މަތިންވައްޓާ މަރާލީ އެކްސިޑެންޓެއް ކަމަށް ދެއްކުމަށް

ސިއާގެ މައްޗަށް ކުރަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް: ވަކީލު

މަތިންވައްޓާ މަރާލީ އެކްސިޑެންޓެއް ކަމަށް ދެއްކުމަށް

ލޯހަގަދް ފޯޓްގައި ހިނގި މަރުގެ ހާދިސާ

މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު އިންޑިއާގެ ޕޫނޭގައި ހުންނަ ކިއްލާއަކުން ޒުވާނަކު ވެއްޓި މަރުވުމުން، ފުރަތަމަ ބެލެވުނީ އެއީ ހިތާމަވެރި އެކްސިޑެންޓެއް ކަމަށެވެ. އުމުރުން 26 އަހަރުގެ ކެޓަން އަގަރްވާލް، އޭނާގެ ލޯބިވެރިޔާ ސިއާ ގޯޔަލްއާއެކު ޒިޔާރަތްކުރީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ރީތި މަންޒިލެއް ކަމަށްވާ ލޯހަގަދް ކިއްލާއަށެވެ.

ނަމަވެސް، އޭގެ ދުވަސްތަކެއް ފަހުން ފުލުހުން ވަނީ 20 އަހަރުގެ ސިއާ އާއި އޭނާގެ އެކުވެރިއެއް ކަމަށްވާ 22 އަހަރުގެ ޗެތަން ޗައުދަރީ ހައްޔަރުކޮށްފައެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި، މި ދެމީހުން ރޭވުންތެރިކަމާއެކު ކެޓަން ކިއްލާގެ މަތިން ވައްޓާލައި މަރާލީއެވެ. އަދި ސިއާ އާއި ޗެތަންއާ ދެމެދު ސިއްރު ލޯބީގެ ގުޅުމެއް އޮތް ކަމަށްވެސް ފުލުހުން ބުނެއެވެ.

މީޑިއާގެ ސަމާލުކަން މި މައްސަލައަށް ވަނީ ވަރަށް ބޮޑަށް ހުއްޓިފައެވެ. ފުލުހުން ތަހުގީގުން ހޯދާ މައުލޫމާތުތައް މަދު މަދުން ހާމަކުރަމުންދާއިރު، ސޯޝަލް މީޑިއާގައި ކެޓަން އާއި ސިއާގެ އަމިއްލަ ފޮޓޯތަކާއި ވީޑިއޯތައް ވަނީ އާންމުވެފައެވެ. ވަކިން ހާއްސަކޮށް، ސިއާއަށް އަމާޒުކޮށް ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން ދަނީ އޮހެމުންނެވެ. ތަހުގީގު ނުނިމެނީސް އޭނާއަކީ ގާތިލެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔާ ދިމާ ކުރަމުންނެވެ.

ތަހުގީގަށް ހޯދުނު ކަންތައްތައް

އާއިލާގެ މައުލޫމާތުތަކަށް ބަލާއިރު، ކެޓަން އާއި ސިއާ އެންގޭޖްވީ މިދިޔަ ފެބުރުއަރީ މަހުއެވެ. އަދި މިއަހަރުގެ ފަހުކޮޅު ކައިވެނި ކުރުމަށް ހުރިހާ ތައްޔާރީތަކެއް ވެސް އޮތީ ނިމިފައެވެ.

ޕޫނޭ ފުލުހުންގެ އިސް އޮފިޝަލެއް ކަމަށްވާ ސަންދީޕް ގިލް ވިދާޅުވި ގޮތުގައި، ކެޓަން މަރުވީ ކިއްލާގެ މަތިން ކަހާލައިގެން ވެއްޓިގެން ކަމަށް ސިއާ ބުނި ނަމަވެސް، ތަހުގީގުން އެކަމާ މެދު ޝައްކުތަކެއް އުފެދުނެވެ. ކެޓަންއަކީ މިފަދަ ތަންތަނަށް ގޮސް އުޅުމުގެ ތަޖުރިބާ ހުރި މީހެއް ކަމުން، ކުއްލިއަކަށް ކަހާލައިގެން ވެއްޓުމަކީ ގަބޫލުކުރަން ދަތި ކަމެއް ކަމަށް އާއިލާއިން ވެސް ބުންޏެވެ.

ފުލުހުން ބުނާ ގޮތުގައި، ސިއާ ބޭނުންވީ ކެޓަންއާ ކައިވެނި ނުކޮށް ޗެތަންއާ ގުޅޭށެވެ. މަތިންވައްޓާ ކެޓަން މަރާލީ އެއީ އެކްސިޑެންޓެއް ކަމަށް ދެއްކުމަށްޓަކައެވެ. ސީސީޓީވީ ފުޓޭޖުން ފެނުނު ގޮތުގައި، އެދުވަހުގެ ހޫނުމިން 33 ޑިގްރީގައި ހުރިއިރުވެސް، ބޯ ނިވާކޮށްގެން ހޫޑީއެއް ލައިގެން ހުރި މީހަކު ކިއްލާ ސަރަހައްދުގައި އުޅުނެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި އެއީ ޗެތަންއެވެ.

ވަކީލުންގެ ރައްދު

ސިއާގެ ވަކީލު ވިޕުލް ދުޝިންގް ބުނާ ގޮތުގައި، ސިއާގެ މައްޗަށް ކުރަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެކެވެ. އޭނާ ހައްޔަރުކުރީ ގާނޫނީ އެކަށީގެންވާ ހެއްކެއް ނެތި، ހަމައެކަނި ކެޓަންގެ އާއިލާގެ ޝަކުވާއަށް ބަލައިގެން ކަމަށް ވަކީލު ތުހުމަތު ކުރެއެވެ. ޗެތަންގެ ވަކީލުވެސް ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

އާއިލާގެ އިހުސާސްތައް

ކެޓަންގެ ބައްޕަ ވިޝާލް އަގަރްވާލް ބުނީ، ސިއާ ކައިވެނި ކުރަން ބޭނުން ނުވާކަން ކުރިން ބުނިނަމަ ވަގުތުން ކައިވެނި ކެންސަލް ކުރީސް ކަމަށެވެ. ކެޓަންގެ މަންމަ ބުނީ އޭނާ ސިއާ ދެކުނީ އަމިއްލަ ދަރިއެއްގެ ގޮތުގައި ކަމަށެވެ. އާއިލާއިން މިހާރު އެދެނީ މި މައްސަލައިގައި އިންސާފު ގާއިމުކޮށް، ކުށްވެރިންނަށް މަރުގެ އަދަބު ދިނުމަށެވެ.

މި މައްސަލައިގައި ދައުލަތުގެ ވަކީލަކަށް ހަމަޖައްސާފައިވަނީ އިންޑިއާގެ މަޝްހޫރު ގާނޫނީ ވަކީލު އުއްޖަލް ނިކަމްއެވެ. އޭނާއަކީ މުމްބާއީ ހަމަލާގެ މޭސްތިރި މުހައްމަދު ގަސާބަށް މަރުގެ އަދަބު ހޯދައިދިން ވަކީލެވެ.

އަނެއްކޮޅުން، ސިއާގެ މައިންބަފައިން ތިބީ ލިބުނު ސޮކެއްގައެވެ. ސިއާގެ މަންމަ ބުނި ގޮތުގައި ސިއާ ކެޓަން ދެކެ ވަރަށް ލޯބިވެއެވެ. އަދި އޭނާއަށް އެއްވެސް މަޖުބޫރުކަމެއް ނެތް ކަމަށާއި، މި ހާދިސާގެ ސަބަބުން ދެ އާއިލާވެސް ބަނގުރޫޓުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

މައްސަލައިގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.