ފެންބޮޑުވި ހޮހަޅައިގާ ތާށިވި ފަސްމީހަކު ހަފްތާއެއް ފަހުން ދިރިތިއްބާ ފެނިއްޖެ
ލާއޯސްގެ ފެންބޮޑުވެފައިވާ ހޮހަޅައެއްގެ ތެރޭގައި ހަފުތާއެއް ވަންދެން ތާށިވެފައި ތިބި ފަސް މީހަކު ސަލާމަތުން ތިއްބާ ފެނިއްޖެއެވެ.
ހުސްވި ހަފްތާގައި ލާއޯސްއަށް ކުރި ބޯ ވިއްސާރައިގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ފެންބޮޑުވި ހޮހަޅައެއްގެ ތެރޭގައި ތާށިވި ފަސް މީހަކު، އެތައް ދުވަހަކު ބަންދުވެފައި ތިއްބާ ސަލާމަތްކުރާ ފަރާތްތަކުން ހޯދައިފިއެވެ. މި ހާދިސާގައި އެ މީހުންނާއެކު ތިބި އިތުރު ދެ މީހަކު އަދިވެސް ނުފެންނަ ކަމަށް، މި މަސައްކަތުގައި ހަރަކާތްތެރިވާ ލާއޯސް އާއި ތައިލެންޑުގެ ރެސްކިއު ޓީމުތަކުން މައުލޫމާތުދެއެވެ.
މި ހަތް މީހުންނަކީ ލާއޯސްގެ މެދުތެރޭގެ ޒައިސޮމްބޫން ޕްރޮވިންސަށް ނިސްބަތްވާ ބަޔެކެވެ. އެ މީހުން މިދިޔަ ހަފުތާގެ ބުދަ ދުވަހު ހޮހަޅައަށް ވަނީ ރަނާއި ޖަނަވާރު ހޯދުމަށެވެ. ނަމަވެސް، ހޮހަޅައިގެ ދޮރު ބަންދުވުމުގެ ސަބަބުން އެ މީހުންނަށް ބޭރަށް ނިކުމެވޭގޮތް ވަނީ ނުވެފައެވެ.
ސަލާމަތްކުރާ ފަރާތްތަކުން އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ ފަރާތްތަކުން ހަރަކާތްތެރިވަމުން ދިޔައީ ފެންބޮޑުވެ، ކިސަޑުން ފުރިފައިވާ ހަނި މަގުތަކެއްގެ ތެރޭގައެވެ. "ރެސްކިއު ވޮލަންޓިއާ ފޯ ޕީޕަލް" ގެ ފަރާތުން ވާހަކަދެއްކި ބޫންހަމް ލުއަންގްލާތު ބުނި ގޮތުގައި، ގެއްލިފައިވާ އަނެއް ދެ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. "އަދިވެސް އަހަރެން މިހުރީ ބިރުން ގަނޑުވެފައި. މިއީ އަހަރެމެންގެ ޓީމުން ކުރި ވަރަށް ބޮޑު މަސައްކަތެއް،" އޭނާ ފޮނުވި އަޑުގެ މެސެޖެއްގައި ބުނެފައިވެއެވެ.
ސަލާމަތްކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ބިމުގެ އަޑިއަށް ވަރަށް ފުންކޮށް ދެމިގެން ގޮސްފައިވާ މި ހޮހަޅަ ނިޒާމަކީ އިންތިހާއަށް ހަނި ތަނެކެވެ. މީގެ ބައެއް ދިމާދިމާލުގައި ހުންނަނީ އެންމެ 50 ސެންޓިމީޓަރު (20 އިންޗި) އެވެ.
"އަހަރެމެންނަށް ފަސް މީހަކު ސަލާމަތުން ފެނިއްޖެ. އެންމެންގެ ހާލުވެސް ރަނގަޅު،" ރެސްކިއު ވޮލަންޓިއާ ފޯ ޕީޕަލް އިން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވެއެވެ.
ތައިލެންޑުގެ ރެސްކިއު މަސައްކަތްތެރިއެއް ކަމަށްވާ ކެންގްކަޗް ބަންގްކަވޮންގް ފޭސްބުކްގައި ބުނި ގޮތުގައި، މި މީހުން ފެނިފައިވަނީ އެ ގައުމުގެ ގަޑިން ހަވީރު 16:30 ހާއިރުއެވެ. ފިންލޭންޑުގެ މާހިރު ޑައިވަރެއް ކަމަށްވާ މިކޯ ޕާސީ ބުނި ގޮތުގައި، މި މަސައްކަތަކީ ވަރަށް ނުރައްކާތެރި މަސައްކަތެކެވެ. ސަބަބަކީ ހޮހަޅައިގެ ތެރޭގައި ފެންބޮޑުވެފައި އޮތުމާއި، ބިންގަނޑު ކަނޑައިގެން ދިއުމުގެ ބިރު އޮތުމާއި، އަދި ވައި ނުސާފުވުމުގެ ނުރައްކާ އޮތުމުންނެވެ. އޭނާ ލަފާކުރާ ގޮތުގައި މި ހަތް މީހުން ތާށިވެފައި ތިބީ ހޮހަޅައިގެ ދޮރުން ފެށިގެން ގާތްގަނޑަކަށް 300 މީޓަރު (984 ފޫޓު) އަޑީގައެވެ.
މި މީހުން ހޮހަޅައަށް ވަނީ ވެރިރަށް ވިއެންޓިއާންއާ 120 ކިލޯމީޓަރު އުތުރުގައި އޮންނަ ސަރަހައްދަކުންނެވެ. އެ ސަރަހައްދުގެ ރެސްކިއު މަސައްކަތްތެރިއެއް ކަމަށްވާ ބައެންގް ބުނި ގޮތުގައި، އެއީ ވަކި މީހެއްގެ މިލްކިއްޔާތުގައި އޮންނަ ތަނެއް ނޫން ކަމުން، އާންމުން އެތަނަށް ގޮސް ކާނާ ހޯދުމަށާއި އެކި ބޭނުންތަކަށް ވަޅު ކޮނެ ހަދައެވެ.
މި އޮޕަރޭޝަނުގައި ބައިވެރިވި ކެންގްކަޗް އަކީ، 2018 ވަނަ އަހަރު ތައިލެންޑުގެ ޗިއަންގް ރާއީ ޕްރޮވިންސުގެ ހޮހަޅައެއްގައި ތާށިވި 12 ކުޑަކުދިންނާއި އެ ކުދިންގެ ފުޓްބޯޅަ ކޯޗު ސަލާމަތްކުރުމުގެ ބޮޑު އޮޕަރޭޝަނުގައިވެސް ބައިވެރިވި މީހެކެވެ. މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓުނު އެ ހާދިސާއާ ގުޅިގެން "ތާރޓީން ލައިވްސް" އަދި "ދަ ރެސްކިއު" ފަދަ ފިލްމުތަކާއި ޑޮކިއުމެންޓްރީތައް ވެސް ވަނީ އުފައްދާފައެވެ.




