އަރަބިން ކައިގެންތިއްބަސް ދިވެހިންގެ އަނގަޔާ އަތާ ދިމާނުވޭ

ތަކެތީގެ އަގުތައް އުފުލި ރައްޔިތުންނަށް ތަކުލީފުތަކަކަށް ވާން ފަށައިފި

އަރަބިން ކައިގެންތިއްބަސް ދިވެހިންގެ އަނގަޔާ އަތާ ދިމާނުވޭ

ތަކެތީގެ އަގުތައް އުފުލި ރައްޔިތުންނަށް ތަކުލީފުތަކަކަށް ވާން ފަށައިފިއެވެ. އެންމެންނަކީ ދައުލަތުގެ ހަރަދުގައި ޒަރޫރީ ބޭނުންތައް ފުއްދަން އާދަ ވެފައިވާ ބައެއް ނޫނެވެ.

މުއިއްޒު މޭޔަރަކަށް ހުރި ދުވަސްވަރު ބުނެފައިވެއެވެ. “މާލޭގެ ރައްޔިތުންނަށް ދެއްކޭނެ މިންވަރަށް ވުރެ ކަރަންޓު ބިލުތައް ބޮޑެވެ”. މުއިއްޒެވެ. ކުރީ ސަރުކާރަށް ވުރެ މި ސަރުކާރުން ބިލުކުރާވަރު މާބޮޑަށްވެސް ބޮޑެވެ. 

މުއިއްޒު ސަރުކާރު ވެރިކަމާއި ހަވާލުވި ފަހުން ބާޒާރުން ގަންނަ ތަކެތީގެ އަގުތައް ގާތްގަނޑަކަށް %40 ވަރު ބޮޑުވެއްޖެއެވެ. ލިބޭ މުސާރައިން ވާވަރެއް ނުވެއެވެ. ބޮޑުވީ ހަމައެކަނި ކަރަންޓު ބިލުތަކެއް ނޫނެވެ. ފެންބިލާއި، އިންޓަރނެޓުވެސް މެއެވެ. ތަކެތީގެ އަގުތައް ބޮޑުވި އިރު ދައުލަތަށް ދައްކާ ޓެކްސްތައް ބޮޑުވުމަކީ އިތުރު ވޭނެކެވެ. މި ސަރުކާރު ވޭނެކޭ ބުނަނީއެއް ނޫނެވެ. ވޭނެއް ނޫނޭ ބުނެވެން ނެތީއެވެ. 

ރިޔާސީ ކެމްޕެއިން ދުވަސްވަރު ވަރަށް ކުޅަދާނަ މީހަކު އަރަބި ބަހާއި ވައްތަރު ބަހަކުން ބުނެފައިވެއެވެ. ދިވެހީން ތިބޭނީ ކައިގެންނެވެ. އަރަބި އިސްލާމީ ގައުމު ތަކުގެ މީހުން ކައިގެން ތިބިއްޔާ ދިވެހީންވެސް ތިބޭނީ ކައިގެންނެވެ. އަދިވެސް ބުންޏެވެ. ކާށިދޫ ކަނޑުން ތެޔޮ ހޮޅި ނެރެންޖެހިއްޖެއްޔާ ކާށިދޫ ކަނޑުންވެސް ތެޔޮ ހޮޅިތައް ނެރެ ދިވެހީންނާއި ހިސާބަށް ތެލާއި ގޭސް ހޯދާދޭނަމެވެ. ޝުކުރިއްޔާއެވެ. 

މިއަދު ތެޔޮ ވަރަށް ތިޔާގި ވެއްޖެއެވެ. ބޭނުންވަރަކަށް ތެލާއި ގޭހާއި ބޮނަކުއާ ފެންވެސް އެބަ ލިބެއެވެ. ދުނިޔޭގެ ބާޒާރުގައި “ތެޔޮ” މިބަސް ބޭނުން ކުރާ ހިސާބުން ރުފިޔާއެއް އިތުރުވެއެވެ. ނަމަވެސް ތެޔޮ ލިބެނީ ހެޔޮ އަގުގައެވެ. އަތޮޅު ތެރޭގައި އަދި މާބޮޑަށް ހެވެވެ. މާލެއިން 16ރ އަށް ޕެޓްރޯލް ލީޓަރެއް ލިބޭނަމަ އަތޮޅުތެރެއިން އެއްވެސް ޖެހިލުމެއްނެތި 30ރ އަށް ޕެޓްރޯލް ލީޓަރެއް ލިބެއެވެ. ހީވަނީ ވާދައަށް އަގުމައްޗަށް ޖައްސާލާހެންނެވެ. އެހެން ނަމަވެސް ޝުކުރިއްޔާއެވެ. 

މަނިކުފާނެވެ. ކާށިދޫ ކަނޑުން ތެޔޮ އެތެރެ ކުރި ގޮތަށް އަރަބި ރޮށީގެ ހޮޅިއެއްވެސް އަޅާ ދޭން ދަންނަވާލަ ދެއްވާށެވެ. ހަމައެކަނި ވަކި ބުރޭންޑެއްގެ ފެނެއްގެ ބަދަލުގައި އިތުރު ބުރޭންޑު ތަކުގެ ފެނާއި އަރަބި ރޮއްޓާއި ކަދުރާއި މާމުއި ހޮޅިއެއްވެސް އެވެރިން ލައްވާ އަޅާ ދީބަލާށެވެ.

ހައްޖު ކޯޓާކޮޅެއްވެސް ތިޔަ ހޮޅިން ލިބޭތޯ ބަލާލަދެއްވާށެވެ. ވަރަށް ގިނަ ރައްޔިތުން ލިސްޓުތަރުތީބު ނައިސްގެން އެބައުޅެއެވެ. ކޯޓާ އައިސް ހަމަވޭތޯ އިންތިޒާރުގައި ތިއްބާ ނިޔާވެސް ވެއްޖެއެވެ. 

އިސްލާމީ އިލްމު އުނގެނިގެން ހުރި މީހެއްގެ ކިބައިގައި ނުބައިކަމާއި ޖާހިލުކަންވެސް ހުންނަން ވާނީ ވަކި ވަރަކަށެވެ. ދީނީ އިލްމުވެރިންގެ ބަސް ރައްޔިތުން ނުއަހަނީ ދީން އެނގިހުރެ ދީނާއި ހިލާފުކަންކަމަށް ރައްޔިތުންނަށް ގޮވާލާތީ ކަމަށް ދީނީ އިލުމު ވެރިއަކު ބުންޏެވެ.

ދޮގަކީ ހުއްދަ ކަމަކަށް ނުހެދޭނެއެވެ. ވިޔާނުދާ އަމަލުތައް ސައްހަ އަމަލު ތަކަކަށް ނުހެދޭނެއެވެ. އާންމު ރައްޔިތުން އިސްވެ ދީނީ އިލްމުވެރިންނަށް ދަރުސް ދޭން ޖެހޭ މިންވަރަށް ގައުމުގެ ހާލަތު ކިލަނބުވެ، ނާމާން ވެއްޖެއެވެ.

އިސްލާހުވެ، އިސްލާހުވާން ގޮވާލިއްޔާ ރަގަޅު ވާނެއެވެ. ތިމާ ބުނާ ވާހަކައަކީ ތިމާ އަމަލުކުރާ ބަހަކަށް ވާން ޖެހެއެވެ. ދޮގު ވެރިންނަށް މީހުން ކައްޒާބޭ ކިޔައެވެ.