ހަވާއީގައި ދުނިޔެއަށް ސިއްރު ކުރެވިފައިވާ ރަށް: ނިއީހާއު
ގިނަ މީހުންނަށް "ހަވާއީ" އޭ ބުނުމުން ސިފަވަނީ ހުދު ދޮންވެލި ގޮނޑުދޮށްތަކާއި، ސަގާފީ ކެއުންތަކާއި، އަދި ހިތްފަސޭހަ ދިރިއުޅުމެކެވެ. ނަމަވެސް، މަޝްހޫރު ފަތުރުވެރި މަންޒިލްތައް ކަމަށްވާ ހޮނޮލުލޫ، އޯހޫ އަދި މާއުއީގެ ބޭރުން، ގިނަ ބަޔަކަށް އެނގިފައިވެސް ނުވާ ރަށެއް އޮވެއެވެ.
ކާއުއީގެ ހުޅަނގު އައްސޭރިން 17 މޭލު ދުރުގައި އޮންނަ މި ރަށުގެ ނަމަކީ ނިއީހާއު އެވެ. މިއީ "މަނާ ކުރެވިފައިވާ ރަށް" ގެ ނަމުން މަޝްހޫރުވެފައިވާ ތަނެކެވެ. 1800 ގެ އަހަރުތަކުން ފެށިގެން މި ރަށް ވަނީ ބޭރުގެ ދުނިޔެއާ އެކަހެރިކޮށް "ރައްކާތެރި" ކުރެވިފައެވެ. މި ރަށުގެ ފަހަތުގައިވާ ސިއްރުތަކާއި އޭގެ ޝައުގުވެރި ތާރީhaށް ބަލާލަމާ ހިނގާށެވެ.
ވަގުތު ހުއްޓިފައިވާ ރަށެއް
ނިއީހާއު ކިޔާރަށުގައިވެސް ހަވާއީގެ އެހެން ރަށްތަކެކޭ އެއްފަދަ ރީތި ގޮނޑުދޮށްތައް ހުރެއެވެ. ނަމަވެސް އެތަނަށް ދިއުމުގެ ފުރުސަތެއް އެއްވެސް މީހަކަށް ނުލިބޭނެއެވެ. ބޭރު ދުނިޔެއާ އެއްވެސް ގުޅުމެއް ނެތް މި ރަށް ފެންނަނީ ހަމަ ހަގީގަތުގައިވެސް ވަގުތު ހުއްޓިފައިވާ ތަނެއްގެ ގޮތުގައެވެ. މި ރަށުގެ ރައްޔިތުން މިއަދުވެސް ދިރިއުޅެމުންދަނީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިން އެމީހުންގެ ކާބަފައިން އުޅުނު ފަދައިން، މަސްވެރިކަމާއި ޝިކާރަކުރުން ފަދަ އާދަކާދަތަކުގެ މައްޗަށެވެ.
މި ރަށް މިގޮތަށް ރައްކާތެރިކުރެވިފައި އޮތީ އެލިޒަބަތު މެކްހަޗެންސަން ނަމަކަށް ކިޔާ އަންހެނަކާއި، 1800 ގެ އަހަރުތަކުގައި ހެދިފައިވާ ތަފާތު އެއްބަސްވުމެއްގެ ސަބަބުންނެވެ.

އެލިޒަބަތު މެކްހަޗެންސަން
އެލިޒާގެ ނަމުން މަޝްހޫރުވި އެލިޒަބަތު މެކްހަޗެންސަން އުފަންވީ 1800 ވަނަ އަހަރު ސްކޮޓްލޭންޑުގައެވެ. އޭނާ ކައިވެނިކުރީ ކެޕްޓަން ފްރާންސިސް ސިންކްލެއާއާއެވެ. މި ދެމަފިރިންނަށް ހަ ކުދިން ލިބުނެވެ. ހަވަނަ ކުއްޖާ ލިބުމަށްފަހު، އެ އާއިލާއިން ނިންމީ ނިއުޒީލޭންޑަށް ހިޖުރަކޮށް އާ ދިރިއުޅުމެއް ފެށުމަށެވެ.
1841 ވަނަ އަހަރު ނިއުޒީލޭންޑަށް ގޮސް، ޕިޖަން ބޭގައި އެމީހުން ދަނޑުވެރިކަމުގެ ބޮޑު މަސައްކަތެއް ފެށިއެވެ. ފްރާންސިސްއަކީ ކަނޑުދަތުރުފަތުރުގެ ކެޕްޓަނަކަށްވުމުން، ދަނޑުވެރިކަމުގެ ސާމާނު އެކި ތަންތަނަށް އުފުލައި ވިޔަފާރި ފުޅާކުރިއެވެ. ނަމަވެސް، ފަސް އަހަރު ފަހުން، ފްރާންސިސްއާއި އޭނާގެ ދޮށީ ފިރިހެން ދަރިފުޅު ކުރި ދަތުރެއްގައި އުޅަނދު ބަނޑުންޖަހާލައި، އެންމެން މަރުވީއެވެ.
އެލިޒާ އުންމީދު ކަނޑައެއް ނުލިއެވެ. ފިރިމީހާއާއި ދަރިފުޅު ވަކިވެގެން ދިޔުމުން، އެލިޒާގެ ބާކީ ތިބީ ފަސް ދަރިންނެވެ. ނަމަވެސް އޭނާ ހިތްވަރު ދޫކޮށެއް ނުލައެވެ. އޭނާ އަލުން ދަނޑުވެރިކަން ކުރިއަރުވައި، ހުރިހާ ދަރިން ބޮޑުކޮށް ކައިވެނިކޮށްދިނެވެ. އެއަށްފަހު 1863 ގައި ކެނެޑާއަށް ހިޖުރަކުރިއެވެ.
ކެނެޑާގެ ވެންކޫވަރަށް ދިޔައިރު، އެތަނުގެ ބިންތަކަކީ ދަނޑުވެރިކަން ކުރަން އެންމެ އެކަށީގެންވާ ތަންތަނެއް ނޫނެވެ. އެހެންކަމުން، އެލިޒާ ނިންމީ އޭރު "ސޭންޑްވިޗް އައިލެންޑްސް" ގެ ނަމުން މަޝްހޫރުވެފައިވާ ހަވާއީއަށް ދިއުމަށެވެ. އެތަނުން އޭނާ ރަސްގެފާނު ކަމޭހަމޭހާ އާ ބައްދަލުކޮށް، ނިއީހާއު ރަށް ގަތުމަށް އެދުނެވެ.
ޝަރުތަކާއެކު ރަށް ވިއްކުން
1864 ވަނަ އަހަރު، 10,000 ޑޮލަރުގެ ރަނަށް ރަސްގެފާނު އެ ރަށް ސިންކްލެއާ އާއިލާއަށް ވިއްކާލިއެވެ. ނަމަވެސް، އެއް ޝަރުތަކާއެކުގައެވެ. އެއީ ބޭރުގެ ނުފޫޒުތަކުން އެ ރަށާއި ރަށުގެ ރައްޔިތުން ރައްކާތެރިކޮށްދިނުމެވެ. ސިންކްލެއާ އާއިލާއިން އެކަމަށް އެއްބަސްވެ، ރަށުގެ މީހުންނަށް އެހީތެރިވަމުން ދިޔައެވެ.
1930 ގައި އެޅި ހަރުކަށި ފިޔަވަޅުތައް
ރަސްގެފާނުގެ އެދުމަށް އިހުތިރާމްކޮށް، 1930 ގެ އަހަރުތަކުގައި އެ އާއިލާއިން ނިންމީ ބޭރުގެ އެއްވެސް މީހަކަށް އެ ރަށަށް ނާދެވޭ ގޮތަށް ރަށް ބަންދުކުރުމަށެވެ. މިއީ އޭރު ފެތުރެމުންދިޔަ ބަލިމަޑުކަމުން ރައްޔިތުން ސަލާމަތްކުރުމަށާއި، ރަށުގެ އަސްލު ސަގާފަތް (ކަހިކީ) ދެމެހެއްޓުމަށް އެޅި ފިޔަވަޅެކެވެ.
މިއަދުގެ ހާލަތު
މިއަދުވެސް އެ ރަށަކީ އެލިޒާގެ ދަރިކޮޅުގެ މީހުން ކަމަށްވާ "ރޮބިންސަން" އާއިލާގެ އަމިއްލަ މިލްކެކެވެ. އެމީހުން އަދިވެސް ދަނީ އެ ގަދީމީ އާދަކާދަތައް ދަމަހައްޓަމުންނެވެ. އެ ރަށަކީ މުޅި ދުނިޔޭގައިވެސް "ހަވާއިއަން" ބަހުން ވާހަކަދައްކާ ހަމައެކަނި ތަންތަނުގެ ތެރެއިން އެއް ތަނެވެ.
އަމާން އަދި ހިތްފަސޭހަ ދިރިއުޅުމެއް
މި ރަށުގައި ކަރަންޓާއި ފެނުގެ ނިޒާމެއް ނޯވެއެވެ. ރައްޔިތުން ބޭނުންކުރަނީ ވާރޭފެނާއި އިރުގެ ހަކަތަ (ސޯލާ ޕެނަލް) އެވެ. ދުނިޔޭގެ ހަލަބޮލިކަމާ ދުރުގައި، އެމީހުން އުޅެނީ ވަރަށް އާދައިގެ، ހިތްހަމަޖެހޭ ދިރިއުޅުމެކެވެ.
ދަތުރުފަތުރުގެ މިނިވަންކަން
ބޭރު މީހުންނަށް ރަށަށް ނާދެވުނަސް، ރަށުގެ ރައްޔިތުންނަށް ރަށުން ބޭރަށް ދިއުމުގެ ހުއްދަ އޮވެއެވެ. ގިނަ މީހުން މަސައްކަތް ހޯދުމަށް ކާއުއީއަށް ދަތުރުކުރެއެވެ. އެ ރަށުގައި ދިރިއުޅެނީ ގާތްގަނޑަކަށް 70 އާއި 170 އާ ދެމެދުގެ އަދަދަކަށް މީހުންނެވެ.
ހަރުކަށި ގަވާއިދުތައް
ރަށުގައި ދިރިއުޅުމަށްޓަކައި ބައެއް ގަވާއިދުތަކަށް ބޯލަނބަންޖެހެއެވެ. އެގޮތުން ބަނގުރަލާއި ހަތިޔާރު ގެންގުޅުން މަނަލެވެ. އަދި ކޮންމެ އާދީއްތަ ދުވަހަކު ފައްޅިއަށް ދިއުން މަޖުބޫރެވެ. މި ގަވާއިދުތަކާ ހިލާފުވާ މީހުން ރަށުން ބޭރުކުރެވެއެވެ.
ރަށަށް ތަކެތި ގެންދިއުން
ރަށަށް ބޭނުންވާ ކާބޯތަކެއްޗާއި އެހެނިހެން ސާމާނު ކޮންމެ ހަފުތާއަކު ބޯޓެއްގައި ގެންދެވެއެވެ. ހަމައެކަނި މަނާ ކުރެވިފައިވާ ތަކެތި ފިޔަވައި އެހެން ހުރިހާ އެއްޗެއް ލިބެއެވެ. އަދި އެމެރިކާގެ އަސްކަރިއްޔާގެ މަރުކަޒެއްވެސް އެ ރަށުގައި ގާއިމުކޮށްފައިވެއެވެ.
ފަތުރުވެރިކަމުގެ ކުޑަ ފުރުސަތެއް
މުޅިން ބަންދު ރަށެއް ނަމަވެސް، ވަރަށް މަދު ފުރުސަތެއްގައި ހެލިކޮޕްޓަރު މެދުވެރިކޮށް ރަށުގެ ބައެއް ސަރަހައްދުތައް ބަލާލުމުގެ ފުރުސަތު ދެއެވެ. ނަމަވެސް، މީހުން ދިރިއުޅޭ އަވަށްތަކާ ގާތަށް ދިއުމަކީ ދުވަހަކުވެސް ފުރުސަތު ދޭނެ ކަމެއް ނޫން ކަމަށް ރަށުގެ ވެރިން ބުނެއެވެ.
ޖަނަވާރުންގެ މާހައުލެއް
އިންސާނުން މަދުވުމުގެ ސަބަބުން، ނިއީހާއުއަކީ ނެތިގެންދާ ފަނާވެދާނެ ބައެއް ދިރުންތަކަށް އޮތް ރައްކާތެރި މާހައުލެކެވެ. ހާއްސަކޮށް "މޮންކް ސީލް" ނަމަކަށް ކިޔާ ސީލް ފަދަ މަސްމަހާމެހި މި ރަށުގައި ވަރަށް ގިނައިން އާލާވެއެވެ.
އިތުރު މައުލޫމާތު
މި ރަށުގެ މީހުންނަކީ ގޮނޑުދޮށުން ހޮވާ ރީތި ބޮލިތަކުން ގަހަނާ ހެދުމަށް މަޝްހޫރު ބައެކެވެ. މި ތަކެތި ހަވާއީގެ އެހެން ރަށްތަކުގައި ވަރަށް އަގުބޮޑުކޮށް ވިއްކަން ހުރެއެވެ. ރަށުގައި މާގިނަ މުނިފޫހިފިލުވުމުގެ ވަސީލަތްތައް ނެތުމުން، ޒުވާނުން ބައެއް ފަހަރު ދުނިޔެ ބަލާލުމަށް ރަށުން ބޭރަށް ދެއެވެ. ނަމަވެސް އެނބުރި އަންނަން ބޭނުން ކޮންމެ ފަހަރަކުވެސް އެ މީހުންނަށް އެ ފުރުސަތު އޮވެއެވެ.
ނިއީހާއު އަކީ ޒަމާނީ ތަރައްގީގެ ހަލަބޮލިކަމުން އެކަހެރިވެ، އަމިއްލަ ވަންތަކަމާއި ގަދީމީ އާދަކާދަތައް ދަމަހައްޓަމުންދާ، ދުނިޔޭގައިވާ މަދު ތަންތަނުގެ ތެރެއިން ފާހަގަކޮށްލެވޭ ތަފާތު ރަށެކެވެ.




