ރައްޔިތުންގެ ބާރުގެ ކުޑަމިންވަރަކުން މުއިއްޒު ސަރުކާރު ކޮށިއަރުވާލައިފި

ރައްޔިތުންގެ ބާރުގެ ކުޑަމިންވަރަކުން މުއިއްޒު ސަރުކާރު ކޮށިއަރުވާލައިފި

ރައްޔިތުންގެ ބާރުގެ ކުޑަ މިންވަރެއް ރައްޔިތުން ބޭނުން ކޮށްލައިގެން މުއިއްޒު ސަރުކާރު ކޮށިއަރުވާލައިފިއެވެ. ރައްޔިތުންގެ މެދުގައި ބޭއްވި އާދައިގެ ފެންނަ ނުފެންނަ ވޯޓެއްގައި ރައްޔިތުން ނޫނެކޭ ބުނި ބުނުން ވެގެން މި ދިޔައީ މުއިއްޒުގެ ސަރުކާރު ކޮޅުން އަޅުވާލާ މަޑޫތައް ނެއްޓި ދިޔަތައް ހަލާލި ކަމަކަށެވެ. 

ވެދާނެ ގޮތެއް ހަދާނެ ގޮތެއް ނޭގިފައި ތިބި އާދައިގެ ސިޔާސީ މުއައްޒަފުން ނިވައި ފަތްގަނޑަކަށް ހިއްލާލީ ރައީސާއެކު ގަދަކޮށް ތިބިކަމުގެ ބޯޑެވެ. ވަޒީރުން ތިބީ ވާނުވާގައެވެ. އެ މީހަކު ނިސްބަތްވާ ދާއިރާއިން ލިބުނު ބޮޑު ދެރައިން މުއިއްޒުގެ ކުރިމަތީގައި އެތައް ވަޒީރަކާއި ސިޔާސީ މީހުން ބޮޑުފޭއްޔަކުން ފޭލިވެއްޖެއެވެ. ވީ ފޭލީގައި ނެގުނީ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނޫނޭ ބުނެ ބަޔަކު އަދިވެސް ދަނީ ގަދަބަސް ބުނަމުންނެވެ.

ފެންނަ ނުފެންނަ ވޯޓާއި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރުމަށް އެ މީހަކު ބުނި ކަމެއް، ބުނި ގޮތަކަށް މުއިއްޒު ކޮށްދިނެވެ. ގައުމުގެ އިގުތިސޯދީ ހާލަތަށް ނުބަލާ އެތައް ސަތޭކަ މިލިޔަނެއް ހޭދަކުރިއެވެ. އެކަމަކު ނަތީޖާ ދިޔައީ ސުމަކުންނެވެ. 

މުއިއްޒު ރުޅި މަޑެވެ. މުއިއްޒު ލޮލުގައި އަނދުން މަތިމައްޗަށް އަޅުވައިގެން ކާކުކުރީ ކީއްކަން މުއިއްޒަށް އެނގިއްޖެއެވެ. މުއިއްޒާ މެދު ރައްޔިތުން ދެކޭ ގޮތުގެ ހަގީގީ މަންޒަރު ފެނިއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބި ޕީއެންސީ ގިނަ މީހުންވެސް ދިނީ ދޯކާކަން ސާފުވެއްޖެއެވެ. 

ހަމަތެދެކެވެ. 4 އެޕްރީލްގައި މުއިއްޒުގެ ވަރަ ރައްޔިތުން ނިކުމެ ކޮށާލައިފިއެވެ. ވެރިކަމެއްގެ ހާލަތު ބަނޑު ބިންމަތީގައިޖެހޭ ވަރަށް ދަށަށް ވެއްޓުނީމާ ސިފައިންނާއި ފުލުހުން ވެސް އަރާނީ ގަދަކޮޅަށެވެ. ވެރިއަކަށްޓަކާ ގުރުބާން ވާނީ މަދު ބައެކެވެ، ކޯޓުތަކާއި މިނިވަން މުއައްސަސާތައް ވެސް އޭރުން ހަށިފޮޅާލާނެއެވެ. ހިންޏަށް ހަކުރު އޮޅުވާލި މަޖިލިސް މެންބަރުންވެސް ކައިފުރާފައި ތިބުމުން ހޭހަން ކުރާކަށް ގަދަކޮށް ކައިރިއަކު ނުތިބޭނެއެވެ. 

ރައްޔިތުންގެ ބާރުގެ ކުޑަ މިންވަރަކުން މުއިއްޒު ސަރުކާރު ހަމަ ރަނގަޅަށްވެސް ކޮށިއަރުވާލައިފިއެވެ. ސަލާމަތް ބޭނުމިއްޔާ މަޝްވަރާގެ މޭޒު ދޮށަށް ދިޔުން ނޫން މޮޅު އެއްވެސް ގޮތެއް މުއިއްޒަކަށް ދެންނެތެވެ.