ރައީސް މުއިއްޒަށް: ވޯޓް ދެވޭނީވެސް ސިއްހަތު ސަލާމަތުން ތިބެގެން

ރައްޔިތުން މާޔޫސްވާ ހިސާބަށް ގައުމުގެ އަމާނާތްތެރިންގެ އިހުމާލު ބޮޑުވެއްޖެ

ރައީސް މުއިއްޒަށް: ވޯޓް ދެވޭނީވެސް ސިއްހަތު ސަލާމަތުން ތިބެގެން

ދިވެހިރާއްޖެއިން މީސަލްސް ނައްތާލުމުގެ ފަހުރު 2017ގައި ރާއްޖެއަށް ވަނީ ލިބިފައެވެ. ރާއްޖޭން މީސަލްސް ނައްތާލެވުމުން ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ދިން ސެޓުފިކެޓާއި ހަވާލުވީ ރައީސް ޔާމީންގެ ސަރުކާރުގެ ހެލްތު މިނިސްޓަރު އަބްދުއްލާ ނާޒިމް އިބްރާހީމެވެ.

ރާއްޖެއަށް ލިބުނު މީސަލްސް ނައްތާލިކަމުގެ ސެޓިފިކެޓަކީ އެތައް ދުވަހެއްގެ މަސައްކަތެކެވެ. ވެކްސިން ދިނުމާއި ބަލި ރެކޯޑް ނުކުރެވޭތާ ދުވަސްތަކެއް ވުމުން ލިބޭ ލިޔުމެކެވެ. ރާއްޖެ ފަދަ ގައުމަކަށް ލިބޭނެ ކުރިއެރުމެކެވެ. ފަހުރެކެވެ. ރާއްޖެ ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭނެ ހިތްހަމަޖެހުމެކެވެ. އިތުބާރެކެވެ. 

ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު ފާލުން ނެއްޓޭން ފެށީ އިއްޔެއަކު މިއަދަކު ނޫނެވެ. އެހެން ނަމަވެސް މުއިއްޒު ވެރިކަމާ ހަވާލުވީފަހުން ރައްޔިތުންގެ ތެރޭގައި އެއަޑު ގަދަވެއްޖެއެވެ. ކަންބޮޑުވާ ވަރަށް ސިއްހީ ނިޒާމް ބޮއްސުން ލައިފިއެވެ. ބޭސް ނުލިބުމާއި ޑޮކްޓަރު ބޭނުންވާ ޓެސްޓުތައް ހެދޭނެ ކެމިކަލް ނެތުމާއި ޑޮކްޓަރަށް ދައްކާ ކިޔު ދިގުވުމާއި ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގެ އާބާތުރަ ނުފިލުވުމުގެ މައްސަލައާއި އަޅާނުލެވުމުގެ މައްސަލަ ތަކެވެ.

ބައެއް ނޫސްތަކުން ފެންނަގޮތުންނަމަ ޑޮކްޓަރު ލިޔެދޭން ޖެހޭނީ ރާއްޖޭގައި ލިބެން ހުންނަ ބޭހެވެ. ހަދަން އަންގަންޖެހޭނީ ރާއްޖެއިން ހެދޭނެ ޓެސްޓުތަކެވެ. އާސަންދައާއި އެންސްޕާ އަކީ މާ މަތީ ބަޔަކަށް ހައްގުވާ އެއްޗަކަށްވެ ހިދުމަތްތަކުން މަހުރޫމުވެފައިވާ ބަޔަކު އުޅޭތީ އެ ވާހަކަތައް ސޯޝަލް މީޑިއާއިން އިވި، ފެންނަތާ ދުވަސްތަކެއް ވެއްޖެއެވެ.

ބަލި ޖެހޭނެއެވެ. އެ ބަލިން ދިފާއު ނުވެވޭނަމަ އެ ބަލިތަކަށް ލިބެންޖެހޭ ފަރުވާ އިންތިޒާމް ކުރުމަކީ ދިވެހިރާއްޖޭގެ ސިޔާސީ ސިޔާސަތު އުނގަންނާދޭ ފިލާވަޅުތަކެކެވެ. އެހެން ނޫން ނަމަ ހޮސްޕިޓަލުތައް މަދުކޮށް ސަހަރާތައް އިތުރު ކުރަންވީއެވެ. މިއަދުގެ ވެރިއަކީ ސަހަރާތައް ނައްތާލުމުގެ ރެކޯޑް އޮތް ބޭފުޅެކެވެ. އެހެންނޫން ނަމަ ސިއްހީ ހިދުމަތުގެ ފެންވަރު މަތިވާން ޖެހޭނެއެވެ.

މިއަދު ދިވެހިރާއްޖޭގައި ފަސޭހަ ކަމާއި އެކު ފެތުރޭ ހުރިހާ ބައްޔެއްހެން އެބައުޅެއެވެ. މިފަދަ ބަލިތަކުގެ ހާއްޔަކަށް ރާއްޖެ ވެއްޖެއެވެ. ނެތީ ކޮންޓްރޯލްކުރާނެ ފޯމިއުލާއެވެ. އެ ވިސްނުމެވެ. މަގާމުތަކުގެ އަދަދުތައް އިތުރުވިއިރު ހިދުމަތުގެ ފެންވަރު ދިޔައީ ދަށަށެވެ. 

މީސަލްސް ރާއްޖެއިން ނެތި ދިޔައީ ބަޔަކު މީހުން ހިކުމަތްތެރިކަމާއި އެކު ކުރެވިދިޔަ ބުރަ މަސައްކަތަކުންނެވެ. އެންމެހާ ދިވެހީންގެ ހައްގުގައެވެ. 2017 ވަނައަހަރަކީ ރައީސް ޔާމީނުގެ ވެރިކަމުގެ 4 ވަނައަހަރެވެ. އެ ދުވަސްވަރަކީ ސިއްހީ ހިދުމަތުގެ ރާއްޖެއަށް ބަހާރު މޫސުން ކަމަށް ގަބޫލު ކުރަން ޖެހެއެވެ. 

2023 ވަނައަހަރުގެ ބަދަލުގެ ނަތީޖާ ރައްޔިތުން ތަހައްމަލު ކުރަން މިޖެހުނީ ސިއްހީ ހިދުމަތްތައް އޮޕްޝަނަލް ކަމެއްގެ ގޮތުގައެވެ. ދައުލަތުން ލިބެންޖެހޭ ހިދުމަތެއްގެ ގޮތުގައި އޮތްއޮތުމަށް ފުށުއެރުންތަކެއް ކުރިމަތިވި ދައުރަކަށެވެ. ދިވެހިރާއްޖޭގައި މިއަދު ވިހާ ކުދިންގެ އަދަދަށްވުރެ ބަލީގެ ވައްތަރުތައް އިތުރު ކަމަށް މީހުން ކިޔާތީ އިވެއެވެ.

ނަލަނަލަ ވައުދުތަކެއް ވިއެވެ. އާސަންދަ އާއި އެންސްޕާގެ ފިޔަގަނޑު ބެންކޮކާއި ޑުބާއީއަށެވެ. ބޭހުގެ ކްލާސް ޔޫރަޕަށެވެ. މިގޮތަށް ވަމުންވަމުން ގޮސް ނުވާ ވައުދެއް ނެތެވެ. ރައްޔިތުންނަށް ލިބުނީ އަވަށްޓެރި ގައުމެއްގެ ޕެނަޑޯލް ގުޅައަކާއި ބާމު ފުޅިއެކެވެ. އެވެސް ޓެކްސަށް ފައިސާ ދައްކާ ގޮތަށެވެ.

2017 ވަނަ އަހަރުގެ ކުރިއެރުން ފަހަތަށް ޖެހުމުގައި އިހުމާލުވާނޭ ފަރާތްތަކެއް ވާނެކަމަށް ފުރިހަމަ އިންސާނީ ބުއްދިއަށް ގަބޫލު ކުރެވޭނެއެވެ. ބޭރު މީހުންގެ ހެލްތު ސްކްރީން ކުރުމުން ފެށިގެން ލިބެންޖެހޭ ހިދުމަތް ފޯރުކޮށްދިނުމުގެ ނުކުޅެދުންތެރިކަން ސަބަބަކަށް ނުވެ ނުދާނެއެވެ. މީސަލްސްއަށް ޖަހާނެ ވެކްސިންކޮޅު ގަނެވޭނެ ހަކަތަ ދައުލަތުގެ ބަޖެޓުގައި ނެތްކަމަށް ވީ އިއުތިރާފަކީ ރާއްޖެއަށް ކުރި މަލާމާތެކެވެ.

ޑޮލަރުން ޓޫރިސްޓު ހަރަކާތްތަކަށް އާމްދަނީ ވަންނަ ގައުމަކަށް އޮތް ހުތުރެކެވެ. ބަންކަރިންނާއި އިންވެސްޓާރސް ބޭންކުގެ ނަފާ ނެތްކަމަށް ދަލީލުކޮށްދޭ އިސްރާފެކެވެ. ރައްޔިތުން މާޔޫސްވާ ހިސާބަށް ގައުމުގެ އަމާނާތްތެރިންގެ އިހުމާލު ބޮޑުވެއްޖެއެވެ. އަމާނާތަށް ހިޔާނާތްތެރި ވެއްޖެއެވެ.

އިސްލާހުވެ އިސްލާހު ކުރައްވީ ވަގުތު އަދި ނުޖެހެނީ ތޯއެވެ. 2027 އާއި 2028 ގައި ވާނެ އިތުރު ވައުދަތައް ލިޔުން ހުއްޓާލާން ވެއްޖެއެވެ. ރައްޔިތުންގެ އިތުބާރުގެއްލިއްޖެއެވެ. ޒިންމާދާރުވާށެވެ. ދިވެހި ދަރީންގެ ސިއްހަތް ގުރުބާން ނުކުރައްވާށެވެ. ވޯޓަކަށް ދާނަމަ ވޯޓު ދޭނީ އަދިވެސް އެ ރައްޔިތުންނެވެ.