ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހަށް ރައްޔިތުން އިތުބާރެއްނުކުރޭ
ރައްޔިތުންގެ މަޖިލީހުގެ ސުޕަރމެޖޯރިޓީ ޕީއެންސީއަށް އޮވެގެން ނިންމާ ނިންމުންތައް ރައްޔިތުން ގަބޫލު ނުކުރާކަން އެންމެ ފަހުން ނެގި ފެންނަ ނުފެންނަ ވޯޓުން ކިތަންމެހާވެސް ރަނގަޅަށް އެނގިގެން ހިގައްޖެއެވެ. އެހެންކަމުން ރާއްޖޭގެ ގާނޫނު އަސާސީއަށް ޕީއެންސީ މެޖޯރިޓީން ގެންނަ އެއްވެސް ބަދަލަކީ ލެޖިޓިމޭޓް ބަދަލެއް ކަމަށް ގަބޫލުކުރެވޭކަށް ނެތެވެ.
ގާނޫނު އަސާސީއަށް ބަދަލު ގެނައުމުގައި ވަކި މާއްދަތަކަކަށް ގެންނަ ބަދަލު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ފެންނަ ކަމަށް ކަނޑަނާޅަނީސް ގާނޫނު އަސާސީގެ ބަޔަކަށް ނުވާނެކަމަށް ގާނޫނު އަސާސީގައި ބަޔާންވެފައި އޮވެއެވެ. ގާނޫނު އަސާސީއަށް ގެންނަ އެނޫން އިސްލާހުތައް ގާނޫނު އަސާސީގެ ބަޔަކަށް ވުމަށް ރައްޔިތުން ދެކޭގޮތް ބަލާކަށް ލާޒިމެއްނޫނެވެ.
އެހެން ނަމަވެސް އެންމެ ފަހުން އޮތް ފެންނަ ނުފެންނަ ވޯޓުގައި ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރުން ބައެއް ކުރުކުރުމަށާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ބޮޑު މެޖޯރިޓީއަކުން ވަނީ ނޫނެކޭ ބުނެފައެވެ. ޕީއެންސީގެ ފުޅާ މެޖޯރިޓީ އޮތް މަޖިލީހުން ބޮޑު އަގުލަބިއްޔަތަކުން ފާސްކުރި އެ އިސްލާހަށް ރައްޔިތުން ނޫނެކޭ ބުނުމުން މިހާރު އޮތް ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީއަށް ގެންނަ ކޮންމެ ބަދަލަކީ ރައްޔިތުންގެ ރުހުން އޮތް ބަދަލެއްތޯ ބެލުން ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމެވެ.
ގަނޫނު އަސާސީގައި ފެންނަ ނުފެންނަ ވޯޓަކަށް ދާން ބުނެފައި ނެތަސް މިހާރު މިއޮތް މަޖިލީހުން ގާނޫނު އަސާސީއަށް ގެންނަ ކޮންމެ ބަދަލަކާ މެދު ރައްޔިތުންގެ ރުހުން އޮތް ގޮތެއް ނުބައްލަވާ ގާނޫނު އަސާސީއަށް ގެންނަ އެއްވެސް ބަދަލެއް ރައީސް ތަސްދީގު ކުރެއްވުމަކީ ރައްކާތެރި ކަމެއްނޫނެވެ. ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ކޮންމެ ކަމެއްގައި ރައްޔިތުންގެ ދެކޭގޮތް ބެލުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ގާނޫނު އަސާސީން ރައީސަށް ޖާގަ ދީފައިވެއެވެ.
ރައްޔިތުންނާއި ގައުމާ މެދު ރައީސް މުއިއްޒުގެ ކުޑަވެސް އިހުލާސްތެރިކަމެއް އޮންނަމަ މި ހާލަތުގައި މަޖިލީހުން ގާނޫނު އަސާސީއަށް ގެންނަ ކޮންމެ ބަދަލަކާމެދު ރައްޔިތުން ދެކޭ ގޮތް ސާފުކުރާނެއެވެ. އެގޮތުން ރައްޔިތުން ދެކޭގޮތް ބަލަންޖެހޭ ބޮޑު ދެ ބަދަލެއް މިހާރު ވެސް ގާނޫނު އަސާސީއަށް ގެނެސްފައިވާ އެބައޮތެވެ.
އެއްބަދަލަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި 6 ވަނަ އިސްލާހެވެ. އަނެއް ބަދަލަކީ ލާމަރުކަޒީ ނިޒާމަށް ބަދަލުގެނެސް އަތޮޅު ކައުންސިލްތައް އުވާލަން ގާނޫނު އަސާސީއަށް ގެނައި 7 ވަނަ އިސްލާހެވެ. ދެ އިސްލާހަކީވެސް ސީދާ ރައްޔިތުންނާ ގުޅޭ ދެ އިސްލާހެވެ. އެހެން ކަމުން އެ ދެ އިސްލާހާ ދޭތެރޭގައި ރައްޔިތުން ދެކޭގޮތް ބެލުމަށް ފެންނަ ނުފެންނަ ވޯޓެއްނަގަން ކޮންމެހެން އެބަޖެހެއެވެ. އެ ވޯޓު ނެގުމަކަށް އެއްވެސް ހުރަހެއް ރައީސް މުއިއްޒަކަށް ނެތެވެ.
ރައީސް މުއިއްޒު ރައްޔިތުންގެ ފަޅީގައި ހުންނެވިއްޔާ އެ ދެ އިސްލާހާއި މެދު ރައްޔިތުން ދެކޭގޮތް ބައްލަވާލައްވަން ފަސްޖެހި ވަޑައެއް ނުގަންނަވާނެއެވެ. އެ ދެ އިސްލާހަށް ރައްޔިތުންގެ ރުހުން ލިބިއްޖެނަމަ ރައީސް ގެންގުޅުއއްވާ ޕީއެންސީ ސިޔާސަތަށް އޮތް ތާއީދު ފެނިގެން ދާނެއެވެ. އެ ދެ އިސްލާހާއެކު ކުރިއަށް ވަޑައިގަންނަވަންވީއެވެ. އެ ގޮތުގައި ކުރިއަށް ވަޑައިގަތުމަށް އޭރުން އެއްވެސް ހުރަހެއް ނުއޮންނާނެއެވެ. ރައީސް މުއިއްޒަށް ރައްޔިތުންކުރާ އިތުބާރާމެދު ޝައްކުކުރާނެ މީހަކުވެސް ނުހުންނާނެއެވެ.


