ޓެކްސް ދައްކާ ރައްޔިތުންނަށް ޓެކުހުން ލިބެނީ ކޮޅުދާލިކޮޅު
ޓެކްސްއަކީ ދައުލަތުގެ ވެރިންގެ އުފަލާއި އައްޔާޝީއަށް ނެގޭ ފައިސާއަށް ވުމުން ލިބޭނީ ތުނބުންވެއްޓޭ ފުށް
ޓެކްސްގެ ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފަސޭހަ ކަމާއި އެކު ފޯރު ކޮށްދިނުން ނޫންކަމަށް ދައުލަތުން ގަބޫލު ކުރީ ކަމަށް ވެދާނެއެވެ. ޓެކްސްއަކީ ދައުލަތުގެ ވެރިންގެ އުފަލާއި އައްޔާޝީއަށް ގެނޭ ފައިސާ އަށް ވީއެވެ. އިންތިހާބެއް އޮތިއްޔާ އެ އިންތިހާބަށް ވެސް ހަރަދު ކުރަނީ ދައުލަތަށް އެކިއެކި ގޮތްގޮތުން ހޯދާ ފައިސާއެވެ. ދައުލަތުގެ ކުންފުނިތަކުގެ ފައިސާ ތަކެވެ. ކުރިން ނުވާ އެތައް ކަމެއް ކުއްލި ގޮތަކަށް އެޕްރޫވް ވެ ކުންފުނިތައް ނޮޅާލައެވެ.
ދިވެހިރާއްޖެއަށް ކުރިމަތިވެފައި މިވަނީ ޑެމޮކްރަސީގެ ކޮން ވިސްނުންތަކެއް ކަމެއް ދަންނަ މީހަކު ނެތެވެ. ޓެކްސްތަކުން ރައްޔިތުންނާއި ހިސާބަށް އަންނަނީ ކޮޅު ދާލި ކޮޅެކެވެ. ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭ އަދަދަށް ވުރެ ހަރަދު ބޮޑެވެ. ނަމަވެސް ރަގަޅު ތައުލީމެއް ނެތެވެ. މަދަރުސާ ތަކުގައި ކިޔަވާ ދެނީ މުގައްރަރު ފުރިހަމަ ކުރުން އަމާޒަކަށް ބަލައިގެންނެވެ. ޓެކްސްފައިސާއިން މުސާރަދޭ ސަރުކާރުގެ ސްކޫލްތަކުގައި އުޅޭ ކުދިންގެ ނަތީޖާތައް ޕްރައިވެޓް ސްކޫލްތަކުން ހޯދާ ނަތީޖާތަކާއި ނުބައްދަލުވާ ސަބަބު ހޯދަން ވެއްޖެއެވެ.
ސަރުކާރުގެ އިސް ފަންތީގައި ހަރަކާތްތެރިވާ އިއްޒަތްތެރިންގެ ދަރިން ގިނައިން އުޅެނީ ޕްރައިވެޓް ސްކޫލް ތަކުގައެވެ. ދައުލަތާއި ސަރުކާރު ހިންގަން އުޅޭ މީހުންވެސް ސަރުކާރު ސްކޫލްތަކުގެ ފެންވަރު ދައްކަމަށް ގަބޫލު ކުރަނީއެވެ. ރަގަޅު ޓީޗަރުންނާއި ވަސީލަތް ހަމަ ސްކޫލްތައް ސަރުކާރު ސްކޫލްތަކުގައި ހަމަކުރަން ނަގާ އެއްޗަކަށް ޓެކްސް ނުވަނީ ތޯއެވެ.
ސިއްހީ ހިދުމަތް ވަނީ ވެންޓިލޭޓަރުގައެވެ. ޑޮކްޓަރު ކިއު އުޅެނީ ހާހުން މަތީގައެވެ. ބޭހެއް ނެތެވެ. ޓެސްޓު ހަދާނެ މެޝިނެތް ނެތެވެ. ބޭނުން ކުރާނެ ކެމިކަލެއް ނެތެވެ. ޕްރައިވެޓް ހޮސްޕިޓަލް ތަކަށް ވުރެ ސަރުކާރުގެ ސިއްހީ ނިޒާމް ބޮޑުތަނުން ވަނދެވެ. އެކަމަކުވެސް ޓެކްސް ނަގަނީ ސިއްހީ ހިދުމަތް ރަގަޅު ފެންވަރަކަށް ދޭށެވެ. ކަމެއް ވާއިރަށް ދާން ވީ ފުރައިގެން ބޭރަށެވެ. އާސަންދަ އާއި އެންސްޕާ ލިބެނީ ކޯޓުތުރުކުރައްވާ ބޭބޭފުޅުންގެ އެކުވެރިންނާއި އާއިލާތަކަށެވެ. ޓެކްސުން ރައްޔިތަށް ލިބެނީ ޕެނަޑޯލް ގުޅައަކާއި ބާމު ފުޅިއެކެވެ. ކީހައި ޅެމެއް މިވީ ފަރިއްސަށެވެ. ޖެހި ހިސާބުދިޔައީ ތޮއްޑޫ ދަށުންނެވެ.
ތަކެތީގެ އަގުތައް ހިފަހައްޓަން ސަރުކާރު ވަނީ ނުކުޅެދިފައެވެ. ހަފުތާއަކުން ހަފުތާއަކުން ތަކެތީގެ އަގުތައް އެބަ އުފުލެއެވެ. ހިދުމަތް ތަކުގެ އަގުތައް އުފުލެއެވެ. ރައްޔިތުން ބޭނުންވަނީ ޓެކްސްފައިސާ އިން ފުރިހަމަ ހިދުމަތް ތަކެއް ހޯދާށެވެ. ޖާހާ ހައިބަތަށްޓަކައި ވަޒީފާ ތަކަކަށް މީހުންވައްދާ ހިދުމަތުގެ އަގުތަކާއި ހިދުމަތްތައް މެދުކަނޑާލާކަށް ނޫނެވެ.
ހިދުމަތްތައް ބޮޑުއަގުގައި ގަންނަން ޖެހުމަކީ ކުރިއެރުމެއް ނޫނެވެ. ކޮންމެ ރައްޔިތެއް ހަމަހަމަ ވާން ޖެހެއެވެ. އެއީ އަސާސީ ހިދުމަތް ލިބުމުގައެވެ. ސިއްހަތާއި ތައުލީމާއި ރައްކައުތެރިކަމާއި ކެއިން ބުއިމަށް ބޭނުންވާ ތަކެތި ހެޔޮ އަގުގައި ފޯރު ކޮށް ނުދެވި، ސިއްހީ ހިދުމަތް ލިބުމުގައި އިހުމާލު ވާނަމަ ޓެކްސް ނުނަންގަވާށެވެ. ނުވަތަ ސަރުކާރުން ހިދުމަތް ފޯރު ކޮށްނުދޭނެ ގިންތި ތަކެއް ކަނޑައަޅާ އެ ރައްޔިތުންގެ އަތުން ޓެކްސް ނެގުންވެސް ހުއްޓާލާށެވެ. އިންސާފުވެރި ވާށެވެ.
ރައްޔިތުންނޭވެ.
ދެ ފުށަށް ކެޑޭ މީހެއްގެ ނަމަ އަމަލާ ބަހާ އެއްގޮތްނުވޭ،
އެ ފުށާ މިފުުށް އޮފުދާރުކޮށް ދޮގުތައްހަދަން ޖެހިލުންނުވޭ ،


