ޝަހުޒާނާއި ލީވާން ޖަލަށްލުމަކީ ދައުލަތުން ދިން އަނިޔާއެއް: މަހުފޫޒު
ލީވާން އާއި ޝަހުޒާން ޖަލަށް ލީ ކްރިމިނަލް ކޯޓުން އުފެއްދި ހާލަތެއްގެ ދަށުންކަމަށް މަޝްހޫރު ގާނޫނީ ވަކީލް މަހުފޫޒު ސައީދު ވިދާޅުވެއެވެ. ހިނގަމުންދާ މައްސަލައެއްގެ ވާހަކަ ދެއްކުމަކީ ކުށަކަށް ހަދާ އެ ދެމީހުން ޖަލަށް ލާން ހުކުމް ކުރީ ވެސް ކްރިމިނަލް ކޯޓުންކަމަށް އޭނާ ވިދާޅުވިއެވެ
މީހަކު ޖަލުގައި ބަންދުކުރެވުމަކީ އޭނާގެ އެތައް އަސާސީ ހައްގުތަކެއް ހިފެހެއްޓި އަމިއްލަ މިނިވަންކަމާއި އިހުތިޔާރުތައް ދޫކޮށްލަން ޖެހޭ ކަމަށާއި މިނިވަންކަމާއެކު އުޅޭ މީހަކަށް އިހުސާސު ވެސް ކުރެވޭނެ ހާލަތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ވަކީލު މަހުފޫޒު ވިދާޅުވާގޮތުގައި ޖަލުގައި މީހުން ބަންދުކުރުމުގެ އަދަބުގެ އަސާސަކީ ވަކި މީހެއްގެ ފުށުން މުޖުތަމައު ސަލާމަތްކުރުމެވެ. އޭގެ ބޭނުމަކީ ވަކި މީހަކީ މުޖުތަމައުއަށް ދޫވެފައި ހުރެއްޖެނަމަ އޭނާގެ ފުށުން މުޖުތުމައުއަށް ނުރައްކާވެދާނޭ ފަދަ މީހަކަށްވާނަމަ އޭނާ އެކަހެރި ކުރުމެވެ. ޖަލަށް ލުމުގެ އަދަބު ދެވޭ އަސާސް ގާނޫނުލްއުގޫބާތުގެ 1201 ވަނަ މާއްދާގައި ކިޔައިދީފައި އޮތްކަމަށް ވިދާޅުވީ އެމާއްދާގައި އޮތީ ތިން ސަބަބެކެވެ.
(1) މުޖުތަމައުގެ ރައްކަލަކަށްޓަކައި ކުށްވެރިޔާ މުޖުތަމައުން އެކަހެރިކޮށްފައި ބަންދުކުރުމުގެ ބޭނުންތެރިވުން؛
(2) ކުށްވެރިޔާ ކުރި ކުށުގެ އަމަލަކީ މުޖުތަމައު ކުށްވެރިކުރާ ނުރައްކާތެރި އަމަލެއްކަމަށް ދެއްކުމަށްޓަކައި ކުށްވެރިޔާ އެކަހެރިކޮށް ބަންދުކުރުން ކޮންމެހެން ބޭނުންތެރިވުން، ނުވަތަ
(3) ކުށްވެރިޔާގެ ހާލަތަށާއި، އޭނާ ކުޅަ ކުށުގެ އަމަލަށް ބަލާއިރު، އެކަހެރިކޮށް ބަންދުކުރުން ފިޔަވައި އެކަށީގެންވާ އެހެން އަދަބެއް ނެތުން.
ލީވާންއާއި ޝަހުޒާން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމުން މި މާއްދާގައި ބުނެފައިވާ އެއްވެސް މަގުސަދެއް ހާސިލުނުވާ ކަމަށް މަހުފޫޒު ވިދާޅުވެއެވެ. ޖަލަށް ލުމުގެ އަދަބު ދިނުމުގައި ބަލަންޖެހޭ މިންގަނޑުތަކެއް ހުރިކަމަށާއި އަދަބު ކަނޑައެޅުމުގެ އިލްމުގެ ފަލްސަފާއަކީ ވެސް ކޯޓުން ރިއާޔަތްކުރި ކަމެއް ނޫން ކަމަށް މަހުފޫޒު ވިދާޅުވިއެވެ.
ކުށުގެ ނުރައްކާތެރިކަމާއި ކުޑަބޮޑުމިނަށް ބަލައި ޖަލަށް ލުމުގެ އަދަބު ފިޔަވައި އެހެން އަދަބުތައް ދިނުމަށް ވެސް ގާނޫނުލްއުގޫބާތު ތަންދޭކަމަށާއި އެ ގާނޫނުގެ 1005 ވަނަ މާއްދާގައި އެ ތާވަލް އޮތްކަމަށް ވަކީލް މަހުފޫޒު ވިދާޅުވެއެވެ.
ލީވާންއާއި ޝަހުޒާން ޖަލުގައި ބަންދުކުރުމުގެ އަދަބު ދިން ދިނުމަކީ ދައުލަތުން އެ ދެމީހުންނަށް ދިން އަނިޔާއެއް ކަމަށް މަހުފޫޒު ވިދާޅުވެއެވެ. މި މޭރުމުން މަހުފޫޒު ވާހަކަ ދައްކަވާފައިވަނީ އަދަދު ނުހުގައި އޭނާ ލިޔުއްވާ ޝާއިއުކުރެއްވި ލިޔުމެއްގައެވެ.




