރިން ފާހަގަކުރަނީ އެ ސަރަހައްދު އޮންނަ ގޮތުން ދިމާވާ ގުދުރަތީ ސަބަބުތަކެކެވެ.
ސައިންސްވެރިން ބުނަނީ އެއީ "ޕެސިފިކް ރިންގް އޮފް ފަޔަރ" ގެ ތެރޭގައި ހިމެނޭ ސަރަހައްދަކަށް ވެފައި، އެތަނުގައި ހުންނަ ކަނޑުއަޑީގެ އަލިފާން ފަރުބަދަތަކާއި، ގިނަގިނައިން އަންނަ ބިންހެލުންތަކާއި، ކަނޑުގެ ގަދަ އޮއިވަރުގެ އިތުރުން މޫސުމަށް އަންނަ ކުއްލި ބަދަލުތަކުގެ ސަބަބުން، ދަތުރުފަތުރު ކުރުމަށް ނުރައްކާތެރި ހާލަތްތަކެއް މެދުވެރިވަނީ ކަމަށެވެ.
އެހެންނަމަވެސް، އެ ސަރަހައްދުން ފެންނަ އާދަޔާ ހިލާފު އަލިތަކާއި، މިސްރާބު ދައްކާ ކަމްޕަސް ފަދަ އާލާތްތަކަށް ދިމާވާ މައްސަލަތަކާއި، އަދި އެއްވެސް ސަބަބެއް ނޭނގި މީހުންނާއި އުޅަނދުފަހަރު ގެއްލޭ ކަމަށް ބުނާ ރިޕޯޓްތަކަކީ، އަދިވެސް ތަހުގީގުކުރާ ފަރާތްތަކާއި މިފަދަ ސިއްރުތަކަށް ޝައުގުވެރިވާ މީހުންގެ މެދުގައި ބޮޑު ބަހުސެއް ހިނގަމުންދާ ކަންކަމެވެ.
މިކަންކަމަކީ ގުދުރަތީ ބާރުތަކެއްގެ ސަބަބުން ދިމާވާ ކަންތައްތަކެއް ކަމުގައި ވިޔަސް، ނުވަތަ ޒަމާނުއްސުރެ ދެކެވޭ ފޯލޯކް ވާހަކަތަކަކަށް ވިޔަސް، ޖަޕާނުގެ "ޑްރެގަންސް ޓްރައިއެންގަލް" އަކީ ޕެސިފިކް ކަނޑުގެ ސަރަހައްދުގައިވާ އެންމެ ހައިރާންކުރުވަނިވި އަދި ސިއްރުތަކުން ފުރިގެންވާ އެއް ސަރަހައްދެވެ.


