ފްލެޓް މިލްކުނުވާ ހާލަތެއްގައި މާލޭ ދަތުފުތަރަށް ރައްވެހިކަން މިހާރު ބަދަލުވެވޭނެ
ފަހި ދިރިއުޅުން ކޯޕަރޭޝަން އިން ފްލެޓް ދޫކޮށްފައިވާ ފަރާތްތަކަށް ރަށްވެހިންގެ ރަޖިސްޓްރީ ހަދައި ދިނުމަށްފަހު، އެއްވެސް ސަބަބަކާ ހުރެ ފްލެޓް މިލްކުނުވާ ހާލަތެއްގައި، އެވަގުތަކު ރަށްވެހިންގެ ރަޖިސްޓްރީގައި ތިބި ފަރާތްތައް، މާލެ ސިޓީގެ ދަފްތަރުގައި ޖައްސައިދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލްގެ 05 ވަނަ ދައުރުގެ 02 ވަނަ ރަސްމީ އާންމު ޖަލްސާގައި މި ގޮތަށް ނިންމާފައިވަނީ، ރަށްވެހީންގެ ރަޖިސްޓްރީ ހަދައި ދިނުމަށްފަހު، އެއްވެސް ސަބަބަކާ ހުރެ ކުލި ނުދެއްކިގެން ކުއްޔަށް ދީފައިވާ ފަރާތަށް ފްލެޓް މިލްކު ނުވާހާލަތެއްގައި، އެވަގުތަކު ރައްވެހިންގެ ރަޖިސްޓްރީގައި ތިބި ފަރާތްތަކާ މެދު އަމަލު ކުރާނެ އުސޫލެއް ކަނޑައެޅުމަށް ކައުންސިލްގައި ކުރެވުނު މަޝްވާރައަށް ފަހުގައެވެ.
މޭޔަރ އާދަމް ޢާޒިމް ވިދާޅުވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން އިން ފްލެޓް ލިބިފައިވާ ފަރާތްތަކަށް ރަށްވެހިންގެ ރަޖިސްޓްރީ ހަދައިދިނުމަކީ މާލެ ސިޓީ ކައުންސިލްގެ ޒިންމާއެއް ކަމަށެވެ. ރަށްވެހިންގެ ރަޖިސްޓްރީގައި މީހަކު ޖެއްސުމަށްފަހު އެމީހާ ވެގެންދާނީ މާލެ ސިޓީއަށް ނިސްބަތްވާ މީހަކަށް ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ. ނަމަވެސް ފްލެޓް މިލްކު ނުވާހާލަތެއްގައި، އެވަގުތަކު ރައްވެހިންގެ ރަޖިސްޓްރީގައި ތިބި ފަރާތްތައް އެ ހާލަތުގައި ކޮންމެވެސް ތަނެއްގައި އެމީހުން ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް ވެސް މޭޔަރ ވިދާޅުވިއެވެ.
"ފަހި ދިރިއުޅުން ކޯޕަރޭޝަން އިން ފްލެޓް ލިބިފައިވާ ފަރާތްތަކަށް ރަށްވެހިންގެ ރަޖިސްޓްރީ ހަދާދޭން ޖެހޭ. މިނިސްޓްރީ ވެސް އޮތީ އަންގާފަ. ދެން އޮތީ ކުލި ނުދެއްކިގެން ވިއްކާލާ ހާލަތުގައި ދެން ވާނީ ކިހިނެތް ހެއްޔޭ؟ މި ވަރަށް ރެއަރ ކޭސް އެއް. މިފަދަ ހާލަތުގައި އެ ތަނެއްގެ ރަށްވެހި ރަޖިސްޓްރީގައި ތިބި މީހުންނަށް ކޮންމެވެސް ގޮތެއް އޮންނަން ޖެހޭނެ" މޭޔަރ އާޒިމް ވިދާޅުވިއެވެ.
ކަމަކީ މިހާރު ވެސް މަދުމަދުން ދިމާވަމުން އަންނަ މައްސަލައެއް ކަމަށާއި، މިކަމަށް ކޮންމެވެސް އިދާރާއަކުން ހައްލު ހޯދާދޭން ޖެހޭނެ ކަމަށް އާޒިމު ދެކިވަޑައިގަންނަވައެވެ.
ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ ވިދާޅުވާ ގޮތުގައި މިއީ އެކަމަނާގެ ދާއިރާގެ ވަރަށް ގިނަ ރައްޔިތުންގެ މަސްލަހަތު އޮތް ކަމެއް ކަމަށާއި، މިކަމާ ބެހޭގޮތުން ފްލެޓް ލިބުނު ފަރާތްތަކާއި، ފަހި ޔޫނިއަންގެ ބޭފުޅުންނާއި އެކު މަޝްވަރާކޮށް ހިޔާލު ހޯދަންޖެހެއެވެ. އަދި މާލޭގެ ދަފްތަރަކީ ހަމަ މާލެގެ ރައްޔިތުން ކަމަށާއި މިކަމަށް ވިހާވެސް އަވަސް ހައްލެއް ހޯދުމަށް އެކަމަނާ އެދިވަޑައިގަންނަވައެވެ.
ހުޅުމާލެ މެދު ދާއިރާގެ ކައުންސިލަރ އަޙްމަދު ސަނީހް ހަނީފް އިސްލާހެއްވެސް ހުށަހެޅުއްވިއެވެ. އެ އިސްލާހުގައި ވަނީ ދަފްތަރުގައި ޖައްސާ މީހުންގެ ތެރެއިން ފްލެޓް ލިބުނު ފަރާތާއި، އެތަނުގައި އިތުރަށް ރަށްވެހިކަމުގެ ރަޖިސްޓްރީވާ އެހެން ފަރާތްތައް ފާހަގަ ކުރެވޭނެހެން އުސޫލެއް ގެންގުޅުން މުހިއްމު ކަމަށެވެ. އެމީހުންނަކީ ފްލެޓް ލިބިފައިވާ ފަރާތާއި އެއް ހަމައެއްގައި ބޯހިޔާވަހިކަން ކަށަވަރުވެފައިވާ ބަޔަކަށް ނުވާތީ ފްލެޓް ލިބޭ ފަރާތް އެނގޭނެހެން ދަފްތަރު އެކުލަވާލުމަށް އޭނާ ހުށަހެޅިއެވެ.


